ޚަބަރު

ޙަމާސުން ބޭނުން ވަނީ އައު އެއްބަސްވުމަކަށް ނުގޮސް ބައިޑަންގެ މަގުޗާޓު ތަންފީޒުކުރަން


ޔަހޫދީން އުނިއިތުރު ގެނެސްފައިވާ އެއްބަސްވުމުގެ ބަދަލުގައި, އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރިން ހުށަހަޅުއްވާފައިވާ މަގުޗާޓުގައިވާ ކަންކަމާ މެދު މަޝްވަރާކޮށް ތަންފީޒުކުރަން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ގޮވައިލައިފިއެވެ. ޙަމާސުން އެ ކަމަށް ގޮވައިލާފައި ވަނީ, ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުކެނޑިފައިވާ މަޝްވަރާތައް އޮގަސްޓު 15ވަނަ ދުވަހު ފެށުމަށް, މަޝްވަރާތައް ވިލަރެސް ކުރާ މިޞްރާއި ޤަޠަރުގެ އިތުރުން އެމެރިކާއިން ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ.

ޔަހޫދީން ވަނީ އެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން އެ ޤައުމުގެ ނެގޯޝިއޭޓަރުން މަޝްވަރާތަކަށް ފޮނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޙަމާސުން ބުނީ, ޔަހޫދީން އުނިއިތުރު ގެނެފައިވާ އެއްބަސްވުން ދިރާސާ ކުރަމުންދާ ކަމުގައެވެ. އެއްބަސްވުމުގައިވާ ކަންކަމަށް ޔަހޫދީން އުނިއިތުރު ގެންނަމުން ދަނީ ޣައްޒާ ޢުދުވާން ދިގުދެންމުމުގެ ބޭނުމުގައެވެ. އެ ކަމުގެ އަޑީގައި ހުރީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.

"މި ހަރަކާތުން [ޙަމާސް ޖަމާޢަތުން] ގޮވައިލަނީ, [އެމެރިކާގެ ރައީސް ޖޯ] ބައިޑަން ހުށަހަޅުއްވާފައިވާ މަގުޗާޓާއި, އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް, ޖުލައި 2ވަނަ ދުވަހު މި ހަރަކާތުން އެއްބަސްވެފައިވާ ކަންކަމާ މެދު އަލުން މަޝްވަރާތައް ފަށަން،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އައު ކަންކަމާ މެދު މަޝްވަރާކޮށް, އެއްބަސްވުމަށް އުނިއިތުރު ގެނެސް, ޢުދުވާނާއި ގަތުލުއާންމު ދިގުދެންމުމުގެ ބަދަލުގައި މަޝްވަރާތައް ވިލަރެސް ކުރާ މީޑިއޭޓަރުން [މިޞްރާއި ޤަޠަރުން] ކުރީގައި އެއްބަސްވެފައިވާ ކަންކަމާ މެދު މަޝްވަރާ ކުރަން ބާރު އަޅަން ޖެހޭ،" ޙަމާސުން ބުންޏެވެ.

މަޝްވަރާތަކުގައި ޙަމާސުން ބައިވެރިވަމުން ދަނީ ހެޔޮ ނިޔަތެއްގައި ކަން އެ ޖަމާޢަތުން ވަނީ ހާމަ ކޮށްދީފައެވެ. ނަމަވެސް, ޔަހޫދީން ދަނީ އެއްބަސްވުމެއްގެ ސޮއި ކުރަން ހުރަސްއެޅޭނެ ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ. މި ގޮތުން, ޔަހޫދީ ފައުޖުން ޖުލައި 31ވަނަ ދުވަހު ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ. އެއިން ވެސް ދޭހަކޮށްދެނީ, ޣައްޒާ ޢުދުވާން ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް ޔަހޫދީންގެ ކިބައިގައި ނެތް ކަމެވެ.

މޭ 31ވަނަ ދުވަހު ސުލްޙައިގެ މަގުޗާޓު އިޢުލާނު ކުރައްވަމުން ބައިޑަން ވަނީ, އެ މަގުޗާޓުގައިވާ ކަންކަމަށް ޔަހޫދީން އެއްބަސްވެފައިވާ ކަން ހާމަ ކުރައްވާފައެވެ. ނަމަވެސް, ޔަހޫދީން ދަނީ ޢުދުވާން ހުއްޓައިލަން ދެކޮޅު ހެދުމުގެ ގޮތުން އެއްބަސްވުމަށް އުނިއިތުރު ގެންނަމުންނެވެ. މަޝްވަރާތައް ވިލަރެސް ކުރާ މިޞްރުން ވެސް ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮންއަޅައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ވެސް ޝަހީދު ކޮށްލާފައެވެ. އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ނުރައްކާތެރި އަދި ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ހަނިއްޔާއާއި ޝުކްރު ޝަހީދު ކޮށްލުމުން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިިރު, އެތަކެއް ގުނައަކަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,790އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,002އަށް އުފުލިފައެވެ.