ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޤަޠަރުގެ ވެރިރަށް ދަވްޙާގައި ކުރަމުންދާ މަޝްވަރާތަކަށް އެމެރިކާއިން އައު ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ. ދަވްޙާގައި މަޝްވަރާތައް ބާއްވަމުން ދަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބައިވެރިވުމާ ނުލައެވެ.
އޮގަސްޓު 15ވަނަ ދުވަހު ފެށި މަޝްވަރާތައް ދެ ދުވަހަށް ފަހު މެދުކަނޑައިލި ނަމަވެސް, ހަފުތާ ބަންދަށް ފަހު މަޝްވަރާތައް އަލުން ފަށާނެ ކަމުގައި, މަޝްވަރާތައް ވިލަރެސް ކުރާ ޤަޠަރާއި މިޞްރުގެ އިތުރުން އެމެރިކާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި އިޢުލާނު ކޮށްފައިވެއެވެ. "މަޝްވަރާތަކުގެ މިހާރު އަމާޒު ހިފާފައި ވަނީ [ޢައްޒާގެ މުސްލިމުންނާއި ޔަހޫދީ އަސީރުންގެ] ފުރާނަތައް ސަލާމަތް ކުރުމަށާއި, ޣައްޒާގެ ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދިނުމަށާއި, [މެދުއިރުމަތީގައި] އުފެދިފައިވާ ސަރަޙައްދީ ނުތަނަވަސް ކަން ހައްލު ކުރުމަށް،" ބަޔާނުގައި ބުނެފައިވެއެވެ.
މަޝްވަރާތަކުގައި އެމެރިކާއިން ހުށަހަޅާފައިވާ އައު ހުށަހެޅުން ބިނާ ކޮށްފައި ވަނީ, މީގެ ކުރިން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށެވެ. އަދި ބޭނުމަކީ, ކުރިން އެއްބަސްވެފައިވާ ކަންކަން ތަންފީޒު ކުރާނެ ގޮތަކާ މެދު ދެ ފަރާތުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ވީހާވެސް އަވަހަކަށް ހައްލު ކުރެވޭނެ މަގު ކޮށައިދިނުން ކަމުގައި ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ދަވްޙާގައި ކުރަމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު ޤަޠަރާއި މިޞްރުން ދަނީ ޙަމާސްގެ އިސްވެރިންނާ ހިއްސާ ކުރަމުންނެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިއްޒަތު އަލް-ރަޝަޤު ވިދާޅުވީ, ކުރިން އެއްބަސްވެފައިވާ ކަންކަމާ އެކު ކުރިއަށް ދާން ޔަހޫދީން މިހާރު ވެސް ދެކޮޅު ހަދައި, ހުރަސް އަޅަމުންދާ ކަމުގައެވެ.
ދެ ފަރާތުގެ ދެމެދުގައި މި ވަގުތު ދެބަސްވުން އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ, ޙަމާސް ނައްތައިލުމަށް ފަހު މެނުވީ ޢުދުވާންތައް ހުއްޓުމަކަށް ގެންނަން ޔަހޫދީން ދެކޮޅު ހަދަމުން ދިޔުމެވެ. އަދި, ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލުމުގެ ބަދަލުގައި ދާއިމަށް ޢުދުވާން ހިންގުން ހުއްޓުވަން ޙަމާސުން ދަނީ ބާރު އަޅަމުންނެވެ.
މީގެ އިތުރުން, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ބަދަލުގައި ޔަހޫދީން މިނިވަން ކުރަން ޖެހޭނެ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދާއި, މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ކޮންޓްރޯލް ކުރާނެ ފަރާތަކާއި, ޣައްޒާގެ ތެރޭގައި މުސްލިމުންނަށް އެއްތަނުން އަނެއްތަނަށް އެއްވެސް ހުރަހެއް ނެތި ދަތުރު ކުރުމުގެ ފުރުޞަތު ދިނުމާ މެދު ވެސް މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ވަނީ ދެބަސްވުން އުފެދިފައެވެ.
"ދަވްޙާއިން ނިކުތް މަޢުލޫމާތުން އެނގެނީ ކުރިއެރުންތަކެއް ލިބިފައިވާ ކަން. ނަމަވެސް, އެއީ ކުރިއަށް އެޅުނު އެންމެ ފިޔަވަޅެއް. އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި،" މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވިއެވެ.
ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޙުސާމް ބަދްރާނީ ވިދާޅުވީ, މި ޙަމަލާތަކާ ގުޅިގެން ޢުދުވާނަށް ހުއްޓުމެއް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅެމުންދާ ކަމުގައެވެ. އަދި, ޢުދުވާން ހުއްޓުމަކަށް ގެނެސް, ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބާލައި, ރެފިއުޖީންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ދިނުމުން ޔަހޫދީ އަސީރުން މިނިވަން ކުރަން ޙަމާސުން ޖުލައި 2ވަނަ ދުވަހު އެއްބަސްވެފައިވާނެ ކަމުގައެވެ.
"ޙަމާސުން ބޭނުން ވަނީ, މިހާރު ކުރިއަށް މަޝްވަރާތަކުން ޢުދުވާން ހުއްޓުވައި އަސީރުން މިނިވަން ކުރުމުގައި ނަތީޖާތަކެއް ނެރެ, ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމާއި އަޅުވެތިކަން ދެމެހެއްޓެނިވި ގޮތެއްގައި ނިމުމަކަށް ގެނައުން،" ބަދްރާނީ ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,005އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,401އަށް އުފުލިފައެވެ.