ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ޙަމަލާ ދިނުމާ ދެކޮޅަށް އީރާނަށް ބާރު އަޅަމުން ދަނީ ސިޔާސީ ވިސްނުންތެރިކަން ނެތް ބަޔަކު ކަމަށާއި, އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަޢާރުޒުވާ ގޮވައިލުމެއްގެ ގޮތުގައި އީރާނުން ސިފަކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން މިމޭރުމުން ބުނެފައި ވަނީ, ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތުގެ ވެރިން އީރާނަށް ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ.
ޔަހޫދީންނަށް ޙަމަލާ ދިނުމާ ދެކޮޅަށް އެ ތިން ޤައުމުން އަޑު އުފުލާފައި ވަނީ, ޔަހޫދީ ފައުޖުގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެ, ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ.
އެ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ޖުލައި 31ވަނަ ދުވަހު ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއްދީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ހަނިއްޔާގެ އިތުރުން, ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮން އަޅައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ވެސް ޝަހީދު ކޮށްލާފައެވެ. އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ޙިޒްބުاللهން ވެސް ވަނީ ދީފައެވެ. އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ޙަމަލާ ދިނުމާ ދެކޮޅަށް ވިލާތުގެ ތިން ބާރުން ގޮވައިލާފައިވާ ގޮވައިލުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަޢާރުޒުވާ ގޮވައިލުމެއް ކަމަށް ވިދާޅުވެފައި ވަނީ އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީއެވެ.
"ޒަޔަނިސްޓު ދަޢުލަތުން ހިންގަމުންދާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށްތަކާ މެދު ކަންބޮޑުވުން ފާޅު ނުކޮށް, ވިލާތުގެ ތިން ޤައުމުން ގޮވައިލާފައި އެ ވަނީ, އީރާނުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެފައިވާ ބަޔަކާ ދެކޮޅަށް އެއްވެސް ފިޔަވަޅު ނޭޅުމަށް،" ކަންޢާނީ ވިދާޅުވިއެވެ. ޔަހޫދީންގެ ކިބައިން ބަދަލު ހިފުމަށް އީރާނުން ޢަޒުމް ކަނޑައަޅާފައިވާ ކަމަަަށް ވިދާޅުވެ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް ތެދުވަން އޭނާ ވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތަށް ގޮވައިލައްވާފައެވެ.
"ޣައްޒާ ޢުދުވާން މެދުއިރުމަތީގެ މައްސަލައަކަށް ބަދަލުވެފައި މި ވަނީ އެ ކަން ހުއްޓުވަން އދގެ ސަލާމަތީ މަޖިލީހުން އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައި ނެތުމުން. އަދި, ހުޅަނގުގެ ސަރުކާރުތަކުން ޒަޔަނިސްޓު ދަޢުލަތަށް [އިސްރާއީލަށް] ސިޔާސީ ގޮތުން ހިމާޔަތްދީ, އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭތީ،" ކަންޢާނީ ވިދާޅުވިއެވެ.
ޔަހުދީންގެ ދިފާޢުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ, ޔަހޫދީންނަށް ޙަމަލާ ދީފި ނަމަ މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވާނެ ކަމުގައެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓުވަން މިޞްރާއި ޤަޠަރުން އިސްވެ ބާއްވަމުންދާ މަޝްވަރާތަކަށް ހުރަސް އެޅޭނެ ކަމުގައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމަކީ ހަނގުރާމައެއްގެ ގޮތުގައި ސިފަކޮށް, އެ ތިން ޤައުމުން ވަނީ އެ ހަނގުރާމައަށް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް, އެ ބަޔާނުގައި ޔަހޫދީ ދައުލަތުގެ ނަން އެންމެ ފަހަރަކު ވެސް ގަނެފައި ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,965އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,294އަށް އުފުލިފައެވެ.