ޚަބަރު

ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރާއި ދިފާޢީ ވަޒީރު ކޯޅެނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އަމާޒާ މެދު ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ނިރުބަވެރި ދިފާޢީ ވަޒީރު ޔޮއަވް ގަލާންތު ކޯޅެން ފަށައިފިއެވެ. ދެ މީހުންގެ މެދުގައި މައްސަލަ ހޫނުވީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމަށް ފަހު މެނުވީ ޢުދުވާންތައް ހުއްޓައިލަން ހައްދުފަހަނަ އެޅި ނަތަންޔާހޫ ދެކޮޅު ހަދާތީއެވެ.

ނަތަންޔާހޫގެ އަމަލުތަކާ ގުޅިގެން ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ ގަލާންތު ވަނީ ނަތަންޔާހޫގެ ލަނޑުދަނޑިތަކަކީ ބޭކާރު ކަމެއް ކަމަށް އޭނާ ދިމާލަށް ބުނެފައެވެ. އެއާ އެކު, ހައްދުފަހަނައެޅި ޔަހޫދީންގެ ސަރުކާރުގެ އެތެރޭގައި އޮތް ކޯޅުންގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. އަދި, ޔަހޫދީންގެ ނޫސްތަކުން އެ ޚަބަރު ގެނައުމުން ހައްދުފަހަނަ އެޅި ނަތަންޔާހޫ ވަނީ ގަލާންތާ ދެކޮޅަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ.

"ދައުލަތާ ދެކޮޅު ވާހަކަތައް ގަލާންތް ދައްކަން ފެށީމަ, [ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުން މިނިވަން ކުރަން ކުރަމުންދާ މަސައްކަތްތަކަށް ނުރައްކާވޭ،" ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ ބުންޏެވެ. އަދި, ޙަމާސް ޖަމާޢަތް ނައްތައިލުމަށް އޭނާ ގެންގުޅޭ އަމާޒަށް އެއްވެސް ބަދަލެއް ނާންނާނެ ކަން ވެސް އޭނާ ފާހަގަ ކުރިއެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫއާއި ނިރުބަވެރި ގަލާންތާ ކޯޅެން ފަށާފައި ވަނީ ޔަހޫދީންނާ މެދު މެދުއިރުމަތީގެ ޤައުމުތަކުގައި އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެ, ޔަހޫދީން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން ހޫނުވެފައިވާ މަސްރަޙު އިތުރަށް ގޯސްވީ, އީރާނުގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާއެއް ދިނުމާ ގުޅިގެންނެވެ.

އެ ޙަމަލާގައި ޔަހޫދީ ފައުޖުން ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ. އަދި, އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ލުބްނާންގެ ބައިރޫތަށް ޙަމަލާދީ އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލުމުން އެ ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫއާއި ނިރުބަވެރި ގަލާންތު ކޯޅެން ފެށުމާ އެކު, ޔަހޫދީންގެ ސަރުކާރުގެ ތެރޭގައި ޖެހިފައި އޮތް މައްސަލަތަކާއި ދެބަސްވުންތައް ވަނީ ޢާންމުންނަށް އިލަވެ ހާމަވެފައެވެ. އެއީ, ނަތަންޔާހޫއާއި ގަލާންތާ ދެމެދު ބަހުގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022ވަނަ އަހަރު ވެރިކަމަށް އައި ނަތަންޔާހޫގެ ސަރުކާރު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތަކުން ގަބޫލު ކުރެއެވެ.

ހުސްވި އަހަރު ވެސް ގަލާންތު މަޤާމުން ވަކި ކުރަން ނަތަންުޔާހޫ މަސައްކަތް ކުރިއެވެ. އެ ފަހަރު, ކެބިނެޓުން ގަލާންތު ބޭރު ކުރަން ނަތަންޔާހޫ މަސައްކަތް ކޮށްފައި ވަނީ, ސުޕްރީމް ކޯޓުގެ ބާރުތައް ހަނި ކުރަން އޭނާ ކުރަމުން ދިޔަ މަސައްކަތްތަކަށް ގަލާންތު ފާޑުކިޔައި, އެ ކަމާ ދެކޮޅު ހެދުމުންނެވެ. އެ ކަމާ ގުޅިގެން އެތަކެއް ސަތޭކަ ހާސް ބަޔަކު ވެރިރަށް ތެލް އަވީވުގެ މަގުތަކަށް އެއްވެ, ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއެވެ.

ޔަހޫދީންގެ ސަރުކާރުގެ އެތެރޭގައި ކޯޅުން ބޮޑުވެފައި ވަނީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް މިޞްރާއި ޤަޠަރުން އިސްވެ ކުރަމުންދާ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިޞްރާއި ޤަޠަރުން ވަނީ އޮގަސްޓު 15ވަނަ ދުވަހު މަޝްވަރާތަކުގެ އައު ބުރެއް ފެށުމަށް ތައްޔާރުވަމުންދާ ކަން ހާމަ ކޮށްފައެވެ. މަޝްވަރާތައް މެދުކެނޑިފައި އޮތީ ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމަލުތައް ބަހައްޓަމުންދާ ގޮތާ ގުޅިގެންނެވެ. ޢުދުވާން ހުއްޓުމަކަށް ގެނައުމުގެ އެއްވެސް ނިޔަތެއް އޭނާގެ ކިބައިގައި ނެތެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,897އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,152އަށް އުފުލިފައެވެ.