2023ވަނަ އަހަރުގެ ހޫނު މޫސުމުގައި ވިލާތުގެ ޤައުމުތަކުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލި 47,000އަށްވުރެ ގިނަ މީހުން މަރުވި ކަން ރިޕޯޓަކުން ހާމަވެއްޖެއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ ސްޕެއިންގެ ބާސެލޯނާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސްޑަޑީޒް (އައިއެސްގްލޯބަލު)ން ޝާއިޢު ކުރި ރިޕޯޓެއްގައެވެ.
ހުސްވި އަހަރަކީ, ދުނިޔޭގައި ފިނިހޫނުމިން އެންމެ މައްޗަށް އުފުލުނު އަހަރުގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވަމުންދާ މިންވަރު އާދަޔާ ޚިލާފަށް މަތިވެފައިވާ އެ ދަނޑިވަޅުގައި, އެންމެ ހަލުވިކޮށް ފިނިހޫނުމިން އުފުލެމުން ދަނީ ވިލާތުގެ ބައްރުގައި ކަމަށް ސައިންސްވެރިން ހާމަ ކުރެއެވެ. އެއާ އެކު, ވިލާތުގެ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ ޢަދަދާއި, ނުރައްކާތެރިކަން ވެސް ވަނީ އިތުރުވެފައެވެ.
އައިއެސްގްލޯބަލުން ބުނީ, އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ހުސްވި އަހަރު ވިލާތުގެ ޤައުމުތަކުން 60,000އެއްހާ މީހުންގެ ފުރާނަ ގެއްލޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ކަމުގައެވެ. ނަމަވެސް, ފާއިތުވި 20 ވަރަކަށް އަހަރުތަކުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ޢަދަދު 80 އިންސައްތައަށް އިތުރުވިޔަ ނުދީ ހިފެހެއްޓުނު ކަމުގައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލާ ގުޅޭ އިންޒާރުގެ ނިޒާމުތައް ގާއިމުކޮށް, ބޭނުން ކުރަން ފަށާފައިވާ ކަމަށާއި, ޞިއްޙީ ފަރުވާގެ ނިޒާމު ވެސް އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަން އައިއެސްގްލޯބަލްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
"މި ޤަރުނުގެ ތެރޭގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުން ފަދަ ކަންކަމަށް އިންސާނުން ވަރަށް ބޮޑަށް ހޭނިފައިވާ ކަން ފާހަގަ ކުރެވޭ. އެއާ އެކު, ފިނިހޫނުމިން މަތިވުމާ ގުޅިގެން އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރު ދަށް ކުރެވުނު. ޚާއްޞަ ގޮތެއްގައި އުމުރުން ދުވަސްވީ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު ވަނީ އެތަކެއް ގުނައަކުން ދަށް ކުރެވިފައި،" އައިއެސްގްލޯބަލްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
އެ ރިޕޯޓު އެކުލަވައިލުމަށް އައިއެސްގްލޯބަލުން 35 ޤައުމަކުން ރެކޯޑުތައް އެއް ކުރިއެވެ. ހުސްވި އަހަރު އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 47,690އަށް އަރާ ކަމުގައި އެ ރިޕޯޓުގައި ހާމަ ކޮށްފައިވެއެވެ. ފިނިހޫނުމިން އުފުލުމާ ގުޅިގެން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ގްރީސް, ބުލްގޭރިޔާ, އިޓަލީވިލާތް އަދި ސްޕެއިނުންނެވެ.