ޚަބަރު

ޙަމާސްގެ ބެލުމުގެ ދަށުގައި ހުރި އަސީރެއް މަރުވެ, އިތުރު ދެ މީހުން ޒަޚަމުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން އެކަކު މަރުވެ, އިތުރު ދެ އަސީރުން ޒަޚަމުވެއްޖެއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ ޙަމާސްގެ ހަތިޔާރު އެޅި ގޮފިންނެވެ. ޙަމާސުން ޔަހޫދީންގެ ބައިގަނޑެއް ރަހީނު ކޮށްފައި ވަނީ, އަޅުވެތިކަމަށް ކެތް ނުކުރެވިގެން 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީންގެ ރަށްތަކަށް ދިން ކުއްލި ޙަމަލާގައެވެ.

ޙަމާސްގެ ހަތިޔާރު އެޅި ގޮފި, ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބަޔިދާ ވިދާޅުވީ އަސީރުންގެ ތެރެއިން އެކަކު މަރުވެ, އިތުރު ދެ މީހަކު ޒަޚަމުވެފައި ވަނީ ތަފާތު ދެ ހާދިސާއެއްގައި ކަމުގައެވެ. އަދި, ޒަޚަމުވެފައި ވަނީ ދެ އަންހެނުންނަށް ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ. އަސީރަކު މަރުވެފައި ވަނީ, އޭނާގެ ކަންކަން ބަލަހައްޓަމުން ދިޔަ ގާޑު ޙަމަލާ ދިނުމުން ކަމުގައި ވެސް ވިދާޅުވިއެވެ.

އެއީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެން ހިނގި ހާދިސާތަކެއް ކަމުގައި އޭނާ ވިދާޅުވިއެވެ. "ޒަޔަނިސްޓު އަސީރެއް މަރުވީ ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ކަމަށްވާތީ އެ މަރުގެ ޒިންމާ ދުޝްމަނުންގެ ސަރުކާރުން އުފުލަން ޖެހޭނެ،" ޢުބަޔިދާ ވިދާޅުވިއެވެ. އެ ދެ ހާދިސާ ތަޙުޤީޤު ކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށާއި, ތަޙުޤީޤު ނިމުމުން އެ ކޮމިޓީގެ ހޯދުންތައް ހާމަ ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެއީ, އަސީރަކު މަރައިލާފައިވާނެ ކަން ޙަމާސުން ހާމަކުރި ފުރަތަމަ ފަހަރެވެ. ޙަމާސްގެ ބެލުމުގައި ދަށުގައި ތިބި އަސީރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ޣައްޒާގެ ރަށްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ކަން ޙަމާސުން މީގެ ކުރިން ހާމަ ކޮށްފައިވެއެވެ.

ޔަހޫދީ ފައުޖުން ދާދި ފަހުން ވަނީ ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގައެެވެ. ހަނިއްޔާ ޝަހީދު ކޮށްލުމުން, އޭނާގެ މަސްޢޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ ޣައްޒާގައި ޙަރަކާތްތެރިވާ ޙަމާސްގެ އަސްކަރީ ކޮމާންޑަރު ޔަޙްޔާ އަލް-ސަންވާރެވެ.

ޙަމާސުން ޔަހޫދީންގެ ރަށްތަކަށް ދިން ކުއްލި ޙަމަލާއާ ގުޅިވައި ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ދެމުންދާ ޙަމަލާތައް ދަނީ އިތުރުކޮށް ފުޅާ ކުރަމުންނެވެ. އެ ގޮތުން, އެންމެ ފަހުން ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ އޮގަސްޓު 10ވަނަ ދުވަހުއެވެ. ޣައްޒާގައި ހުންނަ މަދަރުސާއަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. ޙަމަލާ ދީފައި ވަނީ ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ, ގިނަ އަދަދެއްގެ ބަޔަކު ނަމާދު ކުރަން ތިބި ވަގުތުގައެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށެވެ. އެ ރަށުގެ އުތުރުގައި އޮތް އަބްސާން އަލް-ކަބީރަތަށް ދިން ޙަމަލާތަކުގައި 10 މީހުން ޝަހީދު ކޮށްލިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

މީގެ 10 މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,897އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,152އަށް އުފުލިފައެވެ.