ޚަބަރު

ބެލަރޫސް ކައިރިއަށް ޔޫކްރެއިންގެ ސިފައިން ޖަމާ ކުރަނީ


ބެލަރޫސާއި ޔޫކްރެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޔޫކްރެއިންގެ 120,000އެއްހާ ސިފައިން ޖަމާކޮށްފައިވާ ކަމަށާއި އެ ކަމާ ގުޅިގެން ދިފާޢީ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ބެލަރޫސްގެ ރައީސް އަލެކްސާންދްރަ ލުކަޝެންކާ ހާމަ ކުރައްވައިފިއެވެ. އެ ގޮތުން, ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ބެލަރޫސްގެ އަސްކަރިއްޔާގެ ތިންބައިކުޅަ އެއްބައި ސިފައިން ފޮނުވާފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ބެލަރޫސްގެ ސަރަޙައްދީ ރޮނގު ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައި ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިންގެ ސިފައިންގެ ބިޔަ ލަޝްކަރެއް ރަޝިޔާގެ ކޫރްސްކު ސަރަޙައްދަށް އަރައި ހަނގުރާމަ ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިންގެ ސިފައިން ރަޝިޔާއަށް އަރައި ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ.

ލުކަޝެންކާއަކީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ގާތް އެކުވެރިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބެލަރޫސުން ޖެހިފައި ވަނީ ރަޝިޔާގެ ފަޅިއަށެވެ. އަދި, އަސްކަރީ ގޮތުންނާއި އެހެން ދާއިރާތަކުން ބެލަރޫސުން ދަނީ ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ކަމާ ގުޅުވައި, ކޫރްސްކަށް ދިން ފަދަ ޙަމަލާތަކެއް ބެލަރޫސަށް ދިނުމަށް ޔޫކްރެއިނުން ރާވާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ލުކަޝެންކާ ކުރިން ވިދާޅުވެފައިވެއެވެ.

"އެ މީހުންގެ [ޔޫކްރެއިންގެ] ހަރުކަށި ސިޔާސަތުތައް ފެނުމުން އަޅުގަނޑުމެން ވާނީ [ސަރަޙައްދީ ރޮނގުގެ] އެކި ސަރަޙައްދުތަކަށް [ސިފައިން ފޮނުވާފައި], ހަނގުރާމައެއް ފެށިދާނެ ކަމަށް ޓަކައި ދިފާޢީ ގޮތުން ތައްޔާރުވުމުގެ ގޮތުން - ހުރިހާ ހިސާބެއްގައި އަސްކަރިއްޔާ ސިފައިން ތިބޭނެ،" ރަޝިޔާގެ ދަޢުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ލުކަޝެންކާ ވިދާޅުވިއެވެ.

ބެލަރޫސާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ސިފައިން ޖަމާ ކުރަން ފަށާފައިވާ ކަމަށް އެ ޤައުމުން ކުރާ ތުހުމަތު ޔޫކްރެއިނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް, ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ ތަރުޖަމާނު އަންދްރީ ދެމްޗަންކޯ ވިދާޅުވީ, ބެލަރޫސް-ޔޫކްރެއިން ސަރަޙައްދީ ރޮނގުގެ ހާލަތު ބަދަލުވެފައި ނުވާ ކަމުގައެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ލުކަޝެންކާ އެ ފަދަ ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނީ މަސްރަޙު އިތުރަށް ހޫނުކޮށް, ޓެރެރިސްޓު ޤައުމު [ރަޝިޔާ] ރުއްސަން. ބެލަރޫސް ފަޅިއަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަމުންދާ މަންޒަރު ފެންނާކަށް ނެތް،" ދެމްޗަންކޯ ވިދާޅުވިއެވެ.

ބެލަރޫސްގެ ދިފާޢީ ކަންކަން ހަރުދަނާ ކުރުމަށް އެ ޤައުމާއި ޔޫކްރެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ފޮނުވާފައިވާ ސިފައިންގެ ޢަދަދު ލުކަޝެންކާ ސާފު ކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް, 2022ވަނަ އަހަރު އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓީޖިކް ސްޓަޑީޒުން ޝާއިޢު ކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ބެލަރޫސްގެ އަސްކަރިއްޔާގެ ބޮޑު މިނަކީ 48,000 ސިފައިންނެވެ. އަދި, ސަރަޙައްދީ ރޮނގު ބަލަހައްޓާ ފައުޖުގައި 12,000 ސިފައިން ހަރަކާތްތެރިވެއެވެ.

ބެލަރޫސްގެ ދިފާޢީ ވަޒީރު ވިކްތަރް ޚްރީނިން ވިދާޅުވީ ޔޫކްރެއިންގެ ސިފައިން ހަތިޔާރާ އެކު އެ ޤައުމަށް އަރައި ހަނގުރާމަ ފުޅާ ކުރުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އަދި, ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު މި ވަގުތު އޮތީ ވަރަށް ނުތަނަވަސް ހާލަތެއްގައި ކަމުގައެވެ. ސަރަޙައްދީ ރޮނގު ކައިރީގައި ގިނަ ޢަދަދެއްގެ މައިންތައް ހަރުކޮށްފައިވާނެ ކަމަށާއި, އެ ޤައުމަށް އަރައިގަންނަ ޔޫކްރެއިންގެ ސިފައިންނަށް އޮތް ނުރައްކާތެރި ކަން ބޮޑުވާނެ ކަމުގައި ވެސް ލުކަޝެންކާ ވިދާޅުވެފައިވެއެވެ.