ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 20 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ޔަހޫދީންނަށް ފޮނުވަން އެމެރިކާއިން ފާސްކޮށްފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ފާސް ކުރައްވާފައިވާ އެހީގެ ޕެކޭޖުގައި އެފް-15 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ވެސް ހިމެނެއެވެ. އެ މަތިންދާބޯޓުތަކުގެ އަގު 19 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.
އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ ޔަހޫދީންނަށް ފޯރުކޮށްދޭން ފާސް ކޮށްފައިވާ އެހީގެ ޕެކޭޖުގައި އަސްކަރީ ޓޭންކުފަހަރަށް ބޭނުންވާ 774 މިލިޔަން ޑޮލަރުގެ ބޮމާއި, 60 މިލިިޔަން އެމެރިކާ ޑޮލަރުގެ މޯޓަރު ބޮމާއި, 583 މިލިޔަން ޑޮލަރުގެ އަސްކަރީ އުޅަނދުފަހަރު ހިމެނޭ ކަމުގައެވެ. އަދި, އެ ތަކެތި ޔަހޫދީންނަށް ފޯރުކޮށްދޭން ފަށާނީ ފަހުން ކަމަށް ވެސް ޕެންޓެގަނުން ބުންޏެވެ.
އެމެރިކާއިން ބުނީ, އެފް-15 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް އުފައްދަން ވަގުތު ހޭދަވާނެ ކަމަށާއި, 2029ވަނަ އަހަރު އެ އުޅަނދުތައް ޔަހޫދީންނަށް ފޯރުކޮށްދޭން ފަށާނެ ކަމުގައެވެ. އަދި, އަސްކަރީ އެހީގެ ޕެކޭޖުގައި ހިމެނޭ އެހެން ހަތިޔާރުތައް 2026ވަނަ އަހަރު ޔަހޫދީންނަށް ފޯރުކޮށްދޭން ފަށާނެ ކަމުގައި ވެސް ޕެންޓެގަނުން ބުންޏެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އޭގެ ކުރިން އެމެރިކާއިން އެ ތަކެތި ފޮނުވަން ފަށާނެ ކަމަށް ބެލެވޭ ކަމުގައެވެ.
"ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ. ޔަހޫދީންގެ ދިފާޢީ ކަންކަން ހަރުދަނާކޮށް ވަރުގަދަ ކުރުމަކީ އެމެރިކާގެ މަސްލަޙަތާ ގުޅިފައިވާ ކަމެއް،" ޕެންޓެގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ ޚަބަރާ އެކު ޔަހޫދީންގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ވަނީ އެމެރިކާއަށް މަރުޙަބާ ކިޔާފައެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ, އަދި ބައިވެރިއަކީ އެމެރިކާއެވެ. އެ ޢުދުވާން ފެށި ފަހުން ވެސް އެމެރިކާއިން ވަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެއް ކަމުގައި 2,000 ޕައުންޑުގެ 10,000 ބޮމާއި, ހެލްފަޔަރ މަރުކާގެ އެތަކެއް ހާސް މިސައިލް ޔަހޫދީންނަށް ފޯރުކޮށްދީފައެވެ. އަދި, ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންނަށް ރަޙުމު ކުޑަ ޙަމަލާތައް ދޭން އެ ހަތިޔާރުތައް ބޭނުން ކުރަމުންނެވެ.
ޢުދުވާނަށް ވާގިވެރިވުމުގެ ގޮތުން ޔަހޫދީންނަށް މެދުކެނޑުމެއް ނެތި ހަތިޔާރު ފޯރުކޮށްދެމުންދާ ދަނޑިވަޅުގައި, އެމެރިކާއިން ދަނީ ޢުދުވާންތައް ހުއްޓުވަން ވެސް ނަމެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން, މޭ 31ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ސުލްޙައިގެ މަގުޗާޓެއް އިޢުލާނު ކުރައްވާފައެވެ. އަދި, އެ މަގުޗާޓުގައިވާ ކަންކަމަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި ބައިޑަން ކުރިން ވިދާޅުވި ނަމަވެސް, ޔަހޫދީން ދަނީ އެ އެއްބަސްވުމަށް އުނިއިތުރު ގެނެސް, ޢުދުވާންތައް ދިގުދަންމައި, ޣައްޒާގެ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކުރަން މަސައްކަތް ކުރަމުންނެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,965އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,294އަށް އުފުލިފައެވެ.