ޚަބަރު

ޕާކިސްތާނުން އެމްޕޮކްސް ޖެހިފައިވާ ބަޔަކު ފެނިއްޖެ


ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިފައިވާ ބަޔަކު ޕާކިސްތާނުން ފެނިއްޖެއެވެ. އެ ކަން އިޢުލާނު ކޮށްފައި ވަނީ އެ ޤައުމުގެ އުތުރުގައި އޮންނަ ޚައިބަރް ޕަޚްތުންޚާ ސަރަޙައްދުގެ ޞިއްޙީ އިދާރާއިންނެވެ. އެ އިދާރާއިން ބުނީ, އެމްޕޮކްސް ޖެހިފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ން އެނބުރި އައި ޕާކިސްތާނުގެ ރައްޔިތުންގެ ފުށުން ކަމުގައެވެ.

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ބިރު ހީވުމާ އެކު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ, އެ ބައްޔާ ގުޅިގެން ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. އަދި, އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ވަނީ, އެފްރިކާ ބައްރުގައި ވެސް ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައެވެ.

ޔޫއޭއީން އެނބުރި ޕާކިސްތާނަށް ދިޔަ ބަޔެއްގެ ފުށުން އެމްޕޮކްސް ވައިރަހުގެ އަސަރު ފެނިފައިވީ ނަމަވެސް, އެއީ މި ބަލި ޖެހިފައިވާ މީހަކު އެ ޤައުމުން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ޚައިބަރް ޕަޚްތުންޚާގެ ޞިއްޙީ އިދާރާއިން ބުނީ, ބަލި ޖެހިފައިވާ މީހުންގެ ފުށުން ފެނިފައި ވަނީ ބަލީގެ ކޮން ވޭރިއެންޓެއް ކަން ދެނެގަތުމަށް ތަހުލީލު ކުރަމުންދާ ކަމުގައެވެ.

ޚައިބަރް ޕަޚްތުންޚާގެ ޞިއްޙީ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ސާލިމް ޚާން ވިދާޅުވީ, ޔޫއޭއީން އެނބުރި އެ ޤައުމަށް ދިޔަ ދެ މީހަކަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި, ތިންވަނަ މީހަކަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރުމަށް ސާމްޕަލް ނަގައި ތަހުލީލު ކުރަމުންދާ ކަމުގައެވެ. އެ ތިން މީހުން ވެސް މިހާރު ތިބީ ކަރަންޓީން ކޮށްފައެވެ. ޕާކިސްތާނުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އެކެއްގެ ހަށިގަނޑުން އެމްޕޮކްސް ބަލީގެ ވައިރަސް ފެނިފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ.

އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސްގެ ސްޓްރެއިންގެ ސަބަބުން ބަލި ޖެހިފައިވާ މީހަކު ސްވިޑެނުން ވެސް ވަނީ ފެނިފައެވެ. އެއީ, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ނުރައްކާތެރި ބަލި, ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގެ ނިޝާނެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އެ ބަލި, އެންމެ ބޮޑަށް ފެތުރެމުން ދަނީ ކޮންގޯގައެވެ. 2023 ޖަނަވަރީގައި އެ ޤައުމުގައި ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު, އޭގެ ތެރެއިން 1,100 މީހުން ވަނީ ބަލީގައި މަރުވެފައެވެ. މިއީ, އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ޢާންމުކޮށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް, ކޮންގޯގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ސައިންސްވެރިންނަށް އެންމެ ފުރަތަމަ މި ބަލި ދެނެގަނެވިފައި ވަނީ 1958ވަނަ އަހަރުއެވެ. އެ ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ވެސް ކޮންގޯއިންނެވެ. އެއީ, ރާމާމަކުނުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ޢާންމު ގޮތެއްގައި ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގުގެ ޤައުމުތަކުގައެވެ.

ނަމަވެސް, 2022ވަނަ އަހަރު އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި, 70އަށްވުރެ ގިނަ ޤައުމުން އެ ބަލި ޖެހިފައިވާ މީހުން ދެނެގަނެވުނެވެ. އެމްޕޮކްސަކީ ސްމޯލްޕޮކްސް ނުވަތަ މަކުނުވިދުރީގެ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. އެމްޕޮކްސް ޖެހިފައިވާ މީހުންގެ ފުށުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި, ހީކެރުވުމާއި, ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި, ބައެއް މީހުންގެ މޫނާއި, އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ.