ޚަބަރު

ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރާއި ގަވަރުނަރު ވެސް އިސްތިޢުފާ ދެއްވައިފި


ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އިސްތިޢުފާ ދެއްވައިފިއެވެ. އުއްތަމަ ފަނޑިޔާރު ޢުބަޔިދު އަލް-ޙަސަނާއި މަރުކަޒީ ބޭންކު, ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު ޢަބްދު އަލް-ރަޢޫފު ތަލޫކާދަރު އިސްތިޢުފާ ދެއްވާފައި ވަނީ, ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން އެ ކަމަށް ބާރުއަޅާތީއެވެ.

އެ ދެ ބޭފުޅުން އިސްތިޢުފާ ދެއްވާފައި މި ވަނީ, ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެސް އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ. ޙަސީނާ އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރު އަލް-ޒަމާނެވެ. ނަމަވެސް, ޙަސީނާގެ ދަރިކަލުން ސަދީބް ވާޒިބް ޖޯއި ވަނީ ޙަސީނާ އިސްތިޢުފާ ދެއްވާފައިވާ ކަން ދޮގު ކުރައްވާފައެވެ.

ޙަސަނާއި ތަލޫކާދަރަކީ ޙަސީނާގެ ވެރިކަމުގައި ޢައްޔަން ކޮށްފައިވާ, އެ ކަމަނާއަށް ވަފާތެރި ދެ ބޭފުޅުންނެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޤާނޫނީ ދާއިރާގެ ވުޒާރާގެ މުޝީރު ޢާޞިފް ނަޛްރިލީ ވިދާޅުވީ, ޙަސަން އިސްތިޢުފާ ދެއްވާފައި ވަނީ, މުޒާހަރާގެ ބައިވެރިން އެ ކަމަށް ޑިމާންޑު ކުރުމުން ކަމުގައެވެ. އަދި, އޭނާ އިސްތިޢުފާ ނުދީފި ނަމަ ނުރައްކާތެރި ހާލަތެއް މެދުވެރިވާނެ ކަމަށް ބުނެ މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރުން އިންޒާރު ކޮށްފައިވާ ކަމުގައެވެ.

ނަޛްރިލީ ވަނީ, ހަމަނުޖެހުންތަކާއި މުދަލަށް ގެއްލުން ދިނުން ފަދަ އަމަލުތައް ހިންގުން ހުއްޓައިލުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވައިލައްވާފައެވެ. މުޒާހަރާތައް އިންތިޒާމު ކުރަމުންދާ ހަރަކާތުގައި އިސް ދައުރެއް އަދާ ކުރާ ދެ ދަރިވަރެއް ވެސް ވަގުތީ ސަރުކާރުގައި ބައިވެރި ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު ތަލޫކާދަރު އިސްތިޢުފާ ހުށަހަޅުއްވާފައިވީ ނަމަވެސް, ވަގުތީ ސަރުކާރުން އޭނާގެ އިސްތިޢުފާ ބަލައިގަނެފައެއް ނުވެއެވެ. ވަގުތީ ސަރުކާރުގެ މާލީ ވުޒާރާގެ މުޝީރު ޞާލިޙު އަލް-ދީން އަޙްމަދު ވިދާޅުވީ ތަލޫކާދަރުގެ އިސްތިޢުފާ ގަބޫލު ނުކުރަން ނިންމާފައި ވަނީ, ގަވަރުނަރުގެ މަޤާމާއި މަަސްއޫލިއްޔަތުތަކުގެ މުހިންމު ކަމުން ކަމުގައެވެ.

މުޒާހަރާތަކާ ގުޅިގެން މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ނައިބުގެ މަޤާމު ފުރުއްވަމުން ގެންދެވި ހަތަރު ބޭފުޅަކު ވެސް ދާދިފަހުން އިސްތިޢުފާ ދެއްވިއެވެ. އެ ބޭފުޅުން އިސްތިޢުފާ ދެއްވާފައި ވަނީ, ބަންގްލަދޭޝްގެ 400 ވަރަކަށް ބޭންކުގެ އޮފިޝަލުން މުޒާހަރާ ކުރަމުންދާ ދަރިވަރުންނާ ބައިވެރިވެ, އެ ބޭފުޅުންގެ އިސްތިޢުފާއަށް ޑިމާންޑު ކުރަން ފެށުމުންނެވެ.

މީގެ އިތުރުން, ދާކާ ޔުނިވަރިސިޓީގެ ވައިސް ޗާންސެލަރ އޭއެސްއެމް މަޤްޞޫދް ކަމާލް ވެސް ވަނީ އިސްތިޢުފާ ދެއްވާފައެވެ. ބަންގްލަދޭޝް ސަރުކާރާ ދެކޮޅު މުޒާހަރާތައް ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ފެށިގެން ދިޔައީ ދާކާ ޔުނިވަރސިޓީން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ދަރިވަރުން މުޒާހަރާ ކުރަން ފަށާފައި ވަނީ ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށެވެ.

އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 300އެއްހާ މީހުން މަރުވިއެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ, އެ ކުދިންގެ މަރުގެ ޒިންމާ ޙަސީނާ އުފުލަން ޖެހޭނެ ކަމަށް ބުނެ, ދަޢުވާތަކާ ކުރިމަތިލައްވަން އެނބުރި ޤައުމަށް ވަޑައިގަންނަވަން ގޮވައިލާފައެވެ. ޙަސީނާ ފިއްލަވައިގެން ވަޑައިގަންނަވާފައި ވަނީ އިންޑިޔާއަށެވެ.

ޙަސީނާގެ ދަރިކަލުން ޖޯއި ވިދާޅުވީ, އޭނާގެ މަންމާފުޅު ރަސްމީކޮށް އިސްތިޢުފާ ދެއްވާފައި ނުވާތީ, ބަންގްލަދޭޝްގެ ޤާނޫނީ ބޮޑުވަޒީރަކީ އަދިވެސް އެ ކަމަނާ ކަމުގައެވެ. ނަމަވެސް, ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝިހާބުއްދީން ވަނީ ވަގުތީ ސަރުކާރެއް އެކުލަވައިލައި, އެ ސަރުކާރުގެ އިސް މުޝީރު ކަމުގެ މަޤާމަށް ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް ޢައްޔަން ކުރައްވާފައެވެ.

ވަގުތީ ސަރުކާރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އަމަންއަމާން ކަން ގާއިމުކޮށް, ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަންގްލަދޭޝްގައި އައު އިންތިޚާބެއް ބޭއްވުމެވެ. ޖޯއި ވިދާޅުވީ ވަގުތީ ސަރުކާރުން އިންތިޚާބުގެ ތާރީޚު އިޢުލާނު ކުރުމުން ޙަސީނާ އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމުގައެވެ. އަދި, އިންތިޚާބުގައި ޙަސީނާގެ އަވާމީ ލީގުން ވާދަ ކުރާނެ ކަން ޖޯއި އިޢުލާނު ކުރެއްވި ނަމަވެސް, އެ ޕާޓީން ބޮޑުވަޒީރު ކަމުގެ މަޤާމަށް ކުރިމަތިލާނެ ކެނޑިޑޭޓު އަދި ސާފެއް ނޫނެވެ.