ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި މަރުވި މީހުންގެ މައްސަލަތަކާއި ދަޢުލަތާއި ޢާންމުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދިން މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރަން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ގޮވައިލައްވައިފިއެވެ. މުޒާހަރާތަކާ ގުޅިގެން ޙަސީނާ ވަނީ އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގަންނަވާފައެވެ. ނަމަވެސް, އިސްތިޢުފާ ދެއްވާފައިވާ ކަން ފަހުން ޙަސީނާގެ ފަރާތުން ވަނީ ދޮގު ކޮށްފައެވެ.
ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅު ހެދުމަށް ޖުލައި މަހުގެ މެދުތެރޭގައި ފެށި މުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވެފައި ވަނީ އެ ޤައުމުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 300އަށް އުފުލިފައެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ.
މުޒާހަރާތަކާ ގުޅިގެން ޤައުމު ދޫކޮށް ވަޑައިގެންވުމަށް ފަހު ފުރަތަމަ ފަހަރަށް ޙަސީނާ ބަޔާނެއް ނެރުއްވާފައި ވަނީ, މުޒާހަރާތަކުގެ ތެރެެއިން ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހެއްގެ މައްސަލައިގައި ޙަސީނާއާ ދެކޮޅަށް ދަޢުވާ އުފުލަން ބަންގްލަދޭޝްގެ ކޯޓަކުން އަމުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމާ ގުޅޭ ގޮތުން ޙަސީނާ ވިދާޅުވީ އިންޤީލާބުގެ ނަމުގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވި ކަމުގައެވެ.
މުޒާހަރާގެ ތެރެއިން މަރުވި އަބޫ ސަޢީދު ކިޔާ މީހެއްގެ މަރާ ގުޅިގެން ޙަސީނާއާ ދެކޮޅަށް ދާކާގެ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ޢާންމު ރައްޔިތެއް ކަމުގައިވާ އާމިރު ޙަމްޒާއެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި, ސަޢީދު މަރުވީ މުޒާހަރާތައް ރޫޅައިލަން ބާރުގެ ބޭނުން ކުރުމަށް ޙަސީނާ ކުރެއްވި އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ފުލުހުން ދިން ބަޑީގެ ޙަމަލާތަކުގައެވެ. އެއީ, މުޒާހަރާތަކާ ގުޅިގެން ޙަސީނާއާ ދެކޮޅަށް ދަޢުވާ ކުރުމަށް އެދި ހުށަހަޅާފައިވާ ފުރަތަމަ މައްސަލައެވެ.
"މުޒާހަރާގައި މަރުވި މީހުންގެ މައްސަލަތަކާއި, މުދަލާއި ތަކެއްޗަށް ގެއްލުން ދިން މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް, އެ ކަމުގެ ޒިންމާވާ މީހުން ދެނެގަނެ, އެ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅަން ގޮވައިލަން،" ޙަސީނާ ވިދާޅުވިއެވެ. އެ ކަމާ ގުޅޭ ގޮތުން ޙަސީނާ ބަޔާނެއް ނެރުއްވާފައި ވަނީ, އޭނާގެ ސަރުކާރުގައި އިސް ދަޢުރެއް އަދާ ކުރައްވާފައި ބައެއް ބޭފުޅުން ހައްޔަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީހުން މެރުމުގައި އިސް ދައުރެއް އަދާ ކުރުމުގެ ދަޢުވާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ޙަސީނާގެ ސަރުކާރުގައި ޤާނޫނީ ދާއިރާގެ ވަޒީރު ކަމުގެ މަޤާާމު ފުރުއްވާފައިވާ އަނީސް އަލް-ޙައްޤާއި ޙަސީނާގެ އިސް މުޝީރު ސަލްމާން އެފް ރަޙްމާން ހިމެނެއެވެ.
ޙަސީނާގެ އިތުރުން މައްސަލައިގައި ޝާމިލުވާ އެހެން ބޭފުޅުންގެ ތެރޭގައި ޙަސީނާގެ އަވާމީ ލީގް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ޢުބަޔިދު އަލް-ޤާދިރާއި, ކުރީގެ ދާޚިލީ ވަޒީރު އަސަދު އަލް-ޛަމާން ޚާން ކަމާލްގެ އިތުރުން ފުލުހުންގެ މުވައްސަސާގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ.
ޙަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމު ކުރި ހަރަކާތުގެ އިސް ބައިވެރިއެއް ކަމުގައިވާ ނާހިދު އަލް-އިސްލާމް ވަނީ, މަރުތަކާ ގުޅޭ ދަޢުވާތަކާ ކުރިމަތިލައްވަން އެނބުރި ޤައުމަށް ވަޑައިގަންނަވަން ޙަސީނާއަށް ގޮވައިލައްވާފައެވެ. އޭނާއަކީ ވަގުތީ ސަރުކާރުގެ ބައިވެރިއެކެވެ. ޙަސީނާގެ ދަރިކަލުން ސަދީބް ވާޒިބް ޖޯއި ވިދާޅުވީ, ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އިންތިޚާބު އިޢުލާނު ކުރުމުން ޙަސީނާ އެނބުރި ދާކާއަށް ވަޑައިގަންނަވާނެ ކަމުގައެވެ.
ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވުމާ ގުޅިގެން ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝިހާބުއްދީން ވަނީ އަސްކަރިއްޔާގެ އިސްވެރިންނާއި އިދިކޮޅު ޕާޓީތަކުގެ ވެރިންގެ މަޝްވަރާގެ މަތިން ވަގުތީ ސަރުކާރެއް އެކުލަވައިލާފައެވެ. ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް އިސް މުޝީރުގެ ގޮތުގައި ކަނޑައަޅައި އެކުލަވައިލާފައިވާ ވަގުތީ ސަރުކާރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އަމަން ގާއިމުކޮށް, ތިން މަސް ދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމެވެ. ޖޯއި ވިދާޅުވީ, ކުރިއަށް އޮތް އިންތިޚާބުގައި ޙަސީނާގެ އަވާމީ ލީގުން ވާދަ ކުރާނެ ކަމުގައެވެ.