ޚަބަރު

ތައިލެންޑުގެ އައު ބޮޑުވަޒީރަށް ރަސްގެފާނު ރުހުން ދެއްވައިފި


ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައިވާ ޕޭޓޮންގޓާން ޗިނަވާތަށް ރަސްގެފާނު މަހާ ވަޖިރާލޮންގކޯން ރުހުން ދެއްވައިފިއެވެ. 37 އަހަރުގެ ޕޭޓޮންގޓާނަކީ, ފިޔު ތައި ޕާޓީގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތުގެ ދަރިކަނބަލުންނެވެ. ސިޔާސީ މައިދާނާ އަލަށް ގުޅިވަޑައިގަތް ޕޭޓޮންގޓާން ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުން ނެގި ވޯޓެއްގައެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކޮށްފައި ވަނީ, އެ މަޤާމުގައި ހުންނެވި ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި އެ މަޤާމުން ދުރު ކުރުމުންނެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުން ސެއްތާ ދުރު ކޮށްފައި ވަނީ ތައިލެންޑުގެ ދުސްތޫރީ ކޯޓުންނެވެ.

ޕޭޓޮންގޓާނަކީ ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައިވާ ދެވަނަ އަންހެން ބޭފުޅާއެވެ. އަދި, ބޮޑުވަޒީރު ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވާ އެންމެ ޒުވާން ބޭފުޅާއެވެ. އޭނާއަކީ, އެ މަޤާމު އަދާ ކުރައްވާ ޗިނަވާތު ޢާއިލާގެ ތިންވަނަ ބޭފުޅާއެވެ. އޭނާގެ ކުރިން އެ މަޤާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ބައްޕާފުޅު ތަކްސިނާއި ބޮޑުދައިތާފުޅު ޔިންގލަކް ޗިނަވާތު ހިމެނި ވަޑައިގަންނަވައެވެ.

ރަސްގެފާނު މަހާ ޕޭޓޮންގޓާނަށް ރުހުން ދެއްވާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ސެކްރެޓަރީ އާޕަތު ސުކާނަންތެވެ. ބައްޕާފުޅު ތަކްސިން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޭޓޮންގޓާން ވަނީ ރަސްގެފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. ރަސްގެފާނު މަހާ ރުހުން ދެއްވުމާ އެކު އައު ކެބިނެޓެއް އެކުލަވައިލެއްވުމުގެ މަސައްކަތް ޕޭޓޮންގޓާން ވަނީ ފަށްޓަވާފައެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޕޭޓޮންގޓާން އޭނާގެ އައު ކެބިނެޓު އިޢުލާނު ކުރައްވާނެ ކަމަށް ބެލެވެއެވެ.

"ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި އަޅުގަނޑުގެ މަސްއޫލިއްޔަތުތައް, ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ގުޅިގެން, އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރާނަން. ހުރިހާ އެންމެންގެ ޚިޔާލުތައް އަޑުއަހައި, ޤައުމު ކުރިއަށް ގެންގޮސް ހަމަޖެހުން ގާއިމު ކުރަން އަޅުގަނޑު މަސައްކަތް ކުރާނަން،" ޕޭޓޮންގޓާން ވިދާޅުވިއެވެ.

އަދި, އޭނާގެ ކުރިން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވި ސެއްތާގެ ސިޔާސަތުތަކާއި މަޝްރޫޢުތައް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށާއި, އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި އިޤުތިޞާދު އިސްލާޙު ކުރުމާއި, މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި, ޞިއްޙީ ފަރުވާއާއި ޞިއްޙީ އިންޝުއަރެންސްގެ ނިޒާމު މުރާޖަޢާ ކުރުމުގެ އިތުރުން ޖިންސީ ތަފާތު ކުރުންތައް ނައްތައިލުން ހިމެނޭ ކަމުގައި ޕޭޓޮންގޓާން ވިދާޅުވިއެވެ.

އައު ބޮޑުވަޒީރެއް އިންތިޚާބު ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ޕޭޓޮންގޓާނަށް 319 މެންބަރުންގެ ތާޢީދު ލިބުނެވެ. އެއީ, މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތެވެ. ޕޭޓޮންގޓާނަކީ މީގެ ކުރިން ސަރުކާރުގެ އެއްވެސް މަޤާމެއް އަދާ ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް, ބޮޑުވަޒީރު ކަމުގެ މަޤާމަށް އޭނާގެ ނަން ހުށަހަޅުއްވާފައި ވަނީ އޭނާގެ ބައްޕާފުޅު ތަކްސިން ކަމަށް ބެލެވެއެވެ. ސަރުކާރުގެ އެއްވެސް އިސް މަޤާމަށް ބައްޕާފުޅު ޢައްޔަން ނުކުރައްވާނެ ކަމުގައި ވެސް ޕޭޓޮންގޓާން ވިދާޅުވިއެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމުގައި ޕޭޓޮންގޓާނަަށް އެންމެ ފުރަތަމަ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ގޮންޖެހުން ގުޅިފައި ވަނީ ތައިލެންޑަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކުން އަރައިގަނެ, ދަށްވެފައިވާ އިޤުތިޞާދީ ދުވެލި ހަލުވި ކުރައްވާނެ މަގެއް ހޯއްދެވުމުގައެވެ. އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ, ފިއު ތައި ޕާޓީއަށް އޮތް ތާޢީދު ފަނޑުވެ, އެ ޕާޓީއާ ދެކޮޅު ސިޔާސީ ހަރަކާތްތަކުން ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ.

ޕޭޓޮންގޓާނަަށް ރަސްގެފާނު ރުހުން ދެއްވާފައި މި ވަނީ, އޭނާގެ ބައްޕާފުޅު ތަކްސިންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ރަސްގެފާނު މަޢާފު ކޮށްދެއްވިތާ އެއް ދުވަސް ފަހުންނެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވައި އަމިއްލަ މަންފާ ހޯއްދެވުމުގެ ކުށް ސާބިތުވެ, އޭނާއާ ދެކޮޅަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އޮތީ އިއްވާފައެވެ.

ނަމަވެސް, ރަސްގެފާނު މަހާ ވަނީ ތަކްސިންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރު ކޮށްދެއްވާފައެވެ. އަދި, ޞިއްޙީ ހާލުކޮޅު ހުރި ގޮތުން ފާއިތުވި ހަ މަސް ދުވަސް އޭނާ ހޭދަ ކުރައްވާފައި ވަނީ ހަސްފަތާލުގައެވެ. ޕެރޯލްގެ ދަށުން އޭނާ މިނިވަން ކޮށްފައި ވަނީ ފެބުރުވަރީ މަހުއެވެ.