ޚަބަރު

އެމްޕޮކްސް ފެތުރޭތީ ދުނިޔޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފި


އިންސާނުންގެ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމުގައިވާ އެމްޕޮކްސް (ކުރިން މަންކީޕޮކްސް)ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދުނިޔޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފިއެވެ. އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު އެމްޕޮކްސް ފެތުރެމުންދާތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައި ވަނީ އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ވެސް އެފްރިކާ ބައްރުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނިކޮށެވެ.

އެއީ, ތާރީޚުގައި ވެސް އެފްރިކާ ބައްރުގެ ހުރިހާ ޤައުމުތަކެއް ހިމެނޭ ގޮތުން ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އެކި ސަރަޙައްދުގައި އެމްޕޮކްސް ވައިރަސް ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވަނީ 2023 ޖަނަވަރީގައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވީ ނަމަވެސް, އެ ކަމަށް ބޭނުންވާ ވެކްސިން ކޮންގޯއާއި އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކަށް ފޯރުކޮށްދެވޭނެ ތާރީޚެއް ސާފެއް ނޫނެވެ. އެފްރިކާ ސީޑީސީގެ ނިންމުމާ ގުޅޭ ގޮތުން ޞިއްޙަތު ޖަމުޢިއްޔާއިން ކުރަމުންދާ މަޝްވަރާތަކާ އެކު, އެފްރިކާގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ފެށިގެން ދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ.

"ހަލުވިކަމާ އެކު ބަލި ފެތުރެމުންދާތީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުން ވަރަށް މުހިންމު،" ކޮންގޯގެ ޞިއްޙީ އިދާރާއެއްގެ އޮފިޝަލެއް ކަމުގައިވާ ޜޯން-ޜެކް މުޔެމްބެ-ތަމްފަމް ވިދާޅުވިއެވެ. އެފްރިކާ ސީޑީސީގެ އެ ނިންމުމާ އެކު, ކޮންގޯއަށް ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެފްރިކާ ބައްރުގެ މެދުތެރޭގައި އޮތް ކޮންގޯއަކީ ބިމުގެ ގޮތުން ބޮޑު ޤައުމެކެވެ. އެ ޤައުމުގައި މީގެ ކުރިން ވެސް މީސްލްސް އަދި ކޮލެރާ ފަދަ ނުރައްކާތެރި ބަލިމަޑުކަން ފެތުރިފައިވެއެވެ. އެ ކަން ފާހަގަ ކުރައްވައި މުޔެމްބެ-ތަމްފަމް ވިދާޅުވީ, ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރަން ބޭނުންވާ ޞިއްޙީ ސާމާނާއި ޢުމްރާނީ ވަސީލަތްތަކުގެ އިތުރުން އެ ކަމަށް ބޭނުންވާ ފައިސާ ކޮންގޯގައި ނެތް ކަމުގައެވެ.

ކޮންގޯގައި އެމްޕޮކްސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޚަރަދު ކުރަން އެފްރިކާ ޔޫނިއަން (އޭޔޫ)ން ހުސްވި ހަފުތާގައި 10.4 މިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ފޮނުވާފައިވާ ކަމުގައި އެފްރިކާ ސީޑީސީން ހާމަކުރިއެވެ. އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޜޯން ކެސޭޔާ ވިދާޅުވީ އެމްޕޮކްސް ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ވެކްސިންގެ 3 މިލިޔަން ޑޯޒް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމުގައެވެ. ނަމަވެސް, އެ ކަމުގެ ތަފުސީލު ހާމަ ކުރައްވާފައެއް ނެތެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ފެށުމަށް ކޮންގޯއިން ވަނީ ތައްޔާރު ވާން ފަށާފައެވެ. ނަމަވެސް, އެ ޤައުމަށް ކުރު މުއްދަތެއްގެ ތެރޭގައި ހޯދެން އޮތީ ވެކްސިންގެ އެންމެ 65,000 ޑޯޒު ކަމުގައި ކަމާ ގުޅޭ މާހިރުން ބުންޏެވެ. އަދި, އެންމެ އަވަހަށް ވެސް ކެމްޕޭން ފެށޭނެ ކަމަށް ބެލެވެނީ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށް މާހިރުން ހާމަކުރިއެވެ.

ކޮންގޯގައި މި އަހަރުގެ ތެރޭގައި އެމްޕޮކްސް ބަލި ޖެހުނު މީހުންގެ ޢަދަދު 15,000އަށް އަރައެވެ. އަދި, 461 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. 2023 ޖަނަވަރީން ފެށިގެން ކޮންގޯގައި މި ބަލި ޖެހުނު މީހުންގެ ޢަދަދު 22,000އަށް އަރާއިރު, މަރުވެފައިވާ މީހުންގެ ޖުމުލަ ޢަދަދު 1,200އަށް އުފުލިފައިވާ ކަމުގައި އެމެރިކާގެ ސީޑީސީން ހާމަކުރިއެވެ.

ކޮންގޯގައި ފެތުރެމުންދާ އެމްޕޮކްސް ވައިރަސްގެ އައު ވޭރިއެންޓެއް އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކަށް ވެސް ވަނީ ފެތުރިފައެވެ. މި ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ޔުގާންޑާ, ބުރުންޑީ, ރުވާންޑާ އަދި ކެންޔާ ހިމެނެއެވެ. މިއީ, އެ ޤައުމުތަކަށް މި ބަލި ފެތުރިފައިވާ ފުރަތަމަ ފަހަރެވެ. މީީގެ އިތުރުން, އައިވަރީ ކޯސްޓާއި ދެކުނު އެފްރިކާގައި ވެސް މި ބަލި ދަނީ ފެތުރެމުންނެވެ. 2022ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ހަލުވިކަމާ އެކު ފެތުރުނެވެ. އެ ފަހަރު އެންމެ ގިނައިން ބަލި ޖެހިފައި ވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ.