ޚަބަރު

ކޮންމެ މަސް ދޯންޏަކަށް 3 ޓަނުގެ އައިސް ހިލޭ ދެނީ


  • މިއީ މަސްވެރިންނަށް މަހަށް ފުރުމަށް ހިތްވަރު ދިނުމަށް ނިންމި ނިންމުމެއް

މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ދޯންޏަށް 3 ޓަނު އައިސް ދިނުމަށް ޤައުމީ މަސް ކުންފުނި މިފްކޯއިން ނިންމައިފިއެވެ

މިފްކޯއިން ވިދާޅުވީ މަސްވެރިންނަށް މަހަށް ފުރުވުމަށް ހިތްވަރުދިނުމަށް މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މަސްވެރިންނަށް އައިސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނެއްގެ ސްޓޮކް ހުސްވަންދެން ކަމަށް މިފްކޯއިން ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށްވުމަށްފަހު މިހާރު ވަނީ މަސްވެރިކަން ރަނގަޅުވާން ފަށާފައެވެ. އަދި މިފްކޯއަށް ކިރާ މަހުގެ މިންވަރުވެސް އިތުރުވެފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިކަށް ދަށް ދުވަސްތަކެއް ދިޔަނަމަވެސް މިދިޔަ ދެ ހަފްތާގެތެރޭގައި މަސްވެރިކަން ރަނގަޅުކަމަށެވެ.

ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.