ޚަބަރު

ޒަމާނީ ލިންކް ރޯޑަކާއެކު އައްޑޫ މަގުހެދުމުގެ ދެވަނަ ފިޔަަވައްސެއް އަންނާނެ: ވަޒީރު ޑރ. މުއްޠަލިބު


  • މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ވަނީ ނިމުމަކާ ހަމައަށް އައިސްފައި

  • މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއް ފަށާނެ

  • ޒަމާނީ ފެންވަރަށް ލިންކް ރޯޑު ތަރައްޤީކުރާނެ

އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއެކު، މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާވަނީ ހަވާލުކޮށްފައެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިމަޝްރޫޢުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ އައްޑޫގެ އިޤްތިޞާދަށްކަމަށެވެ. ޚާއްޞަކޮށް ފަތުރުވެރިކަން ކުރިއަރައިގެން އަންނާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަންކެޑެ ޓޫރިޒަމް މަޝްރޫޢު ހިމެނޭހެން އިތުރު ޓޫރިޒަމް އެނދާއެކު ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ތަރައްޤީކުރި އެންމެ ބޮޑު އާޓިފިޝަލް ބީޗުވެސް ތަރައްޤީކޮށްފައިވަނީ އައްޑޫ ސިޓީގައިކަމަށާއި، މިއާއެކު ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އިތުރު ބާރަކަށް ވާނެކަމަށެވެ.

"ރާއްޖޭގައި އޮތް އެންމެ ދިގު އާޓިފިޝަލް ބީޗް ހެދިގެން މިދިޔައީ ބިން ހިއްކުމާއެކު. އެއާއެކު އަޅުގަނޑުމެން ގަބޫލުކުރަނީ ލޭންޑްޔޫސް ޕްލޭން ހެދިގެން އަންނައިރު ބީޗް ޚާއްސަވެގެން އަންނާނީ ލޯކަލް ޓޫރިޒަމަށްވާހަކަލަ ގޮތަކަށްކަމަށް. އެހެންކަމުން މީގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ޤަބޫލުކުރެވެނީ އައްޑޫގެ އިޤްތިޞާދީގޮތުން އަންނާނެ ކުރިއެރުމަށް. ވަޒީފާވެސް އުފެދި ރައްޔިތުންނަށް އައްޑޫގައި ތިބެގެން ވަޒީފާ ފަހިވެގެން ދިއުން. އެއީ ހަގީގަތުގައިވެސް އައްޑޫ ރައްޔިތުން ބޭނުންވާކަމަކީވެސް. ސަރުކާރުގެ ސިޔާސަތަކީ މިކަންކަމާއެކު ކުރިއަރާފައިވާ ތަނަކަށް އައްޑޫވެގެން ދިއުން". ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށެވެ. މިހާރުވެސް ބޮޑު ބައެއް ނިމި މަގު ބައްތި ދިއްލުމުގެ އިތުރުން ބާކީ މަސައްކަތްވެސް އަވަހަށް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުތައް ހެދުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމްކޮށް މަގު ބައްތި ޖަހައި ކެމެރާ ސީސީޓީވީ ނެޓްވޯކަކުން ގުޅާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ އައްޑޫގެ މަގުހެދުމުގެ ފޭސް ޓޫ ނުވަތަ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށެވެ. ޚާއްސަކޮށް އައްޑޫ ލިންކް ރޯޑުގެ މަސައްކަތަށް އިސްކަން ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފޭދޫން ފެށިގެން ހިތަދުއާ ހަމައަށް އޮންނަ އައްޑޫ ލިންކް ރޯޑަކީ 2003 ވަނަ އަހަރު ބޭނުން ކުރަން ފެށި މަގެކެވެ.

“ފޭސް ޓޫއެއް އަންނަން ޖެހޭ މަގު ހެދުމަށް. ބާކީ ހުރި މަގުތައް ހެދެންޖެހޭ. ހަމައެއާއެކު އައްޑޫގެ ލިންކް ރޯޑުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭކަމެއް. ލިންކް ރޯޑަކީ 20 އަހަރަށްވުރެ ގިނަ ދުވަސްވީ ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެއް. އެހެންވީމަ އައްޑޫގެ ތަރައްޤީއަށްޓަކައި އައްޑޫގެ ލިންކް ރޯޑު ފުޅާކުރެވި ރަނގަޅަށް ތަރައްޤީވެގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް. ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ލިންކް ރޯޑު އަލުން ތަރައްޤީކުރުމާ އެއްކޮށް އައްޑޫގެ ބާކީހުރި މަގުތަކުގެ މަަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް". ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

އައްޑޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން 100 ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ތަރައްޤީކުރާއިރު، ނިމިދިޔަ ސަރުކާރުން، 60 ކިލޯމީޓަރު މަގު ހަދަން ނިންމާފައި އޮތީ ސިމެންތި ބޭސް ލޭޔަރ އަޅައިގެންނެވެ. ނަމަވެސް އެމަގުތައް ތާރު އަޅައިގެން ތަރައްޤީކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.