ޔަމަންގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފައިދާހުރި ކާނާ ލިބުން ދަތިވެ, މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތައް ޢާންމުވެފައިވާ ކަމުގައި އދގެ މާހިރުން އިންޒާރު ކޮށްފިއެވެ. އދގެ އިންޓެގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ގެ ފަންނީ މާހިރުންގެ ގުރޫޕުން ނެރެފައިވާ ރިޕޯޓެއްގައި ހާމަ ކޮށްފައިވާ ގޮތުގައި މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތައް އެންމެ ބޮޑަށް ޢާންމުވެފައި ވަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ އެ ޤައުމުގެ ސަރަޙައްދުތަކުގައެވެ.
ސަޢޫދީ ޢަރަބިއްޔާއިން ވާގިވެރިވާ ޔަމަންގެ ސަރުކާރާއި ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީންގެ ފައުޖުތަކާ ދެމެދު ހިނގި ދާޚިލީ ހަނގުރާމައާ ގުޅިގެން ޔަމަންގެ އިޤުތިޞާދު ވަނީ ހަލާކުވެފައެވެ. އަދި, އެ ކަމާ ގުޅިގެން ޔަމަނަށް ވަނީ އިންސާނީ ކާރިސާއެއް ކުރިމަތިވެފައެވެ. މި ވަގުތު ދުނިޔޭގައި އެންމެ ބޮޑު އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ޤައުމަކީ ޔަމަނެވެ.
އައިޕީސީގެ ފަންނީ މާހިރުންގެ ޓީމުން ބުނީ ފައިދާހުރި ކާނާ ލިބުމަށް ދަތިވެ, ޔަމަންގެ ރައްޔިތުންނަށް މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެ ޤައުމުގައި ހަލުވިކަމާ އެކު ނުރައްކާތެރި ބަލިތައް ވެސް ފެތުރެމުންދާ ކަމުގައެވެ. މި ގޮތުން, ނުރައްކާތެރި ބަލިތަކެއް ކަމުގައިވާ ކޮލެރާއާއި ހިމަބިހި ފެތުރެމުންދާ ކަމަށާއި, އެ ޤައުމުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުުގައި ވެސް ބޮޑެތި ދަތިތަކެއް ހުރި ކަމުގައެވެ.
ފައިދާ ހުރި ކާނާ ނުލިބި މެލްނިއުޓްރިޝަން ފަދަ މައްސަލައާ ކުރިމަތިލާން ޖެހިފައިވާ ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ޢަދަދު ހުސްވި އަހަރާ އަޅައިބަލާއިރު 34 އިންސައްތަ އިތުރުވެފައިވާ ކަމުގައި ވެސް އައިޕީސީގެ މާހިރުންގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެ ގޮތުން, 600,000 އެއްހާ ކުޑަކުދިން މެލްނިއުޓްރިޝަން ފަދަ މައްސަލަތަކަށް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން 120,000 ކުޑަކުދިންނަށް އޮތް ނުރައްކާ ބޮޑު ކަމުގައި ވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
2023 ނޮވެންބަރާއި 2024 ޖޫން މަހާ ދެމެދު މެލްނިއުޓްރިޝަންގެ މައްސަލަ އެންމެ ބޮޑަށް ގޯސްވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް އަލް-ޙުދަޔިދާގެ އަލް-ޚޫޚަތާއި ހާޔިޛް ޑިސްޓްރިކްޓާއި ތާޢިޛުގެ އަލް-މައްޚާ ހިމެނެއެވެ. އެ ސަރަޙައްދުތަކުގައި މެލްނިއުޓްރިޝަންގެ އަސަރު ކޮށްފައިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމުގައި އައިޕީސީގެ ފަންނީ މާހިރުންގެ ގުރޫޕުގެ ރިޕޯޓުގައި ހާމަ ކޮށްފައިވީ ނަމަވެސް, އެ ފަދަ މައްސަލަތަކުގައި ފުރާނަ ގެއްލިފައިވާ މީހުންގެ ޢަދަދު ހާމަ ކޮށްފައެއް ނުވެއެވެ.
ޙޫޘީން އަތްގަދަ ކޮށްފައިވާ ބިންތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ވެސް އައިޕީސީގެ ފަންނީ މާހިރުންގެ ގުރޫޕުގެ ރިޕޯޓުގައި ހާމަ ކޮށްފައެއް ނުވެއެވެ. ވެރިރަށް ޞަންޢާގެ އިތުރުން ޔަމަނުގެ ބޮޑެތި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކެއް މި ވަގުތު އޮތީ ޙޫޘީންގެ ބާރުގެ ދަށުގައެވެ. ސަޢޫދީ ޢަރަބިއްޔާއިން ވާގިވެރިވާ ޔަމަނުގެ ސަރުކާރު ވެރިކަން ކުރަމުން ދަނީ އެ ޤައުމުގެ ދެކުނުގައި އޮތް ޢަދަނުގައެވެ.
ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އެކުލަވައިލި ގުޅިފައިވާ އަސްކަރީ ލަޝްކަރުން ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ތަދައްޚުލްވެފައި ވަނީ 2015ވަނަ އަހަރުގެ މާރިޗުގައި ޙޫޘީން ޞަންޢާއަށް އަރައި ޔަމަންގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމުންނެވެ. ޙޫޘީން ބުނީ, ޔަމަންގެ ސަރުކާރު ވައްޓައިލާފައި ވަނީ ބޭރުގެ ނުފޫޒު ބޮޑުވެ, ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ޢާންމުވުމާ ގުޅިގެން ކަމުގައެވެ. ޔަމަންގެ ދާޚިލީ ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ޢަދަދު އެތަކެއް ހާހަކަށް އަރައެވެ.