ޚަބަރު

އެމްޕޮކްސް ޖެހިފައިވާ މީހަކު ތައިލޭންޑުން ވެސް ފެނިއްޖެ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެމްޕޮކްސް ޖެހިފައިވާ މީހާކު ތައިލޭންޑުން ވެސް ފެނިއްޖެއެވެ. ތައިލޭންޑުން ބަލިޖެހިފައިވާ މީހަކީ މިދިޔަ ހަފުތާގައި އެފްރިކާއަށް ދަތުރުކުރުމަށްފަހު ތައިލޭންޑަށް ދިޔަ މީހެކެވެ. އޭނާ ތައިލޭންޑަށް ގޮސްފައި ވަނީ މެދުއިރުމަތީ ގައުމަކަށް ޓްރާންސިޓް ވުމަށްފަހުއެވެ.

ތައިލޭންޑުގެ ކަމާގުޅުންހުރި އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި ބަލި ޖެހިފައި ވަނީ ވިލާތުގެ ޤައުމަކަށް ނިޞްބަތްވާ އުމުރުން 66 އަހަރުގެ މީހަކަށެވެ. އޭނާ އެފްރިކާއަށް ދަތުރުކުރުމަށްފަހު ތައިލޭންޑަށް ގޮސްފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. އަދި އޮގްސްޓް 15 ވަނަ ދުވަހު އޭނާ ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އޭނާ ތައިލޭންޑަށް އައުމަށްފަހު މާ ގިނަ ބަޔަކާ ބައްދަލުވެފައިވާކަމަށް ނުބެލެވޭ ކަމަށް ތައިލޭންޑުގެ ޞިއްޙައްތާބެހޭ ވުޒާރާއިން ބުނެއެވެ. ނަމަވެސް އޭނާއާ ބައްދަލުވެފައިވާ ކަމަށް ބެލެވޭ 43 މީހުންގެ ޙާލަތު ބަލަމުންދާ ކަމަށް ތައިލޭންޑްގެ ޑިޕާޓްމެންޓް އޮފް ޑިޒީސް ކޮންޓްރޯލުން ބުނެއެވެ.

އެ މީހާއަށް ޖެހިފައި ވަނީ ބަލީގެ ކޮން ވޭރިއެންޓެއްތޯ ބެލުމުގެ މަސައްކަތް ތައިލޭންޑުން ދަނީ ކުރަމުންނެވެ. 2022 ވަނަ އަހަރުން ފެށިގެން ތައިލޭންޑުން ވަނީ އެމްޕޮކްސް ބަލީގެ ކްލޭޑް 2 ވޭރިއަންޓް ޖެހިގެން 800 މީހަކު ރިޕޯޓުކޮށްފައެވެ. އެގައުމުން ކްލޭޑް 1ބީ ވޭރިއަންޓްގެ އެއްވެސް ކޭސްއެއް އަދި ނުފެނެއެވެ. ނަމަވެސް އަލަށް ބަލިޖެހުނު މީހާއަށް ޖެހިފައި ވަނީ ބަލީގެ ކޮން ވޭރިއަންޓެއްތޯ ދެނެގަނެވެންދެން އޭނާއަށް ފަރުވާދެމުން ދަނީ ކްލޭޑް 1ބީ ވޭރިއަންޓްކަމަށް ވިސްނައިގެންނެވެ.

އެމްޕޮކްސް ބަލި ހަލުވިކަމާއެކު ފެތުރެމުންގޮސް އެފްރިކާގެ އިތުރުން ދުނިޔޭގެ އެހެން ސަހަރައްދުތަކަށް ބަލި ފެތުރެން ފެށުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއި ވަނީ ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. ކްލޭޑް 1ބީގެ ނަމުން ނަން ދީފައިވާ އެމްޕޮކްސްގެ އައު ވޭރިއަންޓާ އެކު ބަލި ކޮންޓްރޯލު ނުކުރެވޭ ވަރަށް ފެތުރިދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދިޔަ ނަމަވެސް، އެމްޕޮކްސް އަކީ އައު ކޮވިޑް-19އެއް ނޫން ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.

އެމްޕޮކްސް ޖެހިފައިވާ މީހުންގެ ފުށުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ހީކެރުވުމާއި ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި ބައެއް މީހުންގެ މޫނާއި އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ފާހަގަކުރާ ގޮތުގައި އެމްޕޮކްސް ބަލި މިފަހުން ޖެހުނު ގިނަ މީހުންނަށް، ބަލިޖެހިފައި ވަނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީގުޅޫން ހިންގުމުގެ ސަބަބުންނެވެ.