ޚަބަރު

ޙަސީނާގެ ސަރުކާރު ވައްޓައިލި ދަރިވަރުން ސިޔާސީ ހަރަކާތަށް ނިކުންނަނީ


ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރު ވައްޓައިލުމުގައި އިސް ދައުރެއް އަދާކުރި ދަރިވަރުން ސިޔާސީ ހަރަކާތަށް ނިކުމެ, ސިޔާސީ ޕާޓީއެއް އުފެއްދުމާ މެދު މަޝްވަރާ ކުރަން ފަށައިފިއެވެ. އެ ކަން ރަސްމީ ސިފައެއްގައި ހާމަކޮށްފައި ނުވި ނަމަވެސް, ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު ދަރިވަރުން ބުނީ, އިސްލާޙީ އެޖެންޑާއެއް އެކުލަވައިލައި ތަންފީޒު ކުރެވޭނީ ސިޔާސީ ޕާޓީއެއް ގާއިމު ކޮށްގެން ކަމަށް ގަބޫލު ކުރާ ކަމުގައެވެ.

ޙަސީނާގެ ސަރުކާރު ވެއްޓުމުން އެކުލަވައިލާފައިވާ ވަގުތީ ސަރުކާރުގައި މުޝީރުންގެ މަޤާމު, މުޒާހަރާ އިންތިޒާމު ކުރި ހަރަކާތުގެ ދެ ދަރިވަރުންނަށް ވަނީ ދީފައެވެ. ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކުން ވަނީ ވީ އެންމެ އަވަސް ފުރުޞަތެއްގައި އަލުން އިންތިޚާބު ބޭއްވުމަށް ވަގުތީ ސަރުކާރަށް ގޮވައިލާފައެވެ. ނަމަވެސް, ވަގުތީ ސަރުކާރުގައި ތިބި ދަރިވަރުން ވަނީ އެ ގޮވައިލުމާ ދެކޮޅު ހަދާފައެވެ.

ދަރިވަރުންގެ ބޭނުމަކީ ފާއިތުވި 15 އަހަރު ޙަސީނާގެ ދަށުން 170 މިލިޔަން މީހުންގެ އާބާދީއެއް ބަންގްލަދޭޝްގައި ވެރިކަން ކޮށްފައިވާ ގޮތް ތަކުރާރުވިޔަ ނުދިނުމެވެ. ޙަސީނާގެ ވެރިކަމާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ތެދުވެފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރުން ދަށުގެ ކުދިންނެވެ. އެ މީހުން ތެދުވީ, ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ނަމަވެސް, ޙަސީނާގެ ސަރުކާރުން ވަނީ ފުލުހުން ބޭނުންކޮށް މުޒާހަރާތައް ރޫޅައިލަން ބާރުގެ ބޭނުން ކޮށްފައެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 300އެއްހާ މީހުން މަރުވެ, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ. މުޒާހަރާގެ ބައިވެރިން ގަބޫލު ކުރާ ގޮތުގައި, އެ މަރުތަކުގެ ޒިންމާ ޙަސީނާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެއެވެ.

ފާއިތުވި ތިން ދަހަރެއްހާ ދުވަހު ބަންގްލަދޭޝްގައި ވެރިކަން ކޮށްފައި ވަނީ މިހާރު އުމުރުން 70ން މަތީގައި ތިއްބެވި ޙަސީނާގެ އަވާމީ ލީގާއި ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ންނެެވެ. ނަމަވެސް, ވަގުތީ ސަރުކާރުގެ މުޝީރެއްގެ ދައުރު އަދާ ކުރަމުންދާ ދަރިވަރު, މަޙްފޫޟު ޢަލަމް ވިދާޅުވީ, އެ ހާލަތު ބަދަލު ކުރުމަށް ޓަކައި ދަރިވަރުން ގުޅިގެން އައު ސިޔާސީ ހަރަކާތެއް އުފަން ކުރަން މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

ޢަލަމް ވިދާޅުވީ, ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދަރިވަރުން އެ ކަމާ މެދު ގޮތެއް ނިންމައި, އިޢުލާނު ކުރާނެ ކަމުގައެވެ. އޭގެ ކުރިން, ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް, އެ މީހުންގެ ޚިޔާލު ހޯދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ޢާންމު ރައްޔިތުން ތިބީ އެ ދެ ސިޔާސީ ޕާޓީ [އަވާމީ ލީގާއި ބީއެންޕީ] ދެކެ ފޫހިވެފައި. އެ މީހުން އަޅުގަނޑުމެންނަށް އިތުބާރު ކުރޭ،" ދާކާ ޔުނިވަރސިޓީގައި އާޓްސްގެ ދާއިރާއިން ތަޢުލީމު ހާސިލު ކުރަމުންދާ ޢަލަމް ވިދާޅުވިއެވެ.

މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެހެން ދަރިވަރެއް ކަމުގައިވާ ތަޙްމީދް ޗައުދްރީ ބުނީ, ދަރިވަރުންނާއި ޒުވާނުން ގުޅިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އަދި, އެ ޕާޓީއެއް ބިނާވެފައި އޮންނާނީ މެދުމިނުގެ ސިޔާސާތުތައް ކުރިއަރުވައި, ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމުގެ އަސާސްގެ މައްޗަށް ކަމުގައި އޭނާ ބުންޏެވެ.

ދަރިވަރުން އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީން ކުރިއަރުވަން މަސައްކަތް ކުރާނެ ވަކި ސިޔާސަތުތަކެއް ކަނޑައަޅައި ޢާންމު ކޮށްފައެއް ނުވެއެެވެ. ނަމަވެސް, ޚުދްމުޚްތާރު ވެރިކަމެއް ތަކުރާރުވިޔަ ނުދިނުމަށް އިންތިޚާބާ ބެހޭ އިދާރާއަށް އިސްލާޙުތަކެއް ގެންނާނެ ކަން ދަރިވަރުން ވަނީ ހާމަ ކޮށްފައެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އައު ބަންގްލަދޭޝެއް ބިނާ ކުރުން. އަދި, ޚުދްމުޚްތާރު ސިޔާސަތުތައް ކުރިއަރުވާ މީހަކަށް އަލުން ވެރިކަމަށް އައުމުގެ ފުރުޞަތު ނައްތައިލުން،" ވަގުތީ ސަރުކާރުގައި މުޝީރެއްގެ ދައުރު އަދާ ކުރާ ދަރިވަރު, ނާހިދް އަލް-އިސްލާމް ވިދާޅުވިއެވެ. "އެ ކަން ހާސިލު ކުރެވޭނީ ބޮޑެތި އިސްލާޙުތަކެއް ގެނެސްގެން. އެ ކަމަށް ވަގުތު ހޭދަވާނެ."

ޙަސީނާގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ, މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރުކޮޅާ ދިމާލަށް މިސްރާބު ޖެހުމުން ޙަސީނާ ވަނީ ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގަންނަވާފައެވެ. އަދި, ބަންގްލަދޭޝްގެ ބާރުގަދަ އަސްކަރިއްޔާއިން ވަނީ ޙަސީނާ އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް, ޙަސީނާ އިސްތިޢުފާ ދެއްވާފައިވާ ވާހަކަ އޭނާގެ ފަރާތުން ފަހުން ވަނީ ދޮގު ކޮށްފައެވެ. ޤާނޫނީ ގޮތުން ބަލާއިރު, ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި އަދިވެސް ހުންނެނީ ޙަސީނާ ކަަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.