ޚަބަރު

ކަލްކަތާ ޑޮކްޓަރުގެ މަރު: އިހުތިޖާޖު ހުއްޓައިލަން ޞިއްޙީ ޚިދުމަތްތެރިން ދެކޮޅު


އިންޑިޔާގެ އިރުމަތީ ކަލްކަތާގައި އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލުމުން އެ ޤައުމުގެ ހަސްފަތާލުތަކާއި ކުލިނިކުތަކުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ފަށާފައިވާ އިހުތިޖާޖު ހުއްޓައިލަން އެ މީހުން ދެކޮޅު ހަދައިފިއެވެ. ޑޮކްޓަރުގެ މަރާ ގުޅިގެން ފެށި މުޒާހަރާތަކުގައި ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވެ އިހުތިޖާޖު ކުރަން ފެށުމާ އެކު ޞިއްޙީ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. ހަސްފަތާލުތަކާއި ކުލިނިކުތަކުގައި މި ވަގުތު ފޯރުކޮށްދެމުން ދަނީ ކުއްލި ހާލަތްތަކުގެ ފަރުވާ އެކަންޏެވެ.

ކަލްކަތާގެ މެޑިކަލް ކޮލެޖެއްގައި ޓްރެއިނީއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން ދިޔަ 31 އަހަރުގެ ޑޮކްޓަރުގެ ހަށިގަނޑު ފެނިފައި ވަނީ އޮގަސްޓު 9ވަނަ ދުވަހުއެވެ. އޭނާ މަރައިލާފައި ވަނީ ރޭޕު ކުރުމަށް ފަހުގައި ކަމަށް ކަލްކަތާގެ ފުލުހުން ހާމަ ކުރިއެވެ. އެ ކަމުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށް ވެސް ބެލެވެއެވެ. ޑޮކްޓަރުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިދާރާގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަަސައްކަތް ކުރާ މީހެކެވެ.

ޑޮކްޓަރުގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާ އަދި އިހުތިޖާޖުގެ ބައިވެރިން ގޮވައިލަމުން ދަނީ އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ކުށްތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި, ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށެވެ.

އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ބުނީ, ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޑޮކްޓަރު ރޭޕުކޮށް މަރައިލުމުގެ ހާދިސާއާ އެކު އިންޑިޔާގައި އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި, 2012ވަނަ އަހަރު ވެރިރަށް ނިއު ދެއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ދަރިވަރަކު ރޭޕުކޮށް މަރައިލި ހާދިސާއާ ގުޅިގެން ޖިނާޢީ އަދުލުގެ ނިޒާމަށް ގެނެސްފައިވާ އިސްލާހުތަކާ އެކު ވެސް އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވިފައި ނުވާ ކަމުގައެވެ.

މުޒާހަރާއާއި އިހުތިޖާޖު ހުއްޓައިލުމަށް ފަހު މެދުކަނޑައިލާފައި އޮތް ޞިއްޙީ ޚިދުމަތްތައް އަލުން ފެށުމަށް ސަރުކާރުން ވަނީ ގޮވައިލާފައެވެ. އަދި, ޞިއްޙީ ދާއިރާގައި ވަޒީފާ އަދާ ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ހަރުދަނާ ކުރުމުގެ ކަންކަން ވިލަރެސް ކުރަން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަން ވެސް ސަރުކާރުން ވަނީ އިޢުލާނު ކޮށްފައެވެ.

"އަޅުގަނޑުމެންގެ ޑިމާންޑުތައް ހާސިލު ނުވަނީސް ވަޒީފާއަށް އެނބުރި ނުދާނަން. އިހުތިޖާޖު ހުއްޓައިނުލާނަން،" އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ އާރްޖީ ކާރް މެޑިކަލް ކޮލެޖު އަދި ހަސްފަތާލުގައި ވަޒީފާ އަދާ ކުރާ ޑރ އަނީކޭތު މަހާތާ ބުންޏެވެ.

އިހުތިޖާޖު ކުރަމުންދާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނާ އެއްބައިވެ, ގިނަ ޢަދަދެއްގެ ބަޔަކު މުޒާހަރާތަކުގައި ބައިވެރިވަމުންދާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މި ގޮތުން, މުޒާހަރާތަކާ އެންމެ ފަހުން ގުޅުނު މީހުންގެ ތެރޭގައި ކަލްކަތާ އޮންނަ ހުޅަނގު ބަންގާލް ސްޓޭޓްގެ އެންމެ ބޮޑު ދެ ފުޓުބޯޅާ ކުލަބުގެ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން, އޮޅިއްސާއާއި ގުޖްރާތް ސްޓޭޓްގެ އިތުރުން ވެރިރަށް ނިއު ދެއްލީގައި ވެސް އެތަކެއް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާ, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ މެނޭޖިންގ ޑިރެކްޓަރުގެ ނައިބު ގީތާ ގޯޕީނާތު ވިދާޅުވީ, ވަޒީފާގެ މާހައުލުގައި ޚިދުމަތްކުރާ އަންހެނުންގެ ޢަދަދު އިތުރު ކުރަން, އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަަވަރު ކޮށްދޭން ޖެހޭ ކަމުގައެވެ. އޭނާ ވިދާޅުވީ, އިންޑިޔާގެ ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ބައިވެރިވުން އޮތީ އެންމެ 37 އިންސައްތައިގައި ކަމުގައެވެ. "ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދީގެން ނޫނީ އެ ކަން [އަންހެނުންގެ ބައިވެރިވުން] އިތުރެއް ނުކުރެވޭނެ. އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ގޯޕީނާތު ވިދާޅުވިއެވެ.

ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޓްރެއިނީ ޑޮކްޓަރުގެ މަރާ ގުޅިގެން އިންޑިޔާގެ މައި ތަޙުޤީޤީ އިދާރާ, ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ން ވަނީ ތަޙުޤީޤު ފަށާފައެވެ. އަދި, އެ ތަޙުޤީޤުގެ ދަށުން އެ ކޮލެޖުގައި ތަޢުލީމު ހާސިލު ކުރަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުންނާ ސުވާލު ކޮށްފައިވާ ކަމުގައި ކަލްކަތާގެ ފުލުހުން ހާމަ ކުރިއެވެ. ސީބީއައިން ސުވާލު ކޮށްފައިވާ މީހުންގެ ތެރޭގައި އެ ކޮލެޖުގެ ޕްރިންސިޕަލް ވެސް ހިމެނެއެވެ.

2012ވަނަ އަހަރު ވެރިރަށް ނިއު ދެއްލީގައި އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އިންޑިޔާގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.

އިންޑިޔާގެ ޞިއްޙީ ދާއިރާގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި ގިނަ ވަގުތު ވަޒީފާ އަދާ ކުރަން ޖެހުމާއި, ވަޒީފާގެ މާހައުލުގައި ރައްކާތެރިކަން ނެތުން ކަން ފާހަގަ ކުރެވެއެވެ. އަދި, އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބޭއިރު, ޞިއްޙީ ޚިދުމަތްތެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ ހާދިސާތަކެއް ހިނގަމުންދާ ކަމުގައި އެ މީހުން ބުނެއެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 2022ވަނަ އަހަރު އަންހެނުންނަށް އަނިޔާ ދިނުމުގެ މައްސަލަތަކާއި, އަންހެނުންނާ ދެކޮޅަށް ހިންގާ ކުށްތަކުގެ ޢަދަދު, އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 4 އިންސައްތަ އިތުރުވިއެވެ.