ޚަބަރު

މަަސްރަޙު ގޯސް ކުރަން ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ހޫނުވެފައިވާ މަސްރަޙު އިތުރަށް ގޯސް ކުރަން ޔަހޫދީންގެ އައު ރޭވުންތަކެއް އިޢުލާނު ކޮށްފިއެވެ. ޔަހޫދީންގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުޓްރިޗް ހުށަހަޅާފައި ވަނީ, ޒަޔަނިސްޓުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށެވެ.

ހައްދުފަހަނަ އެޅި ސްމުޓްރިޗް އެ ކަން އިޢުލާނު ކޮށްފައި ވަނީ, ޔަހޫދީންގެ ޢަމަލުތަކާ ގުޅިގެން މެދުކެނޑިފައި އޮތް ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އޭނާ ބުނީ, ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވަން ނިންމާފައި ވަނީ, ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ގިނަ ޤައުމުތަކަކުން ނިންމުމުން އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމުގައެވެ. އަދި, ޒަޔަނިސްޓުންނާ ދެކޮޅަށް ހިންގާ އެއްވެސް ހަރަކާތަކާ ގުޅިގެން ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ނުހުއްޓާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

ޔަހޫދީން އުފައްދާފައިވާ އިސްތިޢުމާރީ ދައުލަތުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް, އދގެ މެންބަރު ޤައުމުތަކުގެ ގޮވައިލުންތަކާ ދެކޮޅަށެވެ. ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީންގެ ސަރުކާރުން ދަނީ, ފަލަސްޠީނުގެ ބިންތަކުގައި ރަށްތައް ބިނާކޮށް, ގިނަ ޢަދަދެއްގެ ޔަހޫދީ ވަޒަންވެރި ކުރުވަމުންނެވެ. އިތުރު ޔަހޫދީން ވަޒަންވެރި ކުރުވަން ނިންމާފައި ވަނީ ނާޚަލް ޚެލެޓްޒްގެ ނަން ދީފައިވާ 60 ހެކްޓަރުގެ ބިމެއްގައެވެ. ސްމުޓްރިޗް ބުނީ, އެ ސަރަޙައްދު ގޫޝް އެޓްޒިއޯން ސަރަޙައްދުގެ އިތުރުން ބައިތުލްމަޤްދިސާ ގުޅައިލާނެ ކަމުގައެވެ.

ޔަހޫދީ ދައުލަތުގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ޕީސް ނައުއިން ވަނީ ސްމުޓްރިޗްގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. "ސްމުޓްރިޗް އެ ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ބިންތައް ފޭރިގަންނަމުން. އެއީ, އިސްރާއީލުން ބައިވެރިވެފައިވާ ޔުނެސްކޯގެ މުޢާހަދާތަކާ ތަޢާރުޒުވާ އަމަލެއް،" އެ ޖަމުޢިއްޔާއިން ބުންޏެވެ.

ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ފޭރިގަންނާނެ ކަން ވެސް ޔަހޫދީން ވަނީ ޖޫން މަހު އިޢުލާނު ކޮށްފައެވެ. އަދި, މިހާރު ވެސް ޔަހޫދީން ވެރިވެގަނެ ގެދޮރު ބިނާ ކޮށްފައިވާ ފަސް ސަރަޙައްދަކަށް ޤާނޫނީ ބާރުވެރިކަންދީ, އިތުރު ތިން ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރި ކުރުވަން ނިންމާފައިވާ ކަން ވަނީ އިޢުލާނު ކޮށްފައެވެ.

ފަލަސްޠީނުގެ ބިމުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވަން ނިންމައި, ސްމުޓްރިޗް އެ ކަން އިޢުލާނު ކޮށްފައި ވަނީ, ވިލާތުގެ ތިން ޤައުމަކުން ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅިގެންނެވެ. މޭ މަހު ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައިވާ ޤައުމުތަކަކީ ސްޕެއިނާއި, ނޯވޭގެ އިތުރުން އަޔަލެންޑެވެ. އެ ޤައުމުތަކުން ބުނީ, އެ ގޮތަށް ނިންމާފައި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ކަމުގައެވެ.

އެ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން މިޞްރާއި ޤަޠަރުން އިސްވެ ވިލަރެސް ކުރަމުންދާ މަޝްވަރާތަކުގައި އައު ބުރެއް އޮގަސްޓު 15ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދަވްޙާގައި ފަށާނެއެވެ. ނަމަވެސް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަން އިޢުލާނު ކޮށްފައެވެ.

އައު މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަން ޙަމާސުން ހާމަކޮށްފައިވީ ނަމަވެސް, ޔަހޫދީން އުނިއިތުރު ގެނެސްފައިވާ އެއްބަސްވުމުގެ ބަދަލުގައި, އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރިން ހުށަހަޅުއްވާފައިވާ މަގުޗާޓުގައިވާ ކަންކަމާ މެދު މަޝްވަރާކޮށް, އެ ކަންކަން ތަންފީޒުކުރަން ތައްޔާރަށް އޮތް ކަން ޙަމާސުން ވަނީ އިޢުލާނު ކޮށްފައެވެ.

"މި ހަރަކާތުން [ޙަމާސް ޖަމާޢަތުން] ގޮވައިލަނީ, [އެމެރިކާގެ ރައީސް ޖޯ] ބައިޑަން ހުށަހަޅުއްވާފައިވާ މަގުޗާޓާއި, އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް, ޖުލައި 2ވަނަ ދުވަހު މި ހަރަކާތުން އެއްބަސްވެފައިވާ ކަންކަމާ މެދު އަލުން މަޝްވަރާތައް ފަށަން،" ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވިއެވެ.

ޙަމާސުން ބުނީ, ޔަހޫދީން އުނިއިތުރު ގެނެފައިވާ އެއްބަސްވުން ދިރާސާ ކުރަމުންދާ ކަމުގައެވެ. އެއްބަސްވުމުގައިވާ ކަންކަމަށް ޔަހޫދީން އުނިއިތުރު ގެންނަމުން ދަނީ ޣައްޒާ ޢުދުވާން ދިގުދެންމުމުގެ ބޭނުމުގައެވެ. އެ ކަމުގެ އަޑީގައި ހުރީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. "އައު މަޝްވަރާތަކުގައި ބައިވެރިވުމުން, އެއްބަސްވުމަށް އަލުން އުނިއިތުރު ގެންނަން ޔަހޫދީންނަށް އިތުރު ފުރުޞަތެއް ލިބިގެންދާނެ. އަދި, ޢުދުވާން ދިގުދަންމައި, އިތުރު ބަޔެއްގެ ފުރާނަ ނަގައިލަން ވަގުތު ލިބޭނެ،" އަބޫ ޛަހްރީ ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,965އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,294އަށް އުފުލިފައެވެ.