ފަލަސްޠީނުގެ ޣައްޒާގެ ދަޔިރް އަލް-ބަލަޙަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި ހަ ކުޑަކުދިންނާއި އެ ކުދިންގެ މައިންބަފައިން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި 25 މީހުން ޝަހީދު ކޮށްލިއެވެ.
ދަޔިރް އަލް-ބަލަޙުގައި ޝަހީދު ކޮށްލާފައިވާ ހަ ކުޑަކުދިންގެ މަންމައަކީ އދގައި ވަޒީފާ އަދާ ކުރާ މުވައްޒަފެކެވެ. "އަޅުގަނޑުގެ ދަރިފުޅާއި އޭނާގެ ފިރިމީހާގެ އިތުރުން ހަ ދަރިންނަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ގޭގައި ނިދާފައި ތިއްބާ. އިސްރާއީލުގެ [ޔަހޫދީ ފައުޖުން] މިސައިލް ޙަމަލާއެއް ދީފައި ވަނީ އެ މީހުން ދިރިއުޅޭ ގެޔަށް. މުޅި ގެ ވަނީ ބިނާ ހަމަވެފައި. އެންމެން ޝަހީދުވި،" މަރުވި ހަ ކުދިންގެ ކާފަ, މުޙައްމަދު ޢަވަޟު ޚައްޠާބު ކިޔައިދިނެވެ.
ދެމަފިރިންނާއި އެ މީހުންގެ ހަ ކުދިން ޝަހީދު ކޮށްލާފައިވާ ކަން އަލް-އަޤްޞާ ހަސްފަތާލުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. "އަޅުގަނޑުގެ އަންހެން ދަރިފުޅަށް ދަރިން ލިބިފައި ވަނީ އެތަކެއް އަހަރަކު މަސައްކަތް ކުރި ފަހުން. އެ ދެމަފިރިންނަށް ދަރިން ލިބުނީ އައިވީއެފް ހަދައިގެން. އެ މައުސޫމު ކުޑަކުދިންގެ ކުށަކީ ކޮބައި؟ އެ ކުދިން ޔަހޫދީންނަށް އެއްވެސް ނުރައްކަލެއް ކުރިތަ؟ އެ މީހުން ތިބީ ޔަހޫދީންނަށް ދެކޮޅަށް ހަތިޔާރު އުފުލައިގެންތަ؟" ޚައްޠާބު ސުވާލު ކުރިއެވެ.
ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ވެސް ޔަހޫދީ ފައުޖުން ވަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އޭގެ ތެރެއިން ދެ ޙަމަލާއެއް ދީފައި ވަނީ ޢާންމުން ދިރިއުޅޭ ދެ އެޕާޓްމަންޓް އިމާރާތަށެވެ. އެ ޙަމަލާތަކުގައި ހަަތަރު މީހުން ޝަހީދު ކޮށްލިއެވެ. އަދި, ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ބޮން އަޅައި ޔަހޫދީން ފައުޖުން އިތުރު ހަތަރު މީހުން ޝަހީދު ކޮށްލިއެވެ. އެއް ޢާއިލާއަކަށް ނިސްބަތްވާ އެ ހަތަރު މީހުންގެ ތެރޭގައި ދެ އަންހެނުން ހިމެނެއެވެ. ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ވެސް ބޮން އަޅައި ޔަހޫދީ ފައުޖުން ވަނީ ހަތް މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ.
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދގެ އިދާރާ (އުންރުވާ)ން ބުނީ ފަހަކަށް އައިސް ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަށް ކަމުގައެވެ. އެ ފަދަ ސަރަޙައްދުތަކުގައި ތޮއްޖެހިފައިވާ ފޭލިގެތަކުގައި އެތަކެއް ސަތޭކަ ހާސް ރެފިއުޖީންނެއް ދަނީ ދިރިއުޅެމުންނެވެ. ޣައްޒާގައި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާއިން ބުނީ ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ސައިޒު ކުޑަ ކުރަން ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
"ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ސައިޒު ކުޑަ ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ޚިލާފު ކުށްތައް ހިންގައި, އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކުރަމުން،" އެ އިދާރާގެ ވެރިޔާ މުޙައްމަދު އަލް-މުޣަޔިރު ވިދާޅުވިއެވެ.
ޔަހޫދީ ފައުޖުގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީއަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރު ކޮށްދިނުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ. ޣައްޒާގެ އުތުރުގައި އޮތް ބަޔިތު ލާހިޔާގެ ކަމާލް ޢަދްވާން ހަސްފަތާލުގެ ޑިރެކްޓަރު ޙުސާމް އަބޫ ޞަފިއްޔާ ވިދާޅުވީ, ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެ އެ ހަސްފަތާލުން ޚިދުމަތްތައް މެދުކަނޑައިލާފައިވާ ކަމުގައެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,099އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,609އަށް އުފުލިފައެވެ.