ޚަބަރު

އެމެރިކާގެ ހުށަހެޅުން އޮތީ ނިރުބަވެރި ނަތަންޔާހޫ ބޭނުންވާ ގޮތަށް: ޙަމާސް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަށް ކުރަމުންދާ މަޝްވަރާތަކަށް އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުން އޮތީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވާ ގޮތަށް ކަމުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ. އެމެރިކާއިން ބުނީ, އައު ހުށަހެޅުންތައް ބިނާ ކޮށްފައި ވަނީ ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީން އެންމެ ފަހުން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް ކަމުގައެެވެ.

މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ވިލަރެސް ކުރާ ޤަޠަރާއި މިޞްރުން ވަނީ އެމެރިކާގެ ހުށަހެޅުން ޙަމާސާ ހިއްސާ ކޮށްފައެވެ. އެމެރިކާގެ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ހުސްވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކުގައެވެ. އެ ވާހަކަތަކުގައި ޙަމާސުން ބައިވެރިއެއް ނުވެއެވެ. އަދި, މަޝްވަރާތަކުގައި އިތުރު ބުރެއް މިޞްރުގެ ވެރިރަށް ޤާހިރާގައި ފެށުމަށް މިހާރު ދަނީ ތައްުޔާރުވަމުންނެވެ.

އެމެރިކާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ޙަމާސުން ބުނީ, އެ ހުށަހެޅުންތައް ބިނާ ކޮށްފައި ވަނީ ހައްދުފަހަނަ އެޅި ނަތަންޔާހޫ ބޭނުންވާ ކަންކަން ހިމަނައިގެން ކަމުގައެވެ. އަދި, ޢުދުވާންތައް ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް ނަތަންޔާހޫގެ ކިބައިގައި ނެތް ކަމުގައެވެ. ޔަހޫދީންނާ އެކު އެއްބަސްވުމެއްގައި ސޮއި ކުރަން ޙަމާސުން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޢުދުވާން ހުއްޓައިލުމަށް ފަހު ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ސަހަރުން ފޭބުމާއި, މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގުގެ ބާރުތައް އެ ޖަމާޢަތަށް ދޫކޮށްލުން ހިމެނެއެވެ.

"މަޝްވަރާތަކަށް ހުރަސް އަޅައި އެއްބަސްވުމެއްގައި ސޮއި ކުރަން ދެކޮޅު ހެދުމާއި, އަސީރުން މިނިވަން ކުރަން ހުރަސް އެޅުމާއި, ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ދިގުދެންމުމުގެ ޒިންމާ ނަތަންޔާހޫ އުފުލަން ޖެހޭނެ،" ޙަމާސުން ބުންޏެވެ. އަދި, ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައިވާ ކަންކަމާ އެކު ކުރިއަށް ގޮސް, އެއްބަސްވުމެއްގައި ސޮއި ކުރުން އަވަސް ކުރަން ޔަހޫދީންނަށް ބާރު އެޅުމަށް އެ ޖަމާޢަތުން ވަނީ މަޝްވަރާތައް ވިލަރެސް ކުރާ ފަރާތްތަކަށް ގޮވައިލާފައެވެ.

އެއްބަސްވުމަށް ޔަހޫދީން އުނިއިތުރު ގެންނަމުންދާ ކަން ހާމަކޮށް, ޙަމާސުން ވަނީ ޖުލައި 2ވަނަ ދުވަހު އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް އޮތް ކަން ހާމަ ކޮށްފައެވެ. އެ ކަންކަމުގެ ތެރޭގައި ޢުދުވާން ހުއްޓުމަކަށް ގެނެސް, ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބާލައި, ރެފިއުޖީންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ދިނުމާއި, އަސީރުން މިނިވަން ކުރުން ހިމެނެއެވެ.

އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޙަމާސުން ފާޑުކިޔާފައި ވަނީ, ނުތަނަވަަސް ވެފައިވާ މެދުއިރުމަތީގެ މަސްރަޙުގެ މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމައްޗަށް ދަތުރުފުޅެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ. އެއީ, ޣައްޒާ ޢުދުވާން ފެށި ފަހުން އޭނާ މެދުއިރުމައްޗަށް ކުރައްވާ ނުވަވަނަ ދަތުރުފުޅެވެ.

އެ ދަތުރުގެ ތެރެއިން ޔަހޫދީންގެ ވެރިރަށަށް ވަޑައިގަންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކަން ވިދާޅުވީ, ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތަކީ އެމެރިކާއިން ހުށަހަޅާފައިވާ މަގުޗާޓު ކަމަށާއި, އެ މަގުޗާޓުގެ ދަށުން ވީ އެންމެ އަވަހަކަށް ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުން ކަމުގައެވެ. މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސް ކަން ހައްލު ކުރުމަށް އެމެރިކާއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި, ފިޔަވަޅުތައް އަޅަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"[ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުން މިނިވަން ކޮށް ޣައްޒާ ޢުދުވާން މެދުކަނޑައިލަން މިއީ އެންމެ ރަނގަޅު ދަނޑިވަޅު. އަދި ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙައާއި ހަމަޖެހުން ދަމަހައްޓަން އޮތް އެންމެ ރަނގަޅު ފުރުޞަތު. ރައީސް [ޖޯ] ބައިޑަންގެ އިރުޝާދުގެ ދަށުން އަޅުގަނޑު މި ތަނަށް އައިސް މިހުރީ އެއްބަސްވުމާ ގުޅޭ ކަންކަން ކުރިއަރުވައި ކާމިޔާބީގެ ރޮނގު ހުރަސް ކުރެވޭނެ ކަން ކަށަވަރު ކުރަން. މިއީ, އެންމެން ވެސް ބަހަނާ ދެއްކުމުގެ ބަދަލުގައި އެއްބަސްވުމަށް ރުހެންވީ ވަގުތު،" ޒަޔަނިސްޓު އިސްރާއީލުގެ ރައީސް އިޓްސްހާގު ހެރްޒޮގާ ބައްދަލު ކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބްލިންކަން ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,099އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,609އަށް އުފުލިފައެވެ.