ޔޫކްރެއިންގެ އިރުމަތީގައިވާ ރަށްތައް ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް އަމާޒުކޮށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަން ޔޫކްރެއިނުން ހާމަކޮށްފިއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ރަޝިޔާއިން އެންމެ ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނީ ތޯރެތުސްކާއި ޕޮކްރޮވްސްކާއަށް ކަމުގައެވެ. އެއީ, ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދެ އަވަށެވެ.
އޭގެ ތެރެއިން ތޯރެތުސްކް ދިފާޢު ކުރަން މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް އަމާޒުކޮށް އޮގަސްޓު 19ވަނަ ދުވަހު އެކަނިވެސް ރަޝިޔާއިން 21 ފަހަރެއްގެ މަތިން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ. އަދި, ޕޮކްރޮވްސްކާއަށް އަރައިގަންނަން ރަޝިޔާގެ ފައުޖުތަކުން 63 ފަހަރު މަސައްކަތް ކޮށްފައިވާ ކަން ވެސް ޔޫކްރެއިނުން ހާމަކުރިއެވެ. އެއީ, މި ވަގުތު ދެ ޤައުމުގެ ސިފައިންގެ މެދުގައި އެންމެ ވަރުގަދައަށް ޙަމަލާތައް ބަދަލު ކުރަމުންދާ ދެ ސަރަޙައްދެވެ.
ރަޝިޔާގެ ފައުޖުތަކުން މިހާރު އޮތީ ޕޮކްރޮވްސްކާގެ ރަށް ބޭރުގައެވެ. ހަނގުރާމައިގެ ކުރިން 67,000 މީހުންގެ އާބާދީއެއް އޮތް ޕޮކްރޮވްސްކާ ރަޝިޔާގެ ޙަމަލާތަކުން ދިފާޢު ކުރުމަކީ ޔޫކްރެއިންގެ ސިފައިންނަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ޕޮކްރޮވްސްކާގައި މި ވަގުތު ތިބި ޢާންމު ރައްޔިތުން އެ ސަރަޙައްދުން ފޭބުމަށް ވެސް ޔޫކްރެއިނުން ވަނީ ގޮވައިލާފައެވެ.
ޔޫކްރެއިންގެ އިރުމަތީގައިވާ ރަށްތައް ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އަމާޒުކޮށް ރަޝިޔާގެ ފައުޖުން ދެމުންދާ ޙަމަލާތައް ވަރުގަދަ ކުރަން ފަށާފައި މި ވަނީ, ރަޝިޔާގެ ކޫރްސްކަށް ސިފައިން ފޮނުވައި, ބައެއް ރަށްތަކާއި އަވަށްތަކަށް ޔޫކްރެއިންގެ ސިފައިން އަތްގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކްގެ ސޫޖްދާއަށް ޔޫކްރެއިންގެ ސިފައިން އަރައިގަނެފައި ވަނީ އޮގަސްޓު 6ވަނަ ދުވަހު ދިން ކުއްލި ޙަމަލާތަކަކަށް ފަހުއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ އެ ޤައުމުގެ ސިފައިން ކޫރްސްކްގެ 1,250 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާ ކަމުގައެވެ. އެއީ, މި އަހަރުގެ ތެރޭގައި ރަޝިޔާއިން ވެރިވެގަތް ޔޫކްރެއިންގެ ބިމާ އެއްވަރުގެ ސަރަޙައްދެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ކުރިއެރުންތަކާ އެކު, ޔޫކްރެއިންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
"ހަނގުރާމައިގެ ކުރީ ސަފުގައި ރަޝިޔާގެ ފައުޖުތަކާ ކުރިމަތިލަމުންދާ ސިފައިންނަށް ވަނީ އައު ހިތްވަރެއް ލިބިފައި. އެ ކަމާ މެދު އަޅުގަނޑު ހައިރާންވޭ. ސަބަބަކީ, އެ މީހުންގެ ހާލަތަށް, އަދި ހަނގުރާމައިގެ ކުރީ ސަފަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތް،" އަސްކަރީ ދާއިރާގެ މަސްރަޙު ދިރާސާ ކުރައްވާ މިޚައިލޯ ޜީރޯޚޮވް ވިދާޅުވިއެވެ.
ޔޫކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އޮލެކްސީ ހޮންޗަރެންކޯ ވިދާޅުވީ ކޫރްސްކް ޢުދުވާނާ އެކު ސުލްޙަ ގާއިމު ކުރަން އިތުރު ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމުގައެވެ. "100 ސުލްޙައިގެ ސަމިޓު ބާއްވައިގެން ލިބޭނެ ކުރިއެރުންތަކަށް ވުރެ މާ ބޮޑު ކުރިއެރުމެއް ކޫރްސްކް ޢުދުވާނާ އެކު ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް, ކޫރްސްކް ޢުދުވާނާ ގުޅިގެން ޔޫކްރެއިންގެ ރަށްތަކުގައި ރަޝިޔާގެ އަސްކަރިއްޔާއިން އަމަލު ކުރަމުންދާ ސިޔާސަތުތަކަށް ބަދަލެއް ގެނެސްފައެއް ނެތެވެ. އަދި, ޔޫކްރެއިންގެ ދެކުނުގައި އޮތް ދޮންބާސަށް ވެރިވެގަންނަން ރަޝިޔާގެ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. "[ރަޝިޔާގެ ރައީސް ވްލަޑިމިޔަރ] ޕުޓިން ވަނީ ސިޔާސީ ނިންމުމެއް ނިންމާފައި. އެއީ, ދޮންބާސަށް އަތްގަދަ ކުރުން،" ޖަރުމަނިވިލާތުގެ ބްރޭމަން ޔުނިވަރސިޓީގެ މާހިރެއް ކަމުގައިވާ ނިކޮލައި މިތްރޯޚިން ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެ ޤައުމުގެ ބިމުން 18 އިންސައްތަ ސަރަޙައްދަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ހިސާބުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.