އިންޑިޔާގެ އިރުމަތީ ކަލްކަތާގައި އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން ހުރިހާ ޞިއްޙީ ޚިދުމަތްތެރިން އިހުތިޖާޖު ކުރުމަށް ގޮވައިލައި, ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން މެދުކަނޑައިލުމަށް, ޑޮކްޓަރުގެ މަރާ ގުޅިގެން އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުންދާ މީހުން ގޮވައިލައިފިއެވެ. ކަލްކަތާގެ މެޑިކަލް ކޮލެޖެއްގައި ޓްރެއިނީއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން ދިޔަ 31 އަހަރުގެ ޑޮކްޓަރުގެ ހަށިގަނޑު ފެނިފައި ވަނީ އޮގަސްޓު 9ވަނަ ދުވަހުއެވެ. އޭނާ މަރައިލާފައި ވަނީ ރޭޕު ކުރުމަށް ފަހުގައި ކަމަށް ކަލްކަތާގެ ފުލުހުން ހާމަ ކުރިއެވެ. ޑޮކްޓަރުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިދާރާގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަަސައްކަތް ކުރާ މީހެކެވެ.
އެ ކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ ހަސްފަތާލުތަކުގައި ވަޒީފާ އަދާ ކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ޑޮކްޓަރު ކަން ކިޔަވަމުންދާ ދަރިވަރުންނެވެ. ޞިއްޙީ ދާއިރާގައި ވަޒީފާ އަދާ ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާން ސިޔާސީ ޕާޓީތަކުން ވެސް ދަނީ ތައްޔާރުވަމުންނެވެ.
ޞިއްޙީ ޚިދުމަތްތައް މެދުކަނޑައިލައި ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް ބަންދު ކުރަން މުޒާހަރާގެ ބައިވެރިން ގޮވައިލާފައިވާ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން އިންޑިޔަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ)ން ވަނީ އެ ތަނުން ހިންގާ ހުރިހާ މަރުކަޒުތަކެއް ބަންދު ކުރަން ނިންމާފައެވެ. އެއީ, ޞިއްޙީ ޚިދުމަތްތެރިންގެ މައްޗަށް އެކުލެވިގެންވާ އިންޑިޔާގެ އެންމެ ބޮޑު ޖަމުޢިއްޔާއެވެ. އައިއެމްއޭން ބުނީ, ކުއްލި ހާލަތްތަކުގެ ޞިއްޙީ ފަރުވާ ނޫން އެހެން ހުރިހާ ޚިދުމަތްތަކެއް މެދުކަނޑައިލާފައިވާނެ ކަމުގައެވެ.
"އަނިޔާވެރި ކަމަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ މީހުުންގެ ތެރޭގައި ޑޮކްޓަރުން, ޙާއްޞަކޮށް އަންހެން ޑޮކްޓަރުން ހިމެނޭ. ހަސްފަތާލުތަކާއި [ކޮލެޖު އަދި ޔުނިވަރސިޓީ] ކެމްޕަސްތަކުގައި އެ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުމަކީ އިދާރާތަކުގެ ޒިންމާއެއް،" އައިއެމްއޭން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލާފައިވާ ކަލްކަތާއަކީ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށެވެ. ބޮޑުވަޒީރު ނަރެންދްރަ މޮދީގެ ބާރްތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)އަކީ އެ ސްޓޭޓްގައި އިދިކޮޅު ޕާޓީއެވެ. ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ގޮވައިލާ އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވާން އެ ޕާޓީން ދަނީ ތައްޔާރުވަމުންނެވެ.
2012ވަނަ އަހަރު ވެރިރަށް ނިއު ދެއްލީގައި 23 އަހަރުގެ އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އިންޑިޔާގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.
އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަޤުރީރު ކުރައްވަމުން މޯދީ ވަނީ ޑޮކްޓަރު ރޭޕުކޮށް މަރައިލަން ހިންގާފައިވާ އަމަލު ކުށްވެރި ކުރައްވާފައެވެ. "އަޅުގަނޑުމެންގެ މައިންނާއި, އަންހެން ދަރިންނާއި, އަންހެން ކޮއްކޮއިންނާއި ދައްތައިންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ކުށްތަކާ މެދު މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެން ވިސްނަން ޖެހޭ. އެ ކަމާ ދެކޮޅަށް މި ޤައުމުގައި ރުޅިވެރިކަމެއް އުފެދިއްޖެ. އަޅުގަނޑަށް އެ ރުޅިވެރިކަން އިހުސާސް ކުރެވޭ،" މޯދީ ވިދާޅުވެފައިވެއެވެ.
އިންޑިޔާގެ ޞިއްޙީ ދާއިރާގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި ގިނަ ވަގުތު ވަޒީފާ އަދާ ކުރަން ޖެހުމާއި, ވަޒީފާގެ މާހައުލުގައި ރައްކާތެރިކަން ނެތުން ފާހަގަ ކުރެވެއެވެ. އަދި, އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބޭއިރު, ޞިއްޙީ ޚިދުމަތްތެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ ހާދިސާތަކެއް ހިނގަމުންދާ ކަމުގައި އެ މީހުން ބުނެއެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 2022ވަނަ އަހަރު އަންހެނުންނަށް އަނިޔާ ދިނުމުގެ މައްސަލަތަކާއި, އަންހެނުންނާ ދެކޮޅަށް ހިންގާ ކުށްތަކުގެ ޢަދަދު, އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 4 އިންސައްތަ އިތުރުވިއެވެ.