ޚަބަރު

އީރާނުން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފެށުމުން ޔަހޫދީން ބިރުން ތެޅެނީ


އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ. އޮގަސްޓު 9ވަނަ ދުވަހު އެ ޤައުމުގެ ހުޅަނގުގައި އޮންނަ ކަރްމަންޝާހްގައި ފެށި އަސްކަރީ ތަމްރީނުތައް އޮގަސްޓު 13ވަނަ ދުވަހަށް ދެމިގެންދާނެ ކަމުގައި, އީރާނުގެ ރަސްމީ ޚަބަރު ފަތުރާ އައިއާރްއެންއޭން ބުނެއެވެ. އެއީ, އީރާނާއި ޢިރާޤު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދެކެވެ.

އީރާނުން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނީ, މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި ޔަހޫދީންނާ މެދު އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި, ޔަހޫދީ ފައުޖުން ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ރަޙުމު ކުޑަ ޙަމަލާއެއް ދިނުމާ ގުޅިގެން މަސްރަޙު ހޫނުވެފައިވާ ވަގުތެއްގައެވެ. އެ ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ.

އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން, ލުބްނާންގެ ވެރިރަށް ބައިރޫތަށް ޙަމަލާދީ އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލުމުން, އެ ޖަމާާޢަތުން ވެސް ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ޔަހޫދީންގެ ކިބައިން ބަދަލުހިފައި, އެ މީހުންނަށް އަދަބު ދޭން އަމުރު ކުރައްވާފައި ވަނީ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ ޢާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ. އިންޤިލާބީ ލަޝްކަރުގެ ކޮމާންޑަރުގެ ނައިބު ޢަލީ ފަދަވީ ވިދާޅުވީ ޚާމަންޢީގެ އަމުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކޮށް, ޔަހޫދީންގެ ކިބައިން ބަދަލު ހިފުމަށް އީރާނުގެ ބާރުގަދަ ލަޝްކަރުން ތައްޔާރުވަމުންދާ ކަމުގައެވެ.

"މުޖާހިދު އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލްގެ [ޔަހޫދީންގެ] ކިބައިން ބަދަލު ހިފުމަށް [އީރާނުގެ] ރޫހީ އެންމެ މަތީ ވެރިޔާ ކުރައްވާފައިވާ އަމުރު ވަރަށް ސާފު. އެ އަމުރު, އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރާނަން،" ފަދަވީ ވިދާޅުވިއެވެ.

ހަނިއްޔާ ޝަހީދު ކޮށްލަން ދިން ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. ސަބަބަކީ, ބަދަލު ހިފުމުގެ ގޮތުން އީރާނާއި އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުން ދީފާނެ ޙަމަލާއަކާ މެދު ޖެހިލުންވެ, ބިރުގަތުމެވެ. އީރާނާއި އެކްސިސްގެ އިންޒާރާ އެކު ޔަހޫދީން ވަނީ ބިރުން ތެޅިފޮޅެން ފަށާފައެވެ. އަދި, ދިފާޢީ ފިޔަވަޅުތައް ވަރުގަދަކޮށް, ދީފާނެ ޙަމަލާއަކަށް ތައްޔާރުވާން ފަށާފައެވެ.

ފަދަވީގެ އިންޒާރާ ގުޅިގެން ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ ޔަހޫދީންނަށް ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެމެރިކާއިން ދެމި އޮންނާނެ ކަމުގައެވެ. "އެ ފަދަ މޭރުމަކުން [ފަދަވީ] ވާހަކަފުޅު ދެއްކެވުމުން އެއީ ވަރަށް ސީރިޔަސްކޮށް އަޅުގަނޑުމެން ނަގާފައިވާ ކަމެއް،" ކަރބީ ވިދާޅުވިއެވެ.

ޔަހޫދީންނަށް އީރާނާއި އެކްސިސުން ދީފާނެ ޙަމަލާއަކުން އެ މީހުން ޙިމާޔަތްކޮށް ދިނުމަށް އެމެރިކާއިން މިހާރު ވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން, މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ލަޝްކަރު އިތުރު ކުރަން އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި, އަސްކަރީ މަނަަވަރުތަކާއި ސަބްމެރިންތައް މެދުއިރުމައްޗަށް ފޮނުވުމުގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ވައިގެ ބަނދަރުތަކަށް އިތުރު އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފުމަށް ޔަހޫދީންނަށް ޙަމަލާ ދިނުމަކީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމަށް ކުރަމުންދާ މަޝްވަރާތަކާ ގުޅޭ ކަމެއް ނޫން ކަމުގައި އީރާނުން ދެކެއެވެ. އދއަށް އީރާނުން ކަނޑައަޅާފައި ހުންނަ މިޝަނުން ބުނީ, އެއީ މުޅިން ދެ ކަމެއް ކަމުގައެވެ.

"ހަނިއްޔާ ޝަހީދު ކޮށްލުމުން ބަދަލު ހިފުމުގެ ގޮތުން ދޭ ޙަމަލާއެއްގެ ސަބަބުން, ޣައްޒާ ޢުދުވާން ހުއްޓުވުމަށް ކުރަމުންދާ މަޝްވަރާތަކަށް ހުރަސް ނޭޅޭނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑުމެންގެ އެންމެ މުހިންމު މަޤުޞަދަކީ ޔަހޫދީންގެ ޢުދުވާންތަކަށް ދެމެހެއްޓެނިވި ނިމުމެއް ގެނައުން. ޙަމާސުން ގަބޫލު ކުރާ ކޮންމެ އެއްބަސްވުމަކަށް އަޅުގަނޑުމެން އިޙުތިރާމު ކުރާނަން،" އީރާނުގެ މިޝަނުން ބުންޏެވެ.

"ޔަހޫދީ ދަޢުލަތުން ވަނީ އަޅުގަނޑުމެންގެ [އީރާނުގެ] ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެ, ޤައުމީ ސަލާމަތަށް ނުރައްކާ ކޮށް, ނިރުބަވެރި ޙަމަލާތަކެއް ދީފައި. އެ ފަދަ ނިރުބަވެރި ޢަމަލުތަކުން ދިފާޢުވާން ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްޤެއް. އެއީ ޢައްޒާ ޢުދުވާން ހުއްޓުވުމާ ގުޅުމެއް އޮތް ކަމެއް ނޫން،" އީރާނުގެ މިޝަނުން ހާމަކުރިއެވެ.

ޔަހޫދީންގެ ނާތަހުޒީބު އަމަލުތަކާ ގުޅިގެން މެދުކެނޑިފައިވާ މަޝްވަރާތައް އޮގަސްޓު 15ވަނަ ދުވަހު އެލުން ފެށުމަށް, މަޝްވަރާތައް ވިލަރެސް ކުރާ މިޞްރާއި ޤަޠަރުގެ އިތުރުން އެމެރިކާއިން ވަނީ ގޮވައިލާފައެވެ. އެ ކަމާ ގުޅޭ ގޮތުން ޙަމާސުން ބުނީ, ޔަހޫދީން ފަހުން އުނިއިތުރު ގެނެސްފައިވާ އެއްބަސްވުމުގެ ބަދަލުގައި, އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ މަގުޗާޓާއި, އދގެ ސަލާމަތީ މަޖިލީހުން ފާސް ކޮށްފައިވާ ޤަރާރުގެ ދަށުން ޙަމާސުން ކުރިން އެއްބަސްވެފައިވާ ކަންކަމާ މެދު މަޝްވަރާ ކުރަން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,790އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,002އަށް އުފުލިފައެވެ.