އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) އަކީ އައު ކޮވިޑް-19 ނޫން ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވިލާތުގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ހާންސް ކްލުގް ވިދާޅުވެއްޖެއެވެ. އެނާ ވަނީ އެމްޕޮކްސަކީ ކޮވިޑް-19އާ ޚިލާފަށް އެ ބަލި ފެތުރުން ހުއްޓުވޭނެ ގޮތްތަށް ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ބައްޔެއް ކަމަށް ވިދާޅުވެފައެވެ.
ގުޅިގެން މަސައްކަތްކޮށްފި ނަމަ، އެމްޕޮކްސް ފެތުރުން ކޮންޓްރޯލްކުރެވޭނެ ކަމަށް ވިދާޅުވެ ހާންސް ވަނީ އެމްޕޮކްސް އައު ވޭރިއަންޓް ތަކަށް އަދި ކުރީގެ ވޭރިއަންޓްކަށް ވެސް ފަރުވާދޭނެ ގޮތް ޞިއްޙީ މާހިރުންނަށް އެނގޭނެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ހާސްކަމުގެ ތެރެއަށް ނުވެއްޓި ހުރިހާ ޤައުމެއް ގުޅިގެން ދުނިޔޭގެ ފެންވަރުގައި ބަލި ފެތުރުން ހުއްޓުވުމުގެ ނިޒާމުތައް ޤާއިމުކުރުމަށް އެނާ ގޮވާލެއްވިއެވެ.
އެމްޕޮކްސް ޖެހިފައިވާ މީހުންގެ ފުށުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ހީކެރުވުމާއި ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި ބައެއް މީހުންގެ މޫނާއި އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ.
ކްލޭޑް 1ބީގެ ނަމުން ނަން ދީފައިވާ އެމްޕޮކްސްގެ އައު ވޭރިއަންޓާ އެކު ބަލި ކޮންޓްރޯލު ނުކުރެވޭ ވަރަށް ފެތުރިދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. އަލަށް ފެނުނު މިވޭރިއަންޓަކީ ބަލީގެ އެހެން ވޭރިއަންޓްތަކަށްވުރެ ފަސޭހައިން ފެތުރޭ ވޭރިއަންޓެކެވެ. މިހާރު ފެނިފައިވާ ކްލޭޑް 2ބީ ވޭރިއަންޓަކީ އެހާ ފަސޭހައިން ފެތުރޭ ވޭރިއެންޓެއް ނޫނެވެ. ނަމަވެސް ވިލާތުގެ ޤައުމުތަކުން ކޮންމެ މަހަކު ވެސް މިހާރު އެ ވޭރިއަންޓްގެ 100 ކޭސް ފެންނަމުންދާ ކަމަށް ހާންސް ފާހަގަކުރައްވައެވެ.
އެމްޕޮކްސް ޢާންމު ގޮތެއްގައި ފެންނަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގުގެ ޤައުމުތަކުގައެވެ. ނަމަވެސް, 2022ވަނަ އަހަރު އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި, 70އަށްވުރެ ގިނަ ޤައުމުން އެ ބަލި ޖެހިފައިވާ މީހުން ދެނެގަނެވުނެވެ. އަނެއްކާވެސް މިވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިދާނެ ކަމަށް ބަލައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނުކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ.