ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީން ދެބަސްވާ މައްސަލަތަކަށް ނަޒަރެއް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ވަނަ ދުވަހުއެވެ. އޭގެ 320 ވަރަކަށް ދުވަސް ކުރިން ފެށި ޢުދުވާނުގެ ދަށުން ކޮންމެ ދުވަހަކު ވެސް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ފުރާނަ ނަގައިލަމުންނެވެ. އަދި, ޝަހީދުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރު ކުރަމުންނެވެ.

މޭ އައްޑަނައަކަށް ދިއްކޮށްގެން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ ޙަމަލާތަކާ ކޮންމެ ދުވަހަކު ކުރިމަތިލަމުން ދަނީ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިތުރުން އިސްލާމިކް ޖިހާދާއި މުޖާހިދުންގެ އެހެން ޖަމާޢަތްތުގެ މެންބަރުންނެވެ. އެ މީހުން އެ ދަނީ, ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި ފުރާނައިން ޤުރުބާންވަމުންނެވެ.

ޔަހޫދީ ފައުޖުގެ ޢުދުވާންތައް ހުއްޓުވައި, ގަތުލުއާންމުތަކަށް ނިމުމެއް ގެނައުމަށް ބައިނަލްއަޤުވާމީ މަސްރަޙުގައި އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ދަނީ ޢަރަބި ދުނިޔެއިންނެވެ. ޚާއްޞަ ގޮތެއްގައި މިޞްރާއި ޤަޠަރުންނެވެ. އެ ދެ ޤައުމުން ދަނީ, ޣައްޒާގެ މުޖާހިދުންނާއި ނިރުބަވެރި ޔަހޫދީންނާ ދެމެދު ސުލްޙަ ގާއިމުކޮށް, ޢުދުވާންތަކަށް ހުއްޓުމެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އަދި, ދެ ފަރާތުގެ ދެމެދުގައި ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަމުންނެވެ.

ހުސްވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް, ޙަމާސުން އެ ވާހަކަތަކުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި, މި ހަފުތާ ނިމުމުގެ ކުރިން މިޞްރުގެ ވެރިރަށް ޤާހިރާގައި މަޝްވަރާތަކުގެ އައު ބުރެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މަޝްވަރާތަކުގައި ނަމެއްގައި ބައިވެރިވަމުންދާ އެމެރިކާއިން ވަނީ ދަވްޙާގެ ބައްދަލުވުންތަކުގައި އައު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ އެ ޤައުމުގެ އައު ހުށަހެޅުންތައް ބިނާ ކޮށްފައި ވަނީ, ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަންކަމުގެ މައްޗަށް ކަމުގައެވެ. އަދި, އައު ހުށަހެޅުންތަކުގެ ބޭނުމަކީ, ދެ ފަރާތުން އެއްބަސްވެފައިވާ ކަންކަން ތަންފީޒު ކުރާނެ ގޮތްތަކާ މެދު އެއްބަސްވުމެއް އެކުލަވައިލަން މަގު ކޮށައިދިނުން ކަމުގައެވެ. އެމެރިކާގެ ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި ވެސް ބްލިންކަން ވިދާޅުވިއެވެ. ނަމަވެސް, ދެ ފަރާތުގެ ދެމެދުގައި އަދިވެސް ބޮޑެތި ދެބަސްވުންތަކެއް އެބަހުއްޓެވެ. ޚިޔާލު ތަފާތުވެފައިވާ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވެއެވެ.

ލާއިންސާނީ ޢުދުވާން ހުއްޓުވުން

ޙަމާސްގެ ޝަރުޠަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޢުދުވާން ހިންގުމަށް ދާއިމީކޮށް ނިމުން ގެނައުމެވެ. އަދި, ކުރިއަށް އޮތް ތަނުގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޣައްޒާއަށް އަރައިގަނެ, ޤަތުލުޢާންމުތައް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ހޯދުމެވެ. ނަމަވެސް, ޔަހޫދީންގެ ޚިޔާލު ތަފާތެވެ. އެ މީހުން ބޭނުން ވަނީ ޙަމާސް ޖަމާޢަތުގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާޢަތުގެ ނަމާއި ވަސް ވެސް ފޮހެލެވެން ދެން ޢުދުވާންތައް ކުރިއަށް ގެންދިޔުމެވެ.

ޣައްޒާ-މިޞްރު ސަރަޙައްދީ ރޮނގު

ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގުގެ ދިގުމިނަކީ 14.5 ކިލޯމީޓަރެވެ. އެ ސަރަޙައްދީ ރޮނގަށް ދީފައިވާ ނަމަކީ ފިލަޑެލްފީ ކޮރިޑޯއެވެ. މޭ މަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޓޭންކުފަހަރާ އެކު އެއްގަމު މަގުން ރަފަޙަށް އަރައި, ސަރަޙައްދީ ރޮނގާއި ސަރަޙައްދީ ހުރަހަށް އަތްގަދަ ކޮށްފައެވެ. ޔަހޫދީން ބޭނުން ވަނީ ޢުދުވާންތައް ހުއްޓައިލި ނަމަވެސް, ފިލަޑެލްފީ ކޮރިޑޯގެ މައްޗަށް ބާރު ހިންގުމެވެ.

ނަމަވެސް, ޔަހޫދީންގެ ސަރުކާރުގެ ތެރޭގައި ވެސް އެ ކަމާ މެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, މިޞްރު މަގުން ޣައްޒާއަށް ހަތިޔާރު އެތެރެކުރުން ހުއްޓުވަން އެ ތަނުގައި ޔަހޫދީ ސިފައިން ތިބެން ޖެހޭނެ ކަމުގައެވެ. ނަމަވެސް, ޔަހޫދީންގެ ދިފާޢީ އިދާރާތަކުން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ. އަދި, ޙަމާސާއި މިޞްރުން ވެސް, ރަފަޙް ސަރަޙައްދީ ހުރަހުގެ ބާރުތައް ޔަހޫދީންގެ އަތްމައްޗަށް ދޫކޮށްލަން ނުގަބޫލެވެ.

ޣައްޒާގެ އެތެރޭގައި ދަތުރު ކުރުމުގެ މިނިވަން ކަން

މީގެ ދިހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާގެ އާބާދީގެ 2.3 މިލިޔަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި, އެ މީހުންނަށް އެތަކެއް ފަހަރަކު, ރައްކާތެރި ހިސާބުތަކަށް ހިޖުރަ ކުރަން މަޖުބޫރުވިއެވެ. ޢުދުވާން ހުއްޓައިލުމުން, އެ މީހުންގެ ވަޒަނަށް އެނބުރި ދާން އެ މީހުން ބޭނުންވާނެއެވެ. ނަމަވެސް, ޔަހޫދީން ދަނީ އެ މީހުންނަށް އެ ފުރުޞަތު ދޭން ދެކޮޅު ހަދަމުންނެވެ.

ޔަހޫދީން ބުނީ, ޢުުދުވާންތައް ހުއްޓައިލި ނަމަވެސް, އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަ ކޮށްފައިވާ މީހުންނަށް އެ މީހުންގެ ގެދޮރަށް އެނބުރި ދެވޭނީ ޔަހޫދީ ފައުޖުގެ ޗެކްޕޮއިންޓުތަކުން ބަލައިފާސްކޮށް, އެ ކަމަށް ހުއްދަ ދިނުމުން ކަމުގައެވެ. ނަމަވެސް, ޙަމާސުން ބުނީ, ޣައްޒާގެ ތެރޭގައި މިނިވަން ކަމާ އެކު އެ ސަހަރުގެ ރައްޔިތުންނަށް އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ މިނިވަން ލިއްބައިދޭން ޖެހޭނެ ކަމުގައެވެ.

އަސީރުން ބަދަލު ކުރުން

މުޖާހިދުންނާއި ހައްދުފަހަނަ އެޅި ޔަހޫދީންނާ މެދު މިހާރު މަޝްވަރާ ކުރަމުން ދަނީ ތިން މަރުހަލާއަކަށް ބެހިގެންވާ މަގުޗާޓަކާ މެދުގައެވެ. މޭ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ މަގުޗާޓުގައި އޮތީ, ޙަމާސްގެ މުޖާހިދުންގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން, އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރުމަށެވެ. ނިރުބަވެރި ނަތަންޔާހޫ ބުނީ, އެ ޢަދަދު އިތުރު ކުރަން ބޭނުންވާ ކަމުގައެވެ.

ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ޢަދަދު 115އަށް އަރައެވެ. އެ މީހުން މިނިވަން ކުރުމުން, އެ މީހުންގެ ބަދަލުގައި ޔަހޫދީ ފައުޖުން ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުން ވެސް މިނިވަން ކުރަން ޖެހޭނެއެވެ. ނަމަވެސް, ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު މިނިވަން ކުރަން ހައްދުފަހަނަ އެޅި ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. އަދި, މިނިވަން ކުރާނެ ބަޔަކު ކަނޑައެޅުމުގެ ބާރު އޭނާއަށް ލިބެން ޖެހޭނެ ކަމަށް ބުނަމުންނެވެ.

އެއްބަސްވުމަކަށް ހުރަސް އެޅުމާއި އެ ކަން ކުށްވެރިކުރުން

ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ޒިންމާ ޙަމާސުން އަޅުވަނީ ނިރުބަވެރި ނަތަންޔާހޫގެ ކޮނޑުގައެވެ. ކުށްވެރި ކުރަނީ އޭނާއެވެ. ޙަޤީޤަތަކީ ވެސް އެއީއެވެ. ޢުދުވާން ދިގުދެންމުމުގެ ގޮތުން ނަތަންޔާހޫ ދަނީ, ކޮންމެ މަޝްވަރާ ބައްދަލުވުމެއްގައި އައު ހުށަހެޅުންތަކެއް ހުށަހަޅައި, އެއްބަސްވުމަށް އުނިއިތުރު ގެންނަން މަސައްކަތް ކުރަމުންނެވެ. މިޞްރުން ވެސް އެ ކަމަށް ހެކިވާނެއެވެ. އަދި, އެއީ ޢާންމު ޔަހޫދީންގެ ތެރެއިން ވެސް ގިނަ ބަޔަކު ގަބޫލު ކުރާ ޙަޤީޤަތެކެވެ. އެ ކަން ސާބިތުވާ ހެއްކަކީ, އަނިޔާވެރި ނަތަންޔާހޫގެ އަމަލުތަކާ ދެކޮޅަށް ޔަހޫދީންގެ ރަށްތަކުގައި, ޚާއްޞަކޮށް ވެރިރަށް ތެލް އަވީވުގައި މެދުކެނޑުމެއް ނެތި ކުރަމުންދާ ބިޔަ މުޒާހަރާތަކެވެ.

ޙަމާސުން ގަބޫލު ކުރާ ގޮތުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ އެއްވެސް ހެޔޮ ނިޔަތެއް ނަތަންޔާހޫގެ ކިބައިގައި ނެތެވެ. މިޞްރުގެ ނެގޯޝިއޭޓަރުން ވެސް ވަނީ އޭނާގެ މައްޗަށް އެ ފަދަ ތުހުމަތުތަކެއް ކޮށްފައެވެ. ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމަލުތަކުގެ ފަހަތުގައި އޮތީ ސިޔާސީ މަޤުޞަދުތަކެކެވެ. އަދި, އޭނާގެ އަމިއްލަ އެދުމެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބާ ޖެހެންދެން ޢުދުވާންތައް ދިގު ދަންމަން އަނިޔާވެރި ނަތަންޔާހޫ ބޭނުންވާ ކަމުގައެވެ. އޭނާ އެ ކަމަށް ބޭނުންވާ އެއް ސަބަބަކީ, ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އިންތިޒާރު ކުރުމެވެ. ނޮވެންބަރު 5ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި ހޯއްދަވައިފި ނަމަ, އެމެރިކާއާއި އިސްރާއީލާ ދެމެދުގައި އޮތް ގުޅުންތައް އިތުރު ހަރުފަތަކަށް ކުރިއަށް ގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި, ޓްރަމްޕުގެ ސަރުކާރެއްގައި ޔަހޫދީންނަށް އިތުރު ހަތިޔާރާއި އަސްކަރީ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެ ފަރާތަކުން ދެކެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,223އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,981އަށް އުފުލިފައެވެ.