ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ފައުޖުތަކުން 1,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފިއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް ސިފައިންގެ ބޮޑު ލަޝްކަރެއް ފޮނުވާފައި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލައި, ސުލްޙަވާން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންނަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކަމުގައި ޔޫކްރެއިނުން ބުންޏެވެ.
ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިންގެ ސިފައިން އަރައިގަނެފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ޔޫކްރެއިނުން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ރަޝިޔާގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަމާ ގުޅޭ ގޮތުން ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު އޮލެންސާންދްރަ ސިރްސްކީ ވިދާޅުވީ, ޔޫކްރެއިންގެ ސިފައިން ރަޝިޔާއަށް އަރައި ހަނގުރާމަކޮށް, ބައެއް ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފެށުމުން ރަޝިޔާއަށް ސިހުން ލިބުނު ކަމުގައެވެ.
އޭނާ ވަނީ އެ އަސްކަރީ ޙަރަކާތުގައި ޔޫކްރެއިންގެ ފައުޖުތަކުން ހޯދަމުންދާ ކާމިޔާބީގެ މަޢުލޫމާތު ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ހިއްސާ ކުރައްވާފައެވެ. "އަޅުގަނޑުމެން [ޔޫކްރެއިންގެ ފައުޖުން] މި ދަނީ ކޫރްކްސްގެ އިތުރު ސަރަޙައްދުތަކަށް އަރައި އަތްގަދަ ކުރަމުން. ރަޝިޔާގެ ބިމުން 1,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަޅުގަނޑުމެން މިހާރު ވެސް ވާނީ އަތްގަދަ ކޮށްފައި،" ސިރްސްކީ ވިދާޅުވިއެވެ.
ކޫރްސްކްގެ ބައެއް ސަރަޙައްދުތަކަށް ޔޫކްރެއިންގެ ސިފައިން އަތްގަދަ ކޮށްފައިވާ ކަން ރަޝިޔާގެ މަސްދަރުތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ކޫރްސްކްގެ ސަރަޙައްދީ ގަވަރުނަރު އަލެކްސީ ސިމިޔިރްނޯފް ވިދާޅުވީ, ކޫރްސްކްގެ 28 އަވަށަކަށް ޔޫކްރެއިންގެ ސިފައިން ވެރިވެގަނެފައިވާ ކަމުގައެވެ. އަދި, 12 ކިލޯމީޓަރު ދިގު, 40 ކިލޯމީޓަރު ފުޅާ ސަރަޙައްދެއްގައި ޔޫކްރެއިންގެ ފައުޖުން ޙަރަކާތްތެރިވަމުންދާ ކަމުގައެވެ.
2022 ފެބުރުވަރީ 24ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ރައްދު ޙަމަލާގެ ކެމްޕޭނެއް ޔޫކްރެއިނުން ހިންގާފައިވެއެވެ. އެ ކެމްޕޭން ފެށުމުގެ ކުރިން, އެ ކަމުގެ މަޢުލޫމާތު ޔޫކްރެއިނުން ހާމަ ކޮށްފައިވެއެވެ. ނަމަވެސް, ކޫރްސްކަށް ޔޫކްރެއިން ސިފައިން ފޮނުވާފައި ވަނީ ސިއްރިޔާތުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ކޫރްސްކަށް ދީފައި ވަނީ ކުއްލި ޙަމަލާއެކެވެ.
ކޫރްސްކް ސަރަޙައްދަށް އަރައި ޔޫކްރެއިނުން ދީފައިވާ ޙަމަލާތަކަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ޕުޓިން ވަނީ ސިފަ ކުރައްވާފައެވެ. އެއީ, ރަޝިޔާއާ މަޝްވަރާ ކުރުމުގައި ކުރިއެރުންތަކެއް ހޯދަން ޔޫކްރެއިނުން ހިންގާފައިވާ އަމަލެއް ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. އަދި, ކޫރްސްކަށް ސިފައިން ފޮނުވާފައި ވަނީ ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޒެލެންސްކީ ވިދާޅުވީ, ކޫރްސްކަށް ދީފައިވާ ޙަމަލާއަކީ ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި, އެ ސަރަޙައްދަށް ސިފައިން ފޮނުވައި ހަނގުރާމަ ފެށުމުގެ މައިގަނޑު އެއް އަމާޒަކީ, އެ ސަރަޙައްދުގައި ތިބި ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިންގެ ސޫމީ ސަރަޙައްދަށް ދެމުންދާ ޙަމަލާތަކަށް ހުއްޓުމެއް ގެނައުން ކަމުގައެވެ. ޖޫން 1ން ފެށިގެން ރަޝިޔާއިން ސޫމީ ސަރަޙައްދަށް 2,100އަށްވުރެ ގިނަ ޙަމަލާ ދީފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ހަނގުރާމަ ދިގުދަންމަން ޕުޓިން އެހާ ބޮޑަށް ބޭނުންފުޅުވާ ނަމަ ސުލްޙަވާން ރަޝިޔާއަށް މަޖުބޫރު ކުރުވުން ނޫން އިތުރު ގޮތެއް ނެތް،" ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިނުން ކޫރްސްކަށް ސިފައިން ފޮނުވާފައި މި ވަނީ, ޔޫކްރެއިނަށް އަރައިގަނެފައިވާ ރަޝިޔާ ސިފައިން ވެސް ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ފައުޖުތަކުގެ މެދުގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް މި ވަގުތު ހިނގަމުން ދަނީ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތަކުގައެވެ. ރަޝިޔާގެ ފައުޖުތަކުން ދަނީ އިރުމަތީ ދޮންބާސްގެ ހުރިހާ ރަށަކަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. ގްލައިޑިންގ ބޮން ބޭނުން ކޮށްގެން ރަޝިޔާގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ.
ކޫރްސްކް ހަނގުރާމައާ ގުޅޭ ގޮތުން ޔޫކްރެއިންގެ ކުރީގެ ދިފާޢީ ވަޒީރު އަންދްރީ ޒާހޮރޮދްނިޔޮކް ވިދާޅުވީ, އެއީ ރަޝިޔާގެ ސިފައިން ބައިބައި ކޮށްލުމުގެ ނިޔަތުގައި ދީފައިވާ ކާމިޔާބު ޙަމަލާއެއް ކަމަށް ބެލެވޭ ކަމުގައެވެ. "އެ އޮޕަރޭޝަނުގެ އަމާޒަކީ ރަޝިޔާގެ ސިފައިންނަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުން. އެއިރުން, ރަޝިޔާ ސިފައިން ބައިބައިކޮށް, ވާނުވާ ކޮށްލެވޭނެ. ރަޝިޔާގެ ވެރިންނަށް ވެސް އިތުރު ކަންކަމާ ވިސްނަން ޖެހި, އެ މީހުންގެ އަމާޒު ގެއްލޭނެ،" ޒާހޮރޮދްނިޔޮކް ވިދާޅުވިއެވެ.
ކޫރްސްކްގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދަން އެމެރިކާއިން ވަނީ ޔޫކްރެއިނަށް ހިތްވަރު ދީފައެވެ. ޔޫކްރެއިންގެ ވެރިރަށް ކީވަށް ކުރެއްވި ދަތުރުފުޅެއްގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ, ސެނެޓުގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރު, ލިންޑްސީ ގްރެހެމް ވިދާޅުވީ ކޫރްސްކަށް ޙަމަލާ ދިނުމަކީ ވަރަށް ހިތްވަރުގަދަ އަމަލެއް ކަމުގައެވެ. "އެއީ, ހިތްވަރުގަދަ, ވިސްނުންތެރި, ރީތި ޙަމަލާއެއް. އެ ކަން ކުރިއަށް ގެންދަން ގޮވައިލަން،" ގްރެހެމް ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި އޮންނަ ލުހާންސްކާއި ދޮންޏެސްކުގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދެއް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރަމިޔާއަށް ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.