ޚަބަރު

ޑޮކްޓަރެއް ރޭޕުކޮށް މަރައިލުމުން އިންޑިިޔާގައި މުޒާހަރާކުރަނީ


އިންޑިޔާގެ އިރުމަތީ ކަލްކަތާގައި އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލުމުން އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގޮވައިލައި އެތަކެއް ހާސް ބަޔަކު މަގުތަކަށް ނިކުމެ އަޑުއުފުލަން ފަށައިފިއެވެ. ކަލްކަތާގެ ހަސްފަތާލެއްގައި ޓްރެއިނީއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން ދިޔަ 31 އަހަރުގެ ޑޮކްޓަރުގެ ހަށިގަނޑު ފެނިފައި ވަނީ އޮގަސްޓު 9ވަނަ ދުވަހުއެވެ.

އެ ކަމާ ގުޅިގެން އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް ގޮވައިލައި އިންޑިޔާގެ ބޮޑެތި ރަށްތަކުގައި ދަނީ މުޒާހަރާތަކާއި ހިނގައިލުންތައް ބާއްވަމުންނެވެ. އެތަކެއް ހާސް ބަޔަކު ބައިވެރިވަމުންދާ މުޒާހަރާތަކުގެ ބައިވެރިން ގޮވައިލަމުން ދަނީ އަންހެނުންނާ ދެކޮޅަށް އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށެވެ. އަދި, ވަަޒީފާ އަދާ ކުރާ އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ.

ސަރުކާރުން ހިންގާ ގިނަ ޢަދަދެއްގެ ހަސްފަތާލުތަކުގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިން ވެސް ދަނީ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ. އެއާ އެކު, ގިނަ ހަސްފަތާލުތަކެއްގެ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. ގިނަ ހަސްފަތާލުތަކުގައި މި ވަގުތު ފޯރުކޮށްދެމުން ދަނީ ކުއްލި ހާލަތްތަކުގެ ޚިދުމަތްތައް އެކަންޏެވެ. މުޒާހަރާގެ ބައިވެރިން ދަނީ, ރޭޕުކޮށް މަރައިލާފައިވާ ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ވެސް ސަރުކާރަށް ބާރު އަޅަމުންނެވެ.

ކަލްކަތާގެ ފުލުހުން ބުނީ, 31 އަހަރުގެ އަންހެން ޑޮކްޓަރު މަރައިލާފައި ވަނީ ރޭޕު ކުރުމަށް ފަހުގައި ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި, އެ ކުށުގައި ބައިވެރިވުމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަސަައްކަތް ކުރަމުން ދިޔަ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ.

އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަޤުރީރު ކުރައްވަމުން މޯދީ ވަނީ އެ ހާދިސާ ކުށްވެރި ކުރައްވާފައެވެ. "އަޅުގަނޑުމެންގެ މައިންނާއި, އަންހެން ދަރިންނާއި, އަންހެން ކޮއްކޮއިންނާއި ދައްތައިންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ކުށްތަކާ މެދު މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެން ވިސްނަން ޖެހޭ. އެ ކަމާ ދެކޮޅަށް މި ޤައުމުގައި ރުޅިވެރިކަމެއް އުފެދިއްޖެ. އަޅުގަނޑަށް އެ ރުޅިވެރިކަން އިހުސާސް ކުރެވޭ،" މޯދީ ވިދާޅުވިއެވެ.

ކަލްކަތާގެ ޑޮކްޓަރުގެ މަރާ ގުޅިގެން, 2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ހިންގާފައިވާ މި ފަދަ އެހެން ކުށެއްގެ ހަނދާންތައް ވަނީ އައުވެފައެވެ. އެ ފަހަރު ގުރޫޕަކުން ރޭޕުކޮށް މަރައިލާފައި ވަނީ 23 އަހަރުގެ އަންހެން ދަރިވަރެކެވެ. އޭނާއަށް ޙަމަލާ ދީފައި ވަނީ ބަހެއްގެ ތެރޭގައެވެ.

ކަލްކަތާގައި ދިން ރަޙުމު ކުޑަ ޙަމަލާއާ ގުޅިގެން އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. "މި ރަޙުމު ކުޑަ ޙަމަލާއިން އަޅުގަނޑުމެންނަށް ހަނދާންވި ކަމަކީ, އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް ކަން،" ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓް ބުންޏެވެ.

އިންޑިޔާގެ ޞިއްޙީ ދާއިރާގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި ގިނަ ވަގުތު ވަޒީފާ އަދާ ކުރަން ޖެހުމާއި, ވަޒީފާގެ މާހައުލުގައި ރައްކާތެރިކަން ނެތުން ފާހަގަ ކުރެވެއެވެ. އަދި, އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބޭއިރު, ޞިއްޙީ ޚިދުމަތްތެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ ހާދިސާތަކެއް ހިނގަމުންދާ ކަމުގައި އެ މީހުން ބުނެއެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 2022ވަނަ އަހަރު އަންހެނުންނަށް އަނިޔާ ދިނުމުގެ މައްސަލަތަކާއި, އަންހެނުންނާ ދެކޮޅަށް ހިންގާ ކުށްތަކުގެ ޢަދަދު, އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 4 އިންސައްތަ އިތުރުވިއެވެ.