ޚަބަރު

ޔޫކްރެއިންގެ ޢުދުވާނާ އެކު ރަޝިޔާގެ ބައެއް ސަރަޙައްދުތަކުގައި ކުއްލި ހާލަތު އިޢުލާނު ކޮށްފި


ޔޫކްރެއިންގެ ސިފައިން އަރައިގަނެފައިވާ ރަޝިޔާގެ ކޫރްސްކް ސަރަޙައްދާ އިންވެގެން އޮތް ބިޔެލްގޮރޮދުގައި ކުއްލި ހާލަތު އިޢުލާނު ކޮށްފިއެވެ. ބިޔެލްގޮރޮދުގައި ކުއްލި ހާލަތު އިޢުލާނު ކޮށްފައިވާ ކަން ހާމަ ކޮށްފައި ވަނީ ރަޝިޔާގެ ކުއްލި ހާލަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިޔާ އަލެކްސާންދްރަ ކުރިޔެންކޯފެވެ. ސަރަޙައްދީ ރޮނގު ހުރަަސްކޮށް ޔޫކްރެއިންގެ ބިޔަ ލަޝްކަރެއް ކޫރްސްކަށް އަރައިގަނެފައި ވަނީ އޮގަސްޓު މަހުގެ 6ވަނަ ދުވަހުއެވެ.

"އެ ސަރަޙައްދުގެ ހާލަތު އޮތީ ހާސްކަމެއްގެ ތެރޭގައި. ޔޫކްރެއިންގެ ސިފައިން ބިޔެލްގޮރޮދް ސަރަޙައްދަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރުވެފައި. އަދި, ޒަޚަމުވެފައި،" އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ ޙަމަލާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދުތައް ސާފެއް ނޫނެވެ.

ރަޝިޔާ-ޔޫކްރެއިން ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ ޢާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ރަޝިޔާގެ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރަން ފަށާފައި ވަނީ, ކޫރްސްކްގެ އިތުރު ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާނެ ކަން ޔޫކްރެއިނުން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ލަޝްކަރުން ކޫރްސްކަށް އަރާފައި ވަނީ ބަރުހަތިޔާރާއި ގިނަ ޢަދަދެއްގެ ސިފައިންނާ އެކުގައެވެ. އެ ސަރަޙައްދު ދިފާޢު ކުރަން މަސައްކަތް ކުރަމުންދާ ރަޝިޔާ ސިފައިންނަށް އަމާޒުކޮށް ޔޫކްރެއިނުން ދަނީ ޑްރޯނާއި އާޓިލަރީ ބަޑީގެ އިތުރުން އަސްކަރީ ޓޭންކުފަހަރު ބޭނުންކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އެއީ, ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރަޝިޔާގެ ބިންތައް ފޭރިގަންނަން ބޭރުގެ ބާރަކުން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް, ރަޝިޔާގެ ސަރަޙައްދުގެ 18 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިންގެ ސިފައިން ވަދެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ކޫރްސްކްގެ ވަގުތީ ގަވަރުނަރު އަލެކްސީ ސިމިޔިރްނޯފް ވިދާޅުވީ ގުލުޝްކޯފް ޑިސްޓްރިކްޓުގައި ދިރިއުޅޭ 20,000އެއްހާ ޢާންމުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިހާރު ވެސް, 200,000އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ރަޝިޔާގެ ބިމުގައި ޔޫކްރެއިނުން ހިންގަމުންދާ އަސްކަރީ ޙަރަކާތާ ގުޅޭ ގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ, ކޫރްސްކް ސަރަޙައްދުން ގިނަ ޢަދަދެއްގެ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އަދި, އެ މީހުން މިނިވަން ކުރާނީ, ދެ ޤައުމުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމުގެ ޕުރޮގުރާމުގެ ދަށުން ކަމުގައެވެ. ކޫރްސްކްގެ އިތުރު ރަށްތަކާއި އަވަށްތަކަށް ޔޫކްރެއިންގެ ލަޝްކަރުން އަތްގަދަ ކޮށްފައިވާ ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ.

ރަޝިޔާއަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިންނާއި ރަޝިޔާގެ ފައުޖުތަކާ ދެމެދު ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ބިޔެލްގޮރޮދަށް ޙަމަލާ ދޭން ޔޫކްރެއިނުން ބޭނުން ކުރި ޑްރޯންތަކެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި, ކޫރްސްކްގައި ޔޫކްރެއިންގެ ފައުޖުން ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކަށް ސޫހޮއި-34 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަމުގައެވެ.

ރަޝިޔާގެ ބިންތަކަށް ޔޫކްރެއިންގެ ފައުޖުތަކުން އަރައިގަތުމަކީ ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާގެ ސަރުކާރު ލަދުގަންނަން ޖެހުނު ކަމެކެވެ. އެއާ އެކު, ޔޫކްރެއިނާ ގުޅޭ ސަރަޙައްދީ ރޮނގުގެ ދިފާޢީ ކަންކަން ބޮއްސުންލާފައިވާ މިންވަރު ހާމަވެގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ނަމަވެސް, ރަޝިޔާއިން ބުނީ, ކޫރްސްކަށް ޔޫކްރެއިން ސިފައިން އަރައިގަތުމާ ގުޅިގެން ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ އަމާޒާއި ލަނޑުދަނޑިތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންދާ މައިދާނާއި ހަނގުރާމައިގެ ކުރީ ސަފު 100 ކިލޯމީޓަރުގެ ސަރަޙައްދަކަށް ދެމިގެން ގޮސްފައިވެއެވެ. ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުން 18 އިންސައްތައަށް އަތްގަދަ ކޮށްފައެވެ. ނަމަވެސް, ޔޫކްރެއިންގެ ސިފައިން ވެސް ވަނީ ރަޝިޔާއަށް އަރައި ފާހަގަކޮށްލެވޭ ވަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ.

ޔޫކްރެއިންގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރަން އެ ޤައުމުން ކުރަމުންދާ ހަނގުރާމައިގެ އެންމެ ބޮޑު މަދަދުގާރަކީ ހުޅަނގުގެ ބާރުތަކެވެ. ނަމަވެސް, ކޫރްސްކަށް އަރައިގަނެ ހަނގުރާމަ ފުޅާ ކުރަން ނިންމާފައިވާ ކަމުގެ މަޢުލޫމާތު ޔޫކްރެއިނުން ހިއްސާ ކޮށްފައި ނުވާ ކަމުގައި އެމެރިކާއިން ބުންޏެވެ. "އެއީ ކަނޑައެޅިގެން ދޮގެއް. މި ކަމުގައި އެ މީހުންގެ [އެމެރިކާގެ] ބައިވެރިން އޮންނާނެ ކަމާ މެދު ޝައްކެއް ނެތް،" ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު, މަރިއްޔާ ބޫޓިނާ ވިދާޅުވިއެވެ.

ކޫރްސްކަށް ޔޫކްރެއިން ސިފައިން އަރާފައި ވަނީ ހުޅަނގުގެ އެހީތެރިކަމާ އެކުގައި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި, ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް އެމެރިކާއާއި ހުޅަނގުން ފޯރުކޮށްދެމުންދާ ހަތިޔާރުތައް ޔޫކްރެއިނުން ބޭނުން ކުރަން ފަށައިފިނަމަ މަސްރަޙު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބުނެ ރަޝިޔާއިން ވަނީ އިންޒާރު ދީފައެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ މޭޖަރ ޖެނެރަލް އަޕްތީ އަލައުއްދީނޮފް ވިދާޅުވީ ޔޫކްރެއިންގެ 12,000އެއްހާ ސިފައިން ކޫރްސްކަށް އަރައިގަނެފައިވާ ކަމުގައެވެ. އެ މީހުންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއްދީ, އެ މީހުން ބޭރު ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. ކޫރްސްކް ސަރަޙައްދު މިނިވަން ކުރަން ރަޝިޔާގެ ފައުޖުތަކުން ދަނީ ޔޫކްރެއިންގެ އަސްކަރީ އުޅަނދުފަހަރާއި ޓޭންކުފަހަރަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އަދި, އެ ސަރަޙައްދަށް އިތުރު ސިފައިން ފޮނުވަން ވެސް ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ