ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 40,000ން މައްޗަށް އުފުލިއްޖެއެވެ. މީގެ ދިހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 40,000ން މައްޗަށް އުފުލިފައި ވަނީ, ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތައް ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޔަހޫދީންނާއި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުން ގުޅިގެންނެވެ. މެދުކެނޑިފައި އޮތް މަޝްވަރާތައް ޤަޠަރުގެ ވެރިރަށް ދަވްޙާގައި އަލުން ފަށާފައި ވަނީ އޮގަސްޓު 15ވަނަ ދުވަހުއެވެ. އަދި, ހުކުރު ދުވަހު އިތުރު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމުގައި, މަޝްވަރާތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ އެމެރިކާއިން ބުންޏެވެ.
ދަވްޙާގައި ކުރިއަށްދާ މަޝްވަރާތަކުގައި ޙަމާސުން ރަސްމީކޮށް ބައިވެރިނުވި ނަމަވެސް, ޔަހޫދީންނާ އެކު ޤަޠަރާއި މިޞްރުން ބާއްވާ ވާހަކަތަކަށް ފަހު ޙަމާސުން ވެސް އެ ދެ ޤައުމުގެ އޮފިޝަލުންނާ ވާހަކަތައް ބާއްވާނެ ކަން ޙަމާސުން ވަނީ އިޢުލާނު ކޮށްފައެވެ. ނަން ހާމަ ކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ބުނީ އޮގަސްޓު 15ވަނަ ދުވަހު ބާއްވާފައިވާ މަޝްވަރާތައް ކާމިޔާބު ކަމުގައެވެ.
"މިއީ ވަރަށް މުހިންމު މަސައްކަތެއް. އެއްބަސްވުމެއް އެކުލަވައިލަން އޮތް ހުރަސްތައް ގިރާކުރެވޭނެ. އަދި, އެ ކަން ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ،" މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވިއެވެ. މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މިހާރު މަޝްވަރާ ކުރަމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މޭ 31ވަނަ ދުވަހު އިޢުލާނު ކުރެއްވި ސުލްޙައިގެ މަގުޗާޓަށް ބިނާ ކޮށެވެ.
ޢުދުވާން ހުއްޓައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާ ކުރަމުންނެވެ. ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ. އެ ޙަމަލާތަކުގައި ހަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ އިދާރާތަކުން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ދެކުނުގައި އޮތް ރަފަޙާއި ޚާން ޔޫނިސަށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޙުސާމް ބަދްރާނީ ވިދާޅުވީ, މި ޙަމަލާތަކާ ގުޅިގެން ޢުދުވާނަށް ހުއްޓުމެއް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅެމުންދާ ކަމުގައެވެ.
ދަވްޙާގައި ފެށި އައު މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަން ޙަމާސުން ހާމަކޮށްފައިވީ ނަމަވެސް, ޔަހޫދީން އުނިއިތުރު ގެނެސްފައިވާ އެއްބަސްވުމުގެ ބަދަލުގައި, ބައިޑަން ކުރިން ހުށަހަޅުއްވާފައިވާ މަގުޗާޓުގައިވާ ކަންކަމާ މެދު މަޝްވަރާކޮށް, އެ ކަންކަން ތަންފީޒުކުރަން ތައްޔާރަށް އޮތް ކަން ޙަމާސުން ވަނީ އިޢުލާނު ކޮށްފައެވެ. ބަދްރާނީ ވިދާޅުވީ ޢުދުވާން ހުއްޓުމަކަށް ގެނެސް, ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބާލައި, ރެފިއުޖީންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ދިނުމުން ޔަހޫދީ އަސީރުން މިނިވަން ކުރަން ޙަމާސުން ޖުލައި 2ވަނަ ދުވަހު އެއްބަސްވެފައިވާނެ ކަމުގައެވެ.
"ޙަމާސުން ބޭނުން ވަނީ, މިހާރު ކުރިއަށް މަޝްވަރާތަކުން ޢުދުވާން ހުއްޓުވައި އަސީރުން މިނިވަން ކުރުމުގައި ނަތީޖާތަކެއް ނެރެ, ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމާއި އަޅުވެތިކަން ދެމެހެއްޓެނިވި ގޮތެއްގައި ނިމުމަކަށް ގެނައުން،" ބަދްރާނީ ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,005އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,401އަށް އުފުލިފައެވެ.