ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފި


  • މިބައްދަލުވުން ކުރިއަށްދާނީ މިމަހު 18 އިން 23 އަށް

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މަޖިލީހުގެ ރައީސް ފުރާވަޑައިގެންނެވީ "2024 އިންޓަރ ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސް"ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. މިބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 18 އިން 23 އަށް ކުރިއަށްދާ ބައްދަލުވުމެއްކަމަށްވެސް މަޖިލީހުން މަޢުލޫމާތު ދެއްވިއެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުވެސް ވަޑައިގެންނެވިއެވެ.

6 ދުވަހުގެ މުއްދަތަކަށް ޗައިނާގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ އިންޓަރ ޕާލަމެންޓަރީ ޔޫނިއަންއާއި ޗައިނާގެ ޤާނޫނު ހަދާ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އދ.ން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކަށް އަދާކުރެވޭނެ ދައުރާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.