ޚަބަރު

އީރާނުގެ ރައްދު ޙަމަލާތަކަށް އިންތިޒާރު ކުރުން ނޫން ގޮތެއް ޔަހޫދީންނަކަށް ނެތް


ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާ އީރާނުން ޙަމަލާތައް ފަށާނެ ވަކި ތާރީޚަށް ހާމަ ކޮށްދޭން ނޭނގޭ ކަމަށް ބުނެ, އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީން އިތުރު ހާސް ކަމެއްގެ ތެރެއަށް ވައްޓައިލައިފިއެވެ. ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފައި ވަނީ, ޖުލައި 31ވަނަ ދުވަހު އެ ޤައުމުގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާއާ ގުޅިގެންނެވެ.

އެ ޙަމަލާގައި ޔަހޫދީން ވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރާ އެކު ޔަހޫދީން ވަނީ ތެޅިފޮޅެން ފަށާފައެވެ. އަދި, ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ.

އައިއާރްޖީސީގެ ތަރުޖަމާނު ޢަލީ މުޙައްމަދު ނަޔިނީ ވިދާޅުވީ, ބަދަލު ހިފުމަށް އީރާނުގެ ވަރުގަދަ ލަޝްކަރުން ތައްޔާރަވަމުން ދިޔަ ނަމަވެސް, ޔަހޫދީންނަށް ޙަމަލާތައް ދޭން ފަށާނެ ވަކި ތާރީޚެއްއ އަދި ޙަމަލާ ދޭނެ ގޮތެއް ދަންނަވަން ނޭނގޭ ކަމުގައެވެ. އަދި, ޔަހޫދީން ހާސް ކަމުގެ ތެރޭގައި އެތަކެއް ދުވަހަކު މަޑު ކުރަން ޖެހިދާނެ ކަމުގައެވެ. އޭނާގެ ބަސްފުޅުތަކާ ގުޅިގެން ޔަހޫދީންނަށް ވަނީ އިތުރު ހާސް ކަމާއި ބިރުވެރިކަން ކުރިމަތިވެފައެވެ.

"ވަގުތު އޮތީ އަޅުގަނޑުމެންނާ އެކު. އަޅުގަނޑުމެންގެ ރައްދު ޙަމަލާއަކަށް ޔަހޫދީން އެތަކެއް ދުވަހަކު އިންތިޒާރު ކުރަން ޖެހިދާނެ،" ނަޔިނީ ވިދާޅުވިއެވެ. އަދި, އީރާނުން ދޭނެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކުގެ އިންތިޒާރުގައި މަޑުކޮށްގެން ތިބުމަށް އޭނާ ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ.

އޭޕްރިލް މަހު ވެސް އީރާނުން ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އައިއާރްޖީސީން ވަނީ 300އަށްވުރެ ގިނަ ޑްރޯނާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައެވެ. ޔަހޫދީންގެ މަދަދުގާރުންގެ އެހީތެރިކަމާ އެކު އެ މީހުން ވަނީ އީރާނުގެ ޙަމަލާތައް ދިފާޢު ކޮށްފައެވެ. ނަޔިނީ ވިދާޅުވީ, ހަނިއްޔާ ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާގެ ރައްދުގައި އީރާނުން ދޭނީ އެ ފަދަ ޙަމަލާތަކެއް ކަން ކަށަވަރު ކޮށް ބުނެދޭން ނޭނގޭ ކަމުގައެވެ. އަދި, އިންތިޒާރު ކުރުން ނޫން އިތުރު ގޮތެއް ޔަހޫދީންނަށް ނެތް ކަމުގައެވެ.

އީރާނާއި އެކްސިސުން ޔަހޫދީންނަށް އަމާޒުކޮށް ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް އިސްރާއީލުން ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވާއިރު ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވެސް ވަނީ ޔަހޫދީންގެ ދިފާޢުގައި ތެދުވެފައެވެ. އަދި, ޔަހޫދީގެ ދަޢުލަތުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެ ގޮތުން, އެމެރިކާއިން ވަނީ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި, ސްޓްރައިކް ގުރޫޕުތަކާއި އަސްކަރީ ސަބްމެރިންތައް މެދުއިރުމައްޗަށް ފޮނުވަން ފަށާފައެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ދެކޮޅު ހަދަމުންދާތީއެވެ. އަދި, ހަނިއްޔާ ޝަހީދު ކޮށްލުމުގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވެސް ނިރުބަވެރި ޙަމަލާއެއްދީ އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލާފައެވެ.

ޣައްޒާ ޢުދުވާން ހުއްޓުމަށް ބާރު އެޅުމުގެ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާއިން ދަނީ ނަމެއްގައި ބައިވެރިވަމުންނެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ނަޔިނީ ވިދާޅުވީ, އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ ހެޔޮ ނިޔަތެއްގައި ކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. "އެމެރިކާއިން އެ އުޅެނީ ހެޔޮ ނިޔަތެއްގައި ކަން ބަލައެއް ނުގަންނަން. އެމެރިކާއަކީ ޣައްޒާ ޢުދުވާނުގެ ބޮޑު ބައިވެރިއެއް،" އޭނާ ވިދާޅުވިއެެވެ.

އޭނާ އިޝާރާތް ކުރައްވާފައި ވަނީ, ޣައްޒާ ޢުދުވާން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް އެމެރިކާއިން ޔަހޫދީންނަށް ފޯރު ކޮށްދެމުންދާ އަސްކަރީ އެހީތެރިކަމަށެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި އެންމެ ގިނައިން ބޭނުން ކުރަނީ އެމެރިކާއިން ފޮނުވަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮންތަކާއި މިސައިލްތަކެވެ. ހުސްވި އަހަރު ޣައްޒާ ޢުދުވާން ފެށި ފަހުން ވެސް އެމެރިކާއިން އެތަކެއް ހާސް ޓަނުގެ ނުރައްކާތެރި ބޮމާއި މިސައިލް ޔަހޫދީންނަށް ފޮނުވާފައިވެއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,173އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,857އަށް އުފުލިފައެވެ.