ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނަށް ގޮވައިލައްވައިފިއެވެ. އޭނާ އެ ކަމަށް ބާރު އަޅުއްވާފައި ވަނީ, ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަޙު ފިނި ކުރުމަށާއި, ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރިއެރުވުމަށް މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރު ނިންމަވައިލައްވަމުންނެވެ.
އެ ދަތުރުފުޅުގައި ބްލިންކަން ވަނީ ޔަހޫދީ ދައުލަތަށް ވަޑައިގަންނަވައި އެ ޤައުމުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު, މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރާ ޤަޠަރާއި މިޞްރަށް ވަޑައިގަންނަވި, އެ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަމުން ދަނީ އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ.
ހުސްވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކަށް އެމެރިކާއިން ވަނީ އައު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެ ބައްދަލުވުންތަކުގައި ޙަމާސުން ބައިވެރިވެފައެއް ނުވެއެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު ބްލިންކަން ވިދާޅުވީ, އެމެރިކާގެ ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައެވެ. އަދި, ކުރިއަށް އޮތީ, އެ ކަންކަމަށް ޙަމާސްގެ ރުހުން ހޯދުން ކަމުގައެވެ. ޤަަޠަރާއި މިޞްރުން ވަނީ އެމެރިކާގެ އައު ހުށަހެޅުންތައް ޙަމާސާ ހިއްސާ ކޮށްފައެވެ. ނަމަވެސް, ޙަމާސުން އެ ހުށަހެޅުންތަކަށް ރަސްމީ ގޮތުން ޖަވާބު ދީފައެއް ނެތެވެ.
"ވީ އެންމެ އަވަހަކަށް, ކުރިއަށް އޮތް ދުވަސްތަކުގައި, އެއްބަސްވުމެއް އެކުލަވައިލަން ޖެހޭ. އެއްބަސްވުން ކާމިޔާބީއަކަށް ހެދުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" ދަވްޙާގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބްލިންކަން ވިދާޅުވިއެވެ. ބްލިންކަންގެ ވަފުދުގައި ހިމެނޭ އޮފިޝަލަކު ބުނީ, ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުކެނޑިފައި އޮތް މަޝްވަރާތައް މި ހަފުތާގައި އަލުން ފަށާނެ ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.
ޢުދުވާންތައް މެދުކަނޑައިލި ނަމަވެސް, ޣައްޒާގައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބޭތިއްބުމަށް ނިރުބަވެރި ނަތަންޔާހޫ ބްލިންކަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. "ދިގު މުއްދަތަކަށް އިސްރާއީލުގެ ސިފައިން ޣައްޒާގައި ތިބުން އެމެރިކާއިން ބަލައި ނުގަންނާނެ. ޣައްޒާގައި ތިބި [އިސްރާއީލުގެ ސިފައިން] ފޭބުމަށް އެއްބަސްވުމުގައި ތާވަލެއް ހިމަނާފައިވާނެ. އެ ތާވަލަށް އިސްރާއީލުން ވަނީ އެއްބަސްވެފައި،" ބްލިންކަން ވިދާޅުވިއެވެ.
ނަމަވެސް, ޣައްޒާގެ އެއްވެސް ސަރަޙައްދެއްގައި ޔަހޫދީ ސިފައިން ބޭތިއްބުމަކީ ޙަމާސުން ވެސް އަދި މިޞްރުން ވެސް އެއްބަސްވާނެ ކަމެއް ނޫނެވެ. މިޞްރުގެ ސަލާމަތީ ދާއިރާގެ އޮފިޝަލަކު ބުނީ, ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގަށް ބައިނަލްއަޤުވާމީ ސުލްޙަ ބަލަހައްޓާ ސިފައިންގެ ފައުޖެއް ފޮނުވަން އެމެރިކާއިން ހުށަހަޅާފައިވާ ކަމުގައެވެ. އެ ފަދަ ކަމަކަށް މިޞްރުން އެއްބަސްވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް ނަން ހާމަ ކޮށްފައި ނުވާ މިޞްރުގެ އޮފިޝަލު ބުންޏެވެ.
"ޢުދުވާންތައް ހުއްޓައިލުމަކީ, މުޅި ދުނިޔެއިން ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ބަލައިގަތުމުގެ ފެށުމަށް ވާން ޖެހޭނެ. އަދި, ދެ ދަޢުލަތް ގާއިމުކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ޖެހޭނެ. ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަވެރި ކަން ދެމެހެއްޓޭނީ އެ ގޮތުގެ މަތިން،" ބްލިންކަނާ ބައްދަލު ކުރެއްވުމަށް ފަހު މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ވިދާޅުވިއެވެ.
މި ވަގުތު އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކީ ޣައްޒާ ޢުދުވާން ނިމުމަކަށް ގެނެސް, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރަން އޮތް އެންމެ ރަނގަޅު, އަދި އެންމެ ފަހު ފުރުޞަތުގެ ގޮތުގައި ދެކޭ ކަމުގައި ބްލިންކަން ވަނީ ވިދާޅުވެފައެވެ. މި ކަމާ ގުޅޭ ގޮތުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވީ, "[ޔަހޫދީން] ފަތުރަމުންދާ ދޮގުތައް ދިފާޢު ކުރަން ބްލިންކަން މަސައްކަތް ކުރައްވަމުން ގެންދަވާ" ކަމަށާއި, "އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވަނީ އެ ސަބަބާ ގުޅިގެން" ކަމުގައެވެ. ޙަމާސުން ތުހުމަތު ކުރާ ގޮތުގައި އެއްބަސްވުމެއްގައި ސޮއި ކުރަން ދެކޮޅު ހަދަމުން ދަނީ ޔަހޫދީންނެވެ.
ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީ ވިދާޅުވީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެސް, އަސީރުން މިނިވަން ކުރުމަށް ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމުގައެވެ. އަދި, މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރުމުގައި ޤަޠަރުން ދެމި އޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,173އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,857އަށް އުފުލިފައެވެ.