ޚަބަރު

ތުރުކީވިލާތުގެ ފަސް ސަރަޙައްދެއްގެ ޖަންގަލިތަކުގައި ރޯވެ އަނދަނީ


ތުރުކީވިލާތުގެ ފަސް ޕުރޮވިންސެއްގެ ޖަންގަލިތަކުގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތައް ނިއްވައިލަން މަސައްކަތް ކުރަމުންދާ ކަން އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ. އެ ޤައުމުގެ ޖަންގަލިތަކާ ބެހޭ ވުޒާރާއިން ބުނީ ހުޅަނގުގައި އޮތް އީޒްމިރް ޕުރޮވިންސުގެ ޖަންގަލިތަކުގައި އޮގަސްޓު 15ވަނަ ދުވަހު ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައެވެ. ނަމަވެސް, އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި, ބޮޑެތި ގެއްލުންތަކެއް ލިބުނު ފަހުންނެވެ.

ޖަންގަލިތަކާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ޔުމަކްލަ ވިދާޅުވީ އީޒްމިރްގެ ކަރްޝިޔަކާ ޑިސްޓްރިކްޓުގެ ޖަންގަލިތަކުގައި ރޯވާން މެދުވެރިވީ, ބަޔަކު ރޯކުރި އަލިފާންގަނޑެއް ކޮންޓްރޯލް ނުވެ ފެތުރިގެން ކަމުގައެވެ. އެ ކަމުގައި ޒިންމާވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އަލިފާންގަނޑުގެ ނުރައްކާތެރިކަން ކުޑަ ކުރެވިއްޖެ. ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ވެސް މިހާރު ނުރައްކަލެއް ނެތް،" ޔުމަކްލަ ވިދާޅުވިއެވެ. އީޒްމިރްގައި އަލިފާން ރޯވެފައި ވަނީ ދަތުރު ކުރަން ދަތި ވާދީއެއްގައެވެ. އެ އަލިފާންގަނޑު ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި, ބައެއް ގެދޮރަށް ގެއްލުންވިއެވެ. އަދި, ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.

އީޒްމިރްގެ މޭޔަރު ޖެމިލް ތުގާއީ ވިދާޅުވީ އަލިފާންގަނޑުގެ ސަބަބުން ޢާންމުން ދިރިއުޅޭ 16 ގެއަކާއި 30 ޢިމާރާތުގައި ރޯވެ, ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. ތުރުކީވިލާތުގެ ޞިއްޙީ ވުޒާރާއިން ބުނީ, އަލިފާނުގެ ސަބަބުން ޞިއްޙަތަަށް ނުރައްކާވި 78 މީހަކަށް ފަރުވާ ދޭން ޖެހުނު ކަމުގައެވެ.

އެ ސަރަޙައްދުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލަން އިދާރާތަކުން ދަނީ ހެލިކޮޕްޓަރު ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން މަސައްކަތް ކުރަމުންނެވެ. އީޒްމިރްގެ އިތުރުން ހުޅަނގުގައި އޮންނަ އައިދިނާއި މަނީސާ ޕުރޮވިންސާއި އުތުރުގައި އޮތް ބޯލޫއާއި ކަރަބިޔުކް ޕުރޮވިންސުގެ ޖަންގަލިތަކުގައި ވެސް ވަނީ ރޯވެފައެވެ.

ޖަންގަލިތައް ބަލަހައްޓާ އިދާރާއިން ބުނީ މޫސުން ހުރި ގޮތުން ތުރުކީވިލާތުގެ 12 ޕުރޮވިންސެއްގެ ޖަންގަލިތަކުގައި ރޯވުވުމުގެ ނުރައްކާ އޮތް ކަމުގައެވެ. އަދި, ފިނިހޫނުމިން އުފުލިފައިވާ ކަމަށާއި, ވައިގެ ތެތްފިނިކަން ދަށްވެ, އާދަޔާ ޚިލާފަށް ވައި ބާރުވެފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. މީގެ ކުރިން ވެސް ތުރުކީވިލާތުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.