ޚަބަރު

ޔަހޫދީން ޙިމާޔަތް ކުރަން އެމެރިކާގެ ސަބްމެރިންތައް މެދުއިރުމައްޗަށް


ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެމެރިކާއިން މެދުއިރުމައްޗަށް އަސްކަރީ ސަބްމެރިންތައް ފޮނުވަން ފަށައިފިއެވެ. މެދުއިރުމައްޗަށް ގައިޑެޑް-މިސައިލް އުފުލާ ސަބްމެރިންތައް ފޮނުވަން އަމުރު ކުރައްވާފައި ވަނީ އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިނެވެ. އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.

އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ސަބްމެރިންތައް މެދުއިރުމައްޗަށް ފޮނުވަން ފަށާފައި ވަނީ, މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި ޔަހޫދީންނާ މެދު އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެ, ޔަހޫދީންނަށް އޮތް ނުރައްކާތެރިކަމާއި ބިރުވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ޔަހޫދީ ފައުޖުން ދެކޮޅު ހަދަމުންދާތީއެވެ.

ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ބޮންއަޅައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް އަމާޒުކޮށް ނުރައްކާތެރި އަދި ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އޭގެ ކުރިން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ޙަމަލާދީ އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ވެސް ޝަހީދު ކޮށްލާފައެވެ. ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ޣައްޒާ ޢުދުވާން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ޙިޒްބުاللهން މިހާރު ވެސް ދަނީ ޔަހޫދީންގެ ރަށްތަކާއި, ހައްދުފަހަނަ އެޅި ޔަހޫދީ ސިފައިންގެ އަމާޒުތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޔަހޫދީންނަށް އަމާޒުކޮށް ދީފާނެ ޙަމަލާއަކުން އެ މީހުން ހިމާޔަތް ކޮށްދޭން އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ސަބްމެރިންތައް މިހާރު ވެސް ދަނީ މެދުއިރުމަތީގައި ހަރަކާތްތެރިވަމުންނެވެ. އެމެރިކާގެ ސަބްމެރިން ޔޫއެސްއެސް ޖޯޖިޔާ ޖުލައި މަހު އެ ސަރަޙައްދަށް ފޮނުވާފައިވާއިރު, އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކާއި, ސްޓްރައިކް ގުރޫޕެއް ވެސް އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ލަޝްކަރު އިތުރު ކުރުމުގެ ގޮތުން އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު, ޔޫއެސްއެސް އެބްރަހަމް ލިންކަނާއި ސްޓްރައިކް ގުރޫޕު އެ ސަރަޙައްދަށް ފޮނުވަން އޮސްޓިން ވަނީ ނިންމަވާފައެވެ. "ދިފާޢީ ވަޒީރު ވަނީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވާފައި،" ޔަހޫދީންގެ ދިފާޢީ ވަޒީރާ ފޯނުން ގުޅުއްވައި އޮސްޓިން ދެއްކެވި ވާހަަކައާ ގުޅޭ ގޮތުން ޕެންޓެގަނުން ބުންޏެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި, ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ އެތަކެއް ހާސް ބަޔެއްގެ މަރުގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,790އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,002އަށް އުފުލިފައެވެ.