ޚަބަރު

އެމްޕޮކްސް: ނުރައްކާތެރި މަކުނުވިދުރި ފެތުރެމުން ދަނީ ކޮން ސަރަޙައްދުތަކެއްގައި؟


އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފެތުރުމުގެ ބިރު ހީވުމާ އެކު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ މުޅި ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ.

ޑަބްލިޔުއެޗްއޯއިން އެ ގޮތަށް އަމަލު ކޮށްފައި ވަނީ, އެފްރިކާ ބައްރުގެ ޤައުމުތަކުގައި ބަލި ފެތުރުން ކޮންްޓްރޯލް ކުރުމަށް އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން, އެ ބައްރުގެ ޤައުމުތަކުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމާ ގުޅިގެންނެވެ.

ޑަބްލިޔުއެޗްއޯން ބުނީ, އެފްރިކާގެ ޤައުމުތަކުގައި މި އަހަރުގެ މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 14,000އަށް އުފުލިފައިވާ ކަމުގައެވެ. އަދި, އެ ބަލީގައި 524 މީހުން މަރުވެފައިވާ ކަމުގައެވެ. އޭގެ ތެރެއިން 96 އިންސައްތަ މީހުން މަރުވީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އެ ޤައުމުގައި ބަލީގެ އައު ވޭރިއެންޓެއް ފެތުރެމުންދާ ކަމަށް ބުނެ, ސައިންސްވެރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެއީ, އިންސާނުންގެ ފުށުން ހަލުވިކަމާ އެކު ގައިންގަޔަށް އަރާ ވޭރިއެންޓެކެވެ.

އެމްޕޮކްސަކީ ކޮބައި؟

ސައިންސްވެރިންނަށް އެމްޕޮކްސް, ނުވަތަ މަންކީޕޮކްސް, އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ 1958ވަނަ އަހަރުއެވެ. އެ ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ވެސް ކޮންގޯއިންނެވެ. އެއީ, ރާމާމަކުނުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ޢާންމު ގޮތެއްގައި ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގުގެ ޤައުމުތަކުގައެވެ.

ނަމަވެސް, 2022ވަނަ އަހަރު އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި, 70އަށްވުރެ ގިނަ ޤައުމުން އެ ބަލި ޖެހިފައިވާ މީހުން ދެނެގަނެވުނެވެ. އެމްޕޮކްސަކީ ސްމޯލްޕޮކްސް ނުވަތަ މަކުނުވިދުރީގެ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. އެމްޕޮކްސް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި, ހީކެރުވުމާއި, ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި, ބައެއް މީހުންގެ މޫނާއި, އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ.

އެފްރިކާގެ ޤައުމުތަކުގެ އަދުގެ ހާލަތު

މި އަހަރުގެ ތެރޭގައި އެފްރިކާ ބައްރުގެ ޤައުމުތަކުން އެ ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ވަނީ އެތަކެއް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ. އެފްރިކާ ސީޑީސީން ހުސްވި ހަފުތާގައި ބުނީ, އެ ބަލި ޖެހިފައިވާ މީހުން އެފްރިކާ ބައްރުގެ 13 ޤައުމަކުން ދެނެގަނެވިފައިވާ ކަމުގައެވެ. ހުސްވި އަހަރުގެ ތެރޭގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 160 އިންސައްތަ އުފުލިފައިވާ ކަމަށާއި, އެ ބަލީގައި މަރުވާ މީހުންގެ ޢަދަދު 19 އިންސައްތަ އުފުލިފައިވާ ކަމުގައިވާ އެ އިދާރާއިން ހާމަ ކުރިއެވެ.

ކޮންގޯއިން އެމްޕޮކްސްގެ އައު ވޭރިއެންޓެއް ފެނިފައިވާ ކަން ސައިންސްވެރިން މި އަހަރުގެ ކުރީކޮޅު ހާމަކުރިއެވެ. އެއީ, އިހުނަށްވުރެ ހަލުވިކަމާ އެކު ގައިންގަޔަށް އެރުމުގެ ގާބިލު ކަން ލިބިފައިވާ ވޭރިއެންޓެކެވެ. އަދި, އެ ވޭރިއެންޓުގެ ސަބަބުން ބަލި ޖެހޭ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންގެ ފުރާނައަށް ނުރައްކާވާ ކަމުގައި ސައިންސްވެރިން ހާމަކުރިއެވެ.

ނަމަވެސް, ފަހުން ފެނިފައި ވަނީ ދެނެގަންނަން އުނދަގޫ ވޭރިއެންޓެއް ކަމުގައި ސައިންސްވެރިން އިންޒާރު ކުރިއެވެ. ސަބަބަކީ, އެ ވޭރިއެންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުން މަދުވުމެވެ. އަދި, ދޮސްގަނެފައިވާ ފޮޅުތައް ފެނުން މަދު ކަމުގައި ވެސް ސައިންސްވެރިން ބުންޏެވެ.

މި ވަގުތު މި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ އިރުމަތީގައި އޮތް ޤައުމުތަކުގައެވެ. އޭގެ ތެރޭގައި ބުރުންޑީ, ކެންޔާ, ރުވާންޑާ އަދި ޔުގާންޑާ ހިމެނެއެވެ. މިއީ, އެ ސަރަޙައްދުގެ ޤައުމުތަކުން ބަލި ޖެހިފައިވާ މީހުން ފެނިފައިވާ ފުރަތަމަ ފަހަރެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވީ އެ ޤައުމުތަކަށް ބަލި ފެތުރިފައި ވަނީ ކޮންގޯއިން ކަމުގައެވެ.

އެފްރިކާ ބައްރުގެ އެހެން ޤައުމުތަކަށް ވެސް ހަލުވިކަމާ އެކު ބަލި ފެތުރުމުގެ ބިރު އޮތް ކަމުގައި ޓެޑްރޯސް އިންޒާރު ކުރެއްވިއެވެ. އެމްޕޮކްސްގެ އެހެން ވޭރިއެންޓެއްގެ ފުށުން ފެތުރޭ ބަލި ޖެހިފައިވާ ބަޔަކު އައިވަރީ ކޯސްޓާއި ދެކުނު އެފްރިކާއިން ވެސް ވަނީ ފެނިފައެވެ. އެއީ, 2022ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުނު ވޭރިއެންޓް ކަމަށް ޑަބްލިޔުއެޗްއޯން ގަބޫލު ކުރެއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ހަލުވިކަމާ އެކު އެމްޕޮކްސް ފެތުރޭތީ ޑަބްލިޔުއެޗްއޯން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައި މި ވަނީ, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ. އެ ނިންމުމާ އެކު, އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެހީދޭ ޤައުމުތަކާއި އިދާރާތަކުން އިތުރު ފައިސާ ހޯދަން ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް, އެ ބައްޔާ ގުޅިގެން މީގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުން, އެ ކަމަށް ބޮޑު އިޖާބައެއް ލިބިފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެފްރިކާ ސީޑީސީގެ ޑިރެކްޓަރ ޖެނެރަލް ޑރ ޜޯން ކެސޭޔާ ވިދާޅުވީ, ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުން, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިދާރާތަކުންދޭ ސަމާލުކަމާއި އެހީތެރިކަން އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. އަދި, އޭގެ ކުރިން އަޅައިނުލައި އޮތް އެފްރިކާ ބައްރުގެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

"ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުން ރަނގަޅު ނަތީޖާއެއްގެ މަންޒަރެއް ނުފެނޭ. އެ ކަމަށް އިތުރު އެހީތެރިކަމާއި ވަސީލަތްތައް ބޭނުންވޭ. އެ ކަން ކުރެވެން އޮތީ މުޅި ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްގެން ކަމަށްވާ ނަމަ, އެ ކަން ވެސް ކުރަން ޖެހޭ،" ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ޕްރޮފެސަރ މައިކަލް މާކްސް ވިދާޅުވިއެވެ.

2022ގެ ބަލިމަޑުކަމާއި އަދުގެ ހާލަތުގެ ތަފާތު

2022ވަނަ އަހަރު އެމްޕޮކްސް ބަލީގެ ބަލިމަޑުކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައެވެ. އެ ފަހަރު ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނެވެ. ނަމަވެސް އަދުގެ ހާލަތުގެ ތަފާތަކީ, ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ 70 އިންސައްތައަކީ 15 އަހަރުން ދަށުގެ ކުޑަކުދިން ކަމެވެ. އަދި, އެ ޤައުމުގައި މި އަހަރު އެ ބަލީގައި މަރުވި މީހުންގެ ތެރެއިން 85 އިންސައްތައަކީ ވެސް ކުޑަކުދިންނެވެ.

ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސޭވް ދަ ޗިލްޑްރަން ކޮންގޯގެ ޑިރެކްޓަރ ގްރެގް ރާމް ވިދާޅުވީ, މި ވަގުތު އެ ޤައުމުގެ އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ އެ ޤައުމުގެ އިރުމަތީ ސަރަޙައްދުތަކުގައިވާ ރެފިއުޖީ ކޭމްޕުތަކުގައި ކަމުގައެވެ. އެ ސަރަޙައްދުގައި ތޮއްޖެހިފައިވާ ޓެންޓުތަކުގައި 345,000އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ދިރިއުޅެމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, ކޮންގޯގެ ޢާންމު ޞިއްޙަތުގެ ނިޒާމު ބަލިކަށިވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ އެމެރީ ޔުނިވަރސިޓީގެ ގައިންގަޔަށް އަރާ ބަލިތަކުގެ މާހިރެއް ކަމުގައިވާ ޑރ ބޮގޫމާ ޓައިޓާންޖީ ވިދާޅުވީ, ކޮންގޯގައި ކުޑަކުދިންގެ މެދުގައި މި ބަލި ހަލުވިކަމާ ފެތުރެމުންދާ ސަބަބު ދެނެގަނެވިފައި ނުވާ ކަމުގައެވެ. ނަމަވެސް, ކުޑަކުދިންނަށް މި ބަލި ޖެހުމުގެ ފުރުޞަތު ބޮޑު ކަމަށް ބެލެވޭ ކަމަށާއި, އެ ކަމަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި އެއް ތަނެއްގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވުން ފަދަ ސަބަބުތަކަށް ހިމެނޭ ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރެވޭނީ ކިހިނެއް؟

2022ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމްޕޮކްސް ފެތުރެން ފެށުމުން އެ ކަން ކޮންޓްރޯލް ކޮށްފައި ވަނީ ބަލި ޖެހިފައިވާ މީހުންނަށް ވެކްސިން ދީގެންނެވެ. އަދި, އެއް ޖިންސުން ގުޅުން ހިންގުން ފަދަ އިސްލާމް ދީނާ ޚިލާފު, ނާތަހުޒީބު އަމަލުތަކުން ދުރުވުމާ ގުޅޭ ގޮތުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކޮށްގެންނެވެ. ނަމަވެސް, އެފްރިކާ ބައްރުގައި އެ ބަލި ހަލުވިކަމާ އެކު ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ, އެ ކަމަށް ބޭނުންވާ ވެކްސިން އެ ޤައުމުތަކުގައި ނެތުމެވެ. އަދި, ވެކްސިން ހޯދޭނެ ގޮތެއް ވެސް ނެތުމެވެ.

މާކްސް ވިދާޅުވީ, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ރަނގަޅު މަގަކީ ވީހާވެސް ގިނަ ޢަދަދެއްގެ ބަޔަކަށް ވެކްސިން ޖަހައިދިނުން ކަމުގައެވެ. "މި ބައްޔަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އާބާދީ އޮތް ޤައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ފޯރުކޮށްދިނުން ނޫން އިތުރު ގޮތެއް ނެތް،" އެއް ޖިންސުން ގުޅުން ހިންގާ މީހުންނާއި, ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުން އަވަސް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވިއެވެ.

ކޮންގޯގައި ވެކްސިން ޖަހައިދިނުމަށް ކެމްޕޭނެއް ފެށުމަށް އެ ޤައުމުން މިހާރު ދަނީ އެހީދޭ ޖަމާޢަތްތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި, އެފްރިކާ ބައްރުގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޚަރަދު ކުރުމަށް ޑަބްލިޔުއެޗްއޯން ވަނީ 14.5 މިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައެވެ. ނަމަވެސް, އެ ކަމަށް އިތުރު 15 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.