ޚަބަރު

ޔޫކްރެއިނާ ހަނގުރާމަ ކުރުމަށް އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ވިއްކަނީ


އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ވިއްކަން ތައްޔާރުވަމުންދާ ކަމުގައި ހުޅަނގުގެ ޖާސޫސީ އިދާރާތަކުންތަކެއް ތުހުމަތު ކޮށްފިއެވެ. ނަން ހާމަކޮށްފައި ނުވާ ވިލާތުގެ ޤައުމުތަކެއްގެ ޖާސޫސީ އިދާރާގެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އީރާނުން އުފައްދާ ފަތްޙް-360 މަރުކާގެ ކުރު-ރާސްތާ ބެލިސްޓިކް މިސައިލް ރަޝިޔާއަށް ވިއްކަން އީރާނުން ތައްޔާރުވަމުންދާ ކަމުގައެވެ. އަދި, އެ މަރުކާގެ މިސައިލް ބޭނުން ކުރުމުގެ ތަމްރީނުތައް ރަޝިޔާގެ ސިފައިން އީރާނުގައި ފުރިހަމަ ކުރަމުންދާ ކަމުގައެވެ.

ވިލާތުގެ ޤައުމުތަކެއްގެ ޖާސޫސީ އިދާރާގެ މަސްދަރުތަކަކާ ހަވާލާ ދެމުން ހުޅަނގުގެ ނޫސްތަކުން ބުނެފައި ވަނީ ފަތްޙް-360ގެ އިތުރުން އެހެން މަރުކާގެ ބެލިސްޓިކް މިސައިލްތަކެއް ގަތުމަށް ރަޝިޔާއިން އީރާނާ އެކު 2023 ވަނަ އަހަރުގެ ޑިސެންބަރު 13ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމުގައެވެ. އަދި, ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އީރާނުން އެތަކެއް ސަތޭކަ ބެލިސްޓިކް މިސައިލް ރަޝިޔާއަށް ފޯރުކޮށްދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރަޝިޔާއިން ގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ހުޅަނގުން ތުހުމަތު ކުރާ ފަތްޙް-360 މަރުކާގެ ބެލިސްޓިކް މިސައިލަކީ 120 ކިލޯމީޓަރު ދުރުގައިވާ އަމާޒުތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރެވޭނެ, 150 ކިލޯގެ ގޮވާތަކެތި އުފުލުމުގެ ގާބިލު ކަން ލިބިފައިވާ ބާރުގަދަ ހަތިޔާރެކެވެ. ހުޅަނގުގެ ޖާސޫސީ އިދާރާގެ މަސްދަރުތަކުން ތުހުމަތު ކުރާ ގޮތުގައި, އެ ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނުތައް ރަޝިޔާގެ އޮފިޝަލުން ފުރިހަމަ ކޮށް ނިންމުމުން, އީރާނުން ރަޝިޔާއަށް ހަތިޔާރުތައް ފޯރުކޮށްދޭން ފަށާނެއެވެ.

ރަޝިޔާއަކީ ބެލިސްޓިކް މިސައިލް އުފައްދާ ޤައުމެކެވެ. އަދި, އެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ވެސް ދަނީ ގިނަ މަރުކާތަކެއްގެ ބެލިސްޓިކް މިސައިލް ބޭނުން ކުރަމުންނެވެ. ނަމަވެސް, އީރާނުން އުފައްދާ ފަތްޙް-360 މަރުކާގެ ބެލިސްޓިކް މިސައިލް ލިބުމުން ރަޝިޔާގެ އަސްކަރީ ގާބިލު ކަން އިތުރުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އެ ކަމާ މެދު އެމެރިކާއާއި ނޭޓޯގެ އިތުރުން އިޤުތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމު ހިމެނޭ ގްރޫޕް އޮފް ސެވަން (ޖީ7)ން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ބުނީ, އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ވިއްކަން ފަށައިފި ނަމަ, އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ތައްޔާރަށް އޮތް ކަމުގައެވެ.

"އެއީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އީރާނުން ރަޝިޔާއަށް ވާގިވެރިވުން އިތުރު ކުރުމުގެ ގޮތުގައި ބެލެވޭނެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާ ފެށި ފަހުން އީރާނާއި ރަޝިޔާއާ ދެމެދު އަސްކަރީ ގުޅުން ބަދަހިކުރާތީ ވައިޓް ހައުސުން ވާނީ އެ ދެ ޤައުމަށް އިންޒާރު ދީފައި،" އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ބުންޏެވެ. އީރާނުން ބެލިސްޓިކް މިސައިލް ގަންނަން ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ހުޅަނގުން ކުރަމުންދާ ތުހުމަތަކަށް ރަޝިޔާއިން އެއްބަސްވެފައެއް ނެތެވެ.

އެ ކަމާ ގުޅޭ ގޮތުން އދއަށް އީރާނުން ކަނޑައަޅާފައި ހުންނަ މިޝަނުން ބުނީ އެ ޤައުމާއި ރަޝިޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. "ނަމަވެސް, ޔޫކްރެއިންގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ އެއްވެސް ހަތިޔާރެއް އީރާނުން ރަޝިޔާއަކަށް ނުވިއްކާނެ. ރަޝިޔާއަށް ނުރައްކާތެރި ހަތިޔާރު ވިއްކަން ފަށާނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް އައުމުން،" އީރާނުގެ މިޝަނުން ނެރުނު ބަޔާނެއްގައި ހާމަ ކުރިއެެވެ.

ނަން ހާމަ ކޮށްފައި ނުވާ އީރާނުގެ އަސްކަރީ މަސްދަރަކުން ބުނީ, އީރާނުން މީގެ ކުރިން ރަޝިޔާއަށް މިސައިލާއި އަސްކަރީ ޑްރޯން ވިއްކާފައިވާނެ ކަމުގައެވެ. ނަމަވެސް, ފަތްޙް-360 މަރުކާގެ ބެލިސްޓިކް މިސައިލް ވިއްކާފައިވާނެ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތައް އެ މަސްދަރު ދޮގު ކުރިއެވެ. އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ވައިޓް ހައުސުން ވެސް ޖަވާބެއް ދީފައެއް ނެތެވެ.

އީރާނުން ރަޝިޔާއަށް ކުރު-ރާސްތާގެ ބެލިސްޓިކް މިސައިލް ފޯރުކޮށްދޭން ފަށައިފި ނަމަ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތެއް ކަމުގައިވާ އިނގިރޭސިވިލާތުގެ ރޯޔަލް ޔުނައިޓެޑް ސަރވިސް އިންސްޓިޓިއުޓް (އާރްޔޫއެސްއައި)ގެ ސީނިޔަރ ރިސަރޗް އޮފިސަރ ޖަސްޓިން ބްރޮންކް ވިދާޅުވިއެވެ.

"ބެލިސްޓިކް މިސައިލް ދިފާޢު ކުރަން ޔޫކްރެއިނަށް އެންމެ މަތީ ފަންތީގެ ވައިގެ ދިފާޢީ ނިޒާމުތައް ބޭނުންވާނެ،" ބްރޮންކް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ އެމެރިކާއިން އުފައްދާ ޕެޓްރިޔަޓް މަރުކާގެ ވައިގެ ދިފާޢީ ނިޒާމު ފަދަ ފަހުގެ ޒަމާނީ ނިޒާމުތަކަށެވެ. އެމެރިކާއިން އެ ފަދަ ނިޒާމުތައް ޔޫކްރެއިނަށް ފޯރުކޮށްދީފައިވީ ނަމަވެސް, އޭގެ ޢަދަދު ވަރަށް މަދު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އދގެ ސަލާމަތީ މަޖިލީހުން ފާސް ކޮށްފައިވާ ޤަރާރެއްގެ ދަށުން ބޭރު ޤައުމުތަކަށް ހަތިޔާރު ވިއްކުން އީރާނަށް އޮތީ މަނާ ކޮށްފައެވެ. ނަމަވެސް, 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ޤަރާރުގެ މުއްދަތު ވަނީ ހަމަވެފައެވެ. އީރާނުގެ މިސައިލް އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޤައުމުތަކުން ދަނީ އީރާނުގެ މައްޗަށް ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.