ޚަބަރު

މަރުވެފައިވާ ހަ އަސީރުންގެ ހަށިގަނޑު ޔަހޫދީ ފައުޖުން ހޯދައިފި


ފަލަސްޠީނުގެ މިިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތް, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު ޔަހޫދީ ފައުޖުން ހޯދައިފިއެވެ. އެ ހަ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސްގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގެ ތެރެއިންނެވެ. އެ ހަ މީހުން މަރުވީ ކޮން ސަބަބަކާ ގުޅިގެން ކަން ސާފެއް ނޫނެވެ. ނަމަވެސް, އެ މީހުން މަރުވީ, ޔަހޫދީ ފައުޖުން ޚާން ޔޫނިސަަށް މެދުކެނޑުމެއް ނެތި ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ހަ ޔަހޫދީންގެ ހަށިގަނޑު ފެނުމާ އެކު ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ވަކާލާތު ކުރާ ޖަމުޢިއްޔާ, ހޮސްޓޭޖަސް ފެމިލީސް ފޯރަމުން ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުން މިނިވަން ކުރަން މުޖާހިދުންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވައިލާފައެވެ.

"[ޙަމާސްގެ ބެލުމުގެ ދަށުގައި] ބާކީ ތިބި 190 އަސީރުން މިނިވަން ކުރެވޭނީ [ޙަމާސާ އެކު] މަޝްވަރާ ކޮށްގެން. ނެގޯޝިއޭޓަރުންގެ އެހީތެރިކަމާ އެކު މިހާރު ކުރަމުުންދާ މަޝްވަރާތަކުގައި, އެއްބަސްވުމެއް ފައިނަލްކޮށް ސޮއި ކުރަން އިސްރާއީލުގެ ސަރުކާރަށް ގޮވައިލަން،" އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަމަވެސް, މުޖާހިދުންނާ އެކު އެއްބަސްވުމެއްގައި ސޮއި ކުރަން ހައްދުފަހަނަ އެޅި ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. އަދި, އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ.

ނުތަނަވަސްވެފައިވާ މެދުއިރުމަތީގެ މައްސަލަ ފިނި ކުރަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިހާރު ގެންދަވަނީ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ގޮތުން ޔަހޫދީ ދަޢުލަތަަށް ވަޑައިގަންނަވައި ނިރުބަވެރި ނަތަންޔާހޫއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ބްލިންކަން ވިދާޅުވީ, މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު އުފެދިފައި އޮތް ދެބަސްވުންތައް ހައްލު ކުރަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް ޔަހޫދީން ބަލައިގަނެފައިވާ ކަމުގައެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބްލިންކަން ވިދާޅުވީ, އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކީ ޢުދުވާންތައް ނިމުމަކަށް ގެންނަން މި ވަގުތު އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމުގައެވެ. އަދި, ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަން އިޢުލާނު ކުރައްވައި ބްލިންކަން ވަނީ އެ ކަންކަމަށް ރުހުން ދޭން ޙަމާސް ޖަމާޢަތަަށް ގޮވައިލައްވާފައެވެ.

"ކުރިއަށް އޮތީ ޙަމާސުން ވެސް މި ކަމަށް ރުހުން ދިނުން. އެއަށް ފަހު, އެމެރިކާއާއި, މިޞްރާއި ޤަޠަރުގެ އެހީތެރިކަމާ އެކު ސުލްޙައިގެ އެއްބަސްވުމުގެ ކަންކަން އަދި އެއްބަސްވުން ތަންފީޒު ކުރާނެ ގޮތަކާ މެދު މަޝްވަރާކޮށް ޙައްލުތަކެއް ހޯދުން،" ބްލިންކަން ވިދާޅުވިއެވެ.

ހުސްވި ހަފުތާގައި ދަވްޙާގައި ބޭއްވި މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ނެތް ނަމަވެސް, މަޝްވަރާތަކުގެ އައު ބުރެއް މި ހިނގާ ހަފުތާގެ ތެރޭގައި މިޞްރުގެ ވެރިރަށް ޤާހިރާގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާގެ އެހީތެރިކަމާ އެކު މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ. އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުންތައް ޤަޠަރާއި މިޞްރުން ވަނީ ޙަމާސްގެ އިސްވެރިންނާ ހިއްސާ ކޮށްފައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,173އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,857އަށް އުފުލިފައެވެ.