މިދިޔަ ސަރުކާރުގައި ގޯތި ލިބޭނެކަމުގެ ލިޔުން ހަވާލުކުރުމަށްފަހު، ގޯތިތައް ނުދެވުމުން އިދިކޮޅު އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންދަނީ އެކަން ފޮރުވުމަށްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ބުނެފިއެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ގޯއްޗާއި ފުލެޓު ދިންކަމަށް ބުނެ ނެރުނީ ހަމައެކަނި ލިސްޓެއް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ނިމުނުއިރުވެސް ގޯތި ދިނުމަށް ބިން ހިއްކާފައި ނުވާއިރު، ފްލެޓްތައްވެސް އިމާރާތްކޮށްފައި ނުވާކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ޙަޤީޤީ މާނާގައި ގޯތި ދިނުމަކީ ގޯތި އަޅާނެ ތަނެއް ހިއްކުމަށްފަހު ގޯތި ދިނުން ކަމަށެވެ. އަދި ގޯތި ދިނުމުގައި މިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށްކަމަށާއި، އެއީ ރައްޔިތުންނަށްވި ޚިޔާނާތެއްކަމަށް ފަލާހު ވިދާޅުވިއެވެ.
"ލިސްޓެއް ހަދާފައި މިދިޔަ ސަރުކާރުން ދިން ގޯއްޗާއި ފުލެޓުތައް ހަދަން އަދިވެސް އެބަ އަރާ 5.4 ބިލިޔަން ރުފިޔާ. އަދި ގޯއްޗާއި ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނު އިރު، އެ ލިސްޓުގައި އެބަހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ކަމެއް. ޙައްޤު ނޫން މީހުންނަށް ގޯތިދީފައިވާކަން އޭސީސީން ފާހަގަކުރޭ." ފަލާޙު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީ ޕީޖީގެ ސީނިއަރ ޑެޕިޔުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ރައްޔިތުންނަށް ފުލެޓު ހަވާލުކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ، އެތަނުގައި ފުލެޓު އަޅާ، އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށްފަހުގައި ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރުން ގޯތި ދިންކަމަށްބުނެ ގޯތި ލިބުނު މީހުންގެ ލިސްޓެއް ނެރުނީ ބިންވެސް ނުހިއްކާ ކަމަށާއި މިއީ އެންމެ ރަނގަޅު ގޮތް ނޫންކަން ޚުދު އެމްޑީޕީންވެސް ޤަބޫލުކުރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ ޕާޓީން މަސައްކަތް ކުރަމުންދަނީ އެކަން ފޮރުވުމަށްކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.
"އަދުގެ ރައީސް ޑރ. މުޢިއްޒު މޭޔަރަކަށް ހޮވިވަޑައިގެން، އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ރައީސް ޞާލިހާ ބައްދަލުކުރައްވާ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހަނދުމަކޮށްދިނީ. އޭގެ ފަހުން 3 އަހަރު ވޭތުވެގޮސް، ރިޔާސީ އިންތިޚާބާ ގާތްވެފައި ވަނިކޮށް ރައްޔިތުންނަށް ގޯތިތަކާއި ފުލެޓުތައް ދިނީ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ނެރުނު ގޯއްޗާއި ފުލެޓު ލިބުނު މީހުންގެ ލިސްޓުގައި އެތައް މައްސަލައެއް ހުރިކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ލިސްޓުގައި ހިމެނޭ 60 އިންސައްތައަށްވުރެ ގިނަ މީހުންނަށް ގޯތި ދީފައިވަނީ އެމްޑީޕީގެ މެންބަރަކަށްވުމުން ނުވަތަ އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކަށްކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
ޝުޖާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޯއްޗާއި ފުލެޓު ދެއްވާނީ އިންސާފުވެރިކަމާއި އިޚުލާސްތެރިކަމާއެކު އޭގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މީހުންނަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުވެސް ވަނީ އެމްޑީޕީގެ ސަރުކާރުން ގޯތި ދޭނެކަމަށް ބުނެ ލިޔުން ހަވާލުކުރީ ނުހިއްކާ އޮތް ކަނޑަކުންކަން ފާހަގަކޮށްފައެވެ.