ޔަހޫދީ އިސްތިޢުމާރީ ފައުޖުން ލުބުނާނަށް ދިން ވައިގެ ހަމަލާއެއްގައި 10 މީހުން ޝަހީދު ކޮށްލައިފިއެވެ.
ލުބުނާނުގެ ދެކުނުގެ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ދިން ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ސޫރިޔާގެ ރައްޔިތުންނެވެ. އެ ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އެ ޙަމަލާގައި އިތުރު ފަސް މީހަކަށް ވަނީ އަނިޔާވެފައެވެ. ޔަހޫދީންގެ ޙަމަލާ ޢަމާޒުވެފައި ވަނީ ދަގަނޑުގެ ވިޔަފާރިއަށް ބޭނުންކުރާ ޢާންމުންގެ އިމާރާތެކެވެ.
ލުބުނާނަށް ވައިގެ ޙަމަލާއެއް ދީފައި ވަނީ ފަލަސްޠީނުގެ ޢައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލްޢާންމު ހުއްޓާލުމަށް ޤަޠަރުގެ ވެރިރަށް ދައުޙާގައި ބޭއްވި މަޝްވަރާތައް ދެ ދުވަހަށް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގާ ޤަތުލްޢާންމު ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ލުބުނާނުގައި ޙަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތުން ވަނީ ޔަހޫދީންގެ އަސްކާޜި ޢަމާޒުތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގެ ރައްދުގައި ޔަހޫދީން ދަނީ ލުބުނާނަށް ބޮން އަޅަމުންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޤަތުލްޢާންމު ހުއްޓާނުލާހާ ހިނދަކު ޙިޒްބުﷲން ޔަހޫދީ ދައުލަތާ ދެކޮޅަށް ހަމަލާތައް ދޭނެނެކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ. ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮން އަޅައި ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދުކޮށްލުމުން އެކަމުގެ ބަދަލު ހިފުމަށް، ޔަހޫދީންނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާޢަތުން ވަނީ ދީފައެވެ.
އިރާންގެ ވެރިރަށް ތަހްރާނުގައި ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމުން އީރާނުން ވެސް ވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް ބަދަލުހިފުމަށް ވައުދުވެފައެވެ.