ރަތް ކަނޑުގައި ޔަމަންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ ތެޔޮ އުފުލާ ޓޭންކަރަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ ކަނޑުމަގުން ކުރާ ވިޔަފާރިއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ންނެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޯޔޫނިއަންގެ ނަން ދީފައިވާ އުޅަނދަކަށެވެ.
ޔޫކޭއެމްޓީއޯން ބުނީ, މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން އެ އުޅަނދަށް ތިން ފަހަރު ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި, ކުޑަ ދެ އުޅަނދެއްގައި ތިބި ހަތިޔާރު އެޅި ބަޔަކު ވެސް އުޅަނދަށް ބަޑީގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. 25 ފަޅުވެރިން ތިބި ސޯޔޫނިއަނަށް ދިން ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ޔޫކޭއެމްޓީއޯން ބުންޏެވެ. ނަމަވެސް, ޙަމަލާތަކާ ގުޅިގެން އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ ހާދިސާ ހިނގާފައި ވަނީ ޔަމަންގެ ބަނދަރުމަތީ ރަށް އަލް-ޙުދަޔިދާގެ ހުޅަނގުން 142 ކިލޯމީޓަރު ބޭރުންނެވެ. އާގުބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުނި, އެމްބްރީން ވެސް ވަނީ އަލް-ޙުދަޔިދާގެ ހުޅަނގުން ދަތުރު ކުރަމުން ދިޔަ ބޯޓަކަށް ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ސޯޔޫނިއަނަކީ ޑެލްޓާ ޓޭންކަރސް ކިޔާ ކުންފުންޏަކުން އޮޕަރޭޓު ކުރާ އުޅަނދެކެވެ. އެ ހާދިސާއާ ގުޅިގެން އެ ކުންފުނިން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ.
ޔަމަންގެ އައްސޭރިފަށުން ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދެމުން ދަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުންނެވެ. އެ ޖަމާޢަތުން ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ޙަރަކާތެއް ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށެވެ. އަދި, ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށާއި ޔަހޫދީންގެ ރަށްތަކަށް މުދާ ގެންދާ ބޯޓުފަހަރަށެވެ. ނަމަވެސް, ސޯޔޫނިއަނަށް ޙަމަލާ ދީފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑު އަދި އިންޑިޔާ ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯނާއި މިސައިލް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. ޙޫޘީންގެ ޙަމަލާތަކުގައި މިހާތަނަށް ދެ އުޅަނދު ފައްތައިލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, އިތުރު 30ވަރަކަށް އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. އެ ގޮތުން, ރަތް ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުވައި, އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔަމަންގެ ރަށްތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙޫޘީން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި, އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ކަނޑުމަގުން މުދާ އުފުލުގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ކުންފުނިތަކުން ވަނީ އެ ސަރަޙައްދުން ދަތުރު ކުރުން ހުއްޓައިލާފައެވެ. އަދި, ވިލާތާއި އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ދެމެދުގައި މުދާ އުފުލާ ގިނަ އާގުބޯޓު ފަހަރު މިހާރު ދަތުރު ކުރަނީ އެފްރިކާ ބައްރުގެ އެންމެ ދެކުނު ތަނޑި ވަށައިލުމަށް ފަހުއެވެ. އެއީ, ދިގު އަދި ޚަރަދު ބޮޑު ދަތުރެކެވެ. މިއާ އެކު, ކަނޑުމަގުން މުދާ އުފުލުމުގެ ވިޔަފާރިއަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.