ޚަބަރު

ޢުދުވާން ހުއްޓަން ޔަހޫދީން އެއްބަސް, ދެން އޮތީ ޙަމާސްގެ ރުހުން ހޯދުން: އެމެރިކާ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަން ހާމަ ކުރައްވައި, ދެން އޮތީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ރުހުން ހޯދުން ކަމުގައި އެމެރިކާގެ ޚާޜިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ. ޢުދުވާން ހުއްޓުމާ ގުޅޭ ގޮތުން އެމެރިކާއިން އައު ހުށަހެޅުންތަކެއް ހުށަހަޅާފައި ވަނީ ހުސްވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކުގައެވެ. އެ ބައްދަލުވުންތަކުގައި ޙަމާސުން ބައިވެރިއެއް ނުވެއެވެ.

ނުތަނަވަސްވެފައިވާ މެދުއިރުމަތީގެ މައްސަލަ ފިނި ކުރަން ބްލިންކަން މިހާރު ގެންދަވަނީ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ގޮތުން ޔަހޫދީ ދަޢުލަތަަށް ވަޑައިގަންނަވައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ބްލިންކަން ވިދާޅުވީ, މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު އުފެދިފައި އޮތް ދެބަސްވުންތައް ހައްލު ކުރަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް ޔަހޫދީން ބަލައިގަނެފައިވާ ކަމުގައެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބްލިންކަން ވިދާޅުވީ, އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކީ ޢުދުވާންތައް ނިމުމަކަށް ގެންނަން މި ވަގުތު އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމުގައެވެ. އަދި, ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަން އިޢުލާނު ކުރައްވައި ބްލިންކަން ވަނީ އެ ކަންކަމަށް ރުހުން ދޭން ޙަމާސް ޖަމާޢަތަަށް ގޮވައިލައްވާފައެވެ.

"ކުރިއަށް އޮތީ ޙަމާސުން ވެސް މި ކަމަށް ރުހުން ދިނުން. އެއަށް ފަހު, އެމެރިކާއާއި, މިޞްރާއި ޤަޠަރުގެ އެހީތެރިކަމާ އެކު ސުލްޙައިގެ އެއްބަސްވުމުގެ ކަންކަން އަދި އެއްބަސްވުން ތަންފީޒު ކުރާނެ ގޮތަކާ މެދު މަޝްވަރާކޮށް ޙައްލުތަކެއް ހޯދުން،" ބްލިންކަން ވިދާޅުވިއެވެ.

ހުސްވި ހަފުތާގައި ދަވްޙާގައި ބޭއްވި މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ނެތް ނަމަވެސް, މަޝްވަރާތަކުގެ އައު ބުރެއް މި ހިނގާ ހަފުތާގެ ތެރޭގައި މިޞްރުގެ ވެރިރަށް ޤާހިރާގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާގެ އެހީތެރިކަމާ އެކު މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ. އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުންތައް ޤަޠަރާއި މިޞްރުން ވަނީ ޙަމާސްގެ އިސްވެރިންނާ ހިއްސާ ކޮށްފައެވެ.

"ކޮންމެ ފަހަރު ވެސް ކަން ހިނގަނީ މި ގޮތަށް. ޢުދުވާން ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން އިޢުލާނު ކުރާނެ. އޭގެ އަނެއް ދުވަހު, ޔަހޫދީން އައު ހުށަހެޅުންތަކެއް ހުށަހަޅައި, އެއްބަސްވެފައިވާ ކަންކަމަށް އުނިއިތުރު ގެންނަން ބޭނުންވާނެ. އަދި, އެމެރިކާ އެ ކަމަށް ރުހޭނެ. އެމެރިކާ މި އޮތީ ޔަހޫދީންގެ އަތްދަށުވެފައި. މިއީ, ޔަހޫދީން ގަސްދުގައި ކުރާ ކަމެއް. އޮތީ އެންމެ ބޭނުމެއް. އެއީ ޢުދުވާން ހުއްޓައިނުލައި ދިގުދެންމުން،" ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވިއެވެ.

ޢުދުވާންތައް ހުއްޓުމަކަށް ގެންނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމުގެ ނިޔަތުގައި ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް އިތުރު ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާއިން 35އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އަދި, ޙަމާސުން ވެސް ދަނީ މިނިވަން ކަމަށް ކުރަމުންދާ ޖިހާދު ވަރުގަދަ ކުރަމުންނެވެ. އޮގަސްޓު 18ވަނަ ދުވަހު ވެސް ޙަމާސުން ވަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށް ނުރައްކާތެރި ޙަމަލާއެއް ދީފައެވެ.

ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ, ޢުދުވާނާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ނިކުމެ އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާނެ ކެނޑިޑޭޓު, ނައިބު ރައީސް ކަމަލާ ހެރިސަށް ރަސްމީކޮށް ޓިކެޓު އެރުވުމަށް ފަށާފައިވާ ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަން (ޑީއެންސީ)އާ ގުޅުވައި މުޒާހަރާތައް އިތުރު ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޑީއެންސީ ބާއްވާ ޗިކާގޯގެ މަގުތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ, ޣައްޒާ ޢުދުވާން ކުރިއަށް ގެންދަން އެމެރިކާ ސަރުކާރުން ޔަހޫދީންނަށް އެހީތެރިކަން ފޯރު ކޮށްދިނުން ހުއްޓައިލަން ގޮވައިލައި އަޑު އުފުލަމުންނެވެ.

ޢުދުވާން ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައިވާ ކަމަށް ބްލިންކަން ވިދާޅުވި ނަމަވެސް, ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު އޮތް ދެބަސްވުންތައް ބޮޑެވެ. ޔަހޫދީން ބުނަމުން ދަނީ ޢުދުވާން ނިމުމަކަށް ގެންނާނީ ޙަމާސްގެ ހުރިހާ މުޖާހިދުން ޝަހީދުކޮށްލައި, އެ ޖަމާޢަތް ނައްތައިލުމަށް ފަހުގައި ކަމުގައެވެ. ޙަމާސުން ބުނަމުން ދަނީ, އެއްބަސްވުމެއްގައި ސޮއި ކުރާނީ އަޅުވެތިކަމަށް ނިމުމެއް ގެނެސް ޢުދުވާން ހިންގުން ދާއިމަށް ހުއްޓައިލަން ޔަހޫދީން ރުހުމުން ކަމުގައެވެ.

މީގެ އިތުރުން, ޔަހޫދީން އަތްގަދަ ކޮށްފައިވާ ރަފަޙުގެ ސަރަޙައްދީ ރޮނގުގެ ބާރުތައް ފަލަސްޠީނުގެ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމާއި, ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ހުރަހެއް ނެތި އެ ސަހަރުގެ ތެރޭގައި ދަތުރު ކުރުމުގެ ފުރުޞަތު ދިނުމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުގެ ދެމެދުގައި އޮތީ ދެބަސްވުންތައް އުފެދިފައެވެ. އަދި, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ބަދަލުގައި ޔަހޫދީން މިނިވަން ކުރާނެ ފަލަސްޠީން ރައްޔިތުންގެ ޢަދަދާ މެދު ވެސް ދެ ފަރާތުގެ ދެމެދުގައި އޮތީ ޚިޔާލު ތަފާތުވެފައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,139އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,743އަށް އުފުލިފައެވެ