ޚަބަރު

ރަޝިޔާއަށް ސިފައިން ފޮނުވާ ވަރުގަދަ ޙަމަލާއެއް ދިން ކަމަށް ޔޫކްރެއިނުން އެއްބަސްވެއްޖެ


ޔޫކްރެއިންގެ ކޫރްސްކް ސަރަޙައްދަށް ސިފައިން ފޮނުވައި, ކުއްލި ޙަމަލާތަކެއް ދީފައިވާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ފުރަތަމަ ފަހަރަށް އެއްބަސްވެ ވަޑައިގަންނަވައިފިއެވެ. ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިން ސިފައިން ރަޝިޔާގެ ކޫރްކްސްކަށް އަރާފައި ވަނީ މީގެ ހަ ދުވަސް ކުރިންނެވެ. ކޫރްކްސްގެ ސޫޖްދާގެ ބައެއް ސަރަޙައްދުތަކަށް ވެރިވެގަނެފައިވާ ޔޫކްރެއިންގެ ސިފައިންނާ ކުރިމަތިލާން ރަޝިޔާގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއީ, 2022 ފެބުރުވަރީ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާއަށް އަރައި ދެމުންދާ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެވެ. ޔޫކްރެއިން ފައުޖުތަކުން އަރާފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި, ރަޝިޔާއާއި ޔޫކްރެެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ވަނީ ފަށާފައެވެ. ރަޝިޔާއަށް ވާގިވެރިވާ ބެލަރޫސުން ވެސް ވަނީ އެ ޤައުމުގެ ސަރަޙައްދީ ރޮނގުގެ ދިފާޢީ ކަންކަން ހަރުދަނާ ކުރަން ފަށާފައެވެ.

ރަޝިޔާއަށް ޔޫކްރެއިން ސިފައިން ފޮނުވާފައިވާ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެ ވަޑައިގަންނަވަމުން ޒެލެންސްކީ ވިދާޅުވީ, އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް އޮލެކްސާންދްރަ ސިރްސްކީއާ މަޝްވަރާ ކުރައްވާފައިވާނެ ކަމުގައެވެ.

"ކޮމާންޑަރ-އިން-ޗީފް ސިރްސްކީ ހަނގުރާމައިގެ ކުރީ ސަފާއި, ހަނގުރާމަ އިސްތިޢުމާރީ ސިފައިންގެ ސަރަޙައްދުތަކަށް ފަހަތަށް ޖެއްސުމަށް ހިންގަމުންދާ އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު މިއަދު އަޅުގަނޑާ ހިއްސާ ކުރި. ޔޫކްރެއިނުން ސާބިތު ކޮށްދެމުން ދަނީ, އިންސާފު ގާއިމު ކޮށްދެވޭނެ ކަން. އަދި, އިސްތިޢުމާރީ ބާރުތަކަށް ޕްރެޝަރު ކުރެވޭނެ ކަން،" ޒެލެންސްކީ ވިދާޅުވިއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ބިންތަކަށް އަރައި ހަނގުރާމަ ކުރަން ފެށުމުން ރަޝިޔާއަށް ސިހުން ލިބުނު ކަމުގައެވެ. އެއީ, ޔޫކްރެއިނުން ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ސިފަ ކުރައްވާފައެވެ.

ރަޝިޔާއަށް އަރައިގަނެފައިވާ ޔޫކްރެއިން ސިފައިންނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅޭ އިތުރު މަޢުލޫމާތު ހާމަ ކުރަން ރަޝިޔާ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މައިދާން ދިރާސާ ކުރާ ރަޝިޔާގެ ބްލޮގަރުން ބުނީ ޔޫކްރެއިންގެ ފައުޖުން ހަރަކާތްތެރިވަމުންދާ ސަރަޙައްދަށް ރަޝިޔާއިން ގިނަ ޢަދަދެއްގެ ސިފައިން ފޮނުވާފައިވާ ކަމުގައެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް 20 ކިލޯމީޓަރުގެ އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވާ ކަމުގައި ވެސް ބްލޮގަރުން ބުންޏެވެ. ޔޫކްރެއިނުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ފައުޖުގެ ޢަދަދު އިތުރުކޮށް, ވަރުގަދަ ކުރަން މަސައްކަތް ކުރަމުންނެވެ.

ކޫރްސްކް ސަރަޙައްދުގެ އޮފިޝަލުން ބުނީ ޔޫކްރެއިންގެ ފައުޖުތަކުން އެ ސަރަޙައްދަށް މިސައިލް ޙަމަލާތައް ވެސް އަމާޒު ކުރަމުންދާ ކަމުގައެވެ. އޭގެ ތެރެއިން އެއް މިސައިލް ދިފާޢުކޮށް ވައްޓައިލުމާ ގުޅިގެން ޢާންމުން ދިރިއުޅޭ ނުވަ ބުރީގެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ވެސް އެ ސަރަޙައްދުގެ އޮފިޝަލުން ބުންޏެވެ.

ކޫރްސްކްގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން އެ ސަރަޙައްދުގެ ގަވަރުނަރު އަލެކްސީ ސްމިޔިރްކޮފް ވަނީ އަމުރު ކުރައްވާފައެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ 76,000އަށްވުރެ ގިނަ ޢާންމުން މިހާރު ވެސް ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި ރަޝިޔާއިން މީޑިޔާއިން ރިޕޯޓު ކުރެއެވެ.

މި ދަނޑިވަޅުގައި ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން, ޔޫކްރެއިންގެ ވެރިރަށް ކީވަށް ދިން ޙަމަލާތަކެއްގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކާއި, އެ ކުއްޖާގެ 35 އަހަރުގެ ބައްޕަ މަރުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. އެ މީހުން މަރުވީ, ރަޝިިޔާއިން ބޭނުން ކުރި ހަތިޔާރެއް ދިފާޢު ކުރުމުގެ ތެރޭގައި އެ މީހުން ދިރިއުޅެމުން ދިޔަ އިމާރާތުގެ މައްޗަށް ވެއްޓުމުންނެވެ.

ކީވްގެ ބްރޮވަރީ ޑިސްޓްރިކްޓަށް ރަޝިޔާއިން ދިން ޙަމަލާތަކެއްގައި 13 އަހަރުގެ ކުއްޖަކު ޒަޚަމުވި ކަމުގައި ވެސް ކީވްގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އަންދްރީ ޔަރްމާކް ވިދާޅުވީ އެ ޙަމަލާގައި ޢާންމުން ދިރިއުޅޭ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. ރަޝިޔާއިން ޔޫކްރެއިންގެ ޢާންމުންނަށް ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ނަމަވެެސް, ރަޝިޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ.