ރަތް ކަނޑުގައި ޔަމަންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ ތެޔޮ އުފުލާ ޓޭންކަރަކަށް ދިން ވަރުގަދަ ޙަމަލާތަކުގައި އެ އުޅަނދުގައި އަލިފާން ރޯވެ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ކަނޑު ދަތުރުފަތުރާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ން ހާމަކޮށްފިއެވެ. ސޯޔޫނިއަންގެ ނަން ދީފައިވާ ގްރީސްގެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ ބަނދަރުމަތީ ރަށް އަލް-ޙުދަޔިދާގެ ހުޅަނގުން 77 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށެވެ.
ގްރީސްގެ ކަނޑު ދަތުރުފަތުރާ ބެހޭ ވުޒާރާއީ ޔޫކޭއެމްޓީއޯން ބުނީ ތެޔޮ ޓޭންކަރަށް ޙަމަލާ ދީފައި ވަނީ ހަތިޔާރު އެޅި ބަޔަކު ތިބި ދެ ކުޑަ އުޅަނދު, ތެޔޮ ޓޭންކަރާ ކައިރި ކުރުމަށް ފަހުގައި ކަމުގައެވެ. ޙަމަލާތަކުގައި ޓޭންކަރުގައި ތިބި 25 ފަޅުވެރިންގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް ޓޭންކަރުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, އުޅަނދުގެ އިންޖީނު ހުއްޓި, އޮޔާދާން ފަށާފައިވާ ކަމުގައި ވެސް އެ އިދާރާތަކުން ހާމަކުރިއެވެ. އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ފިލިޕީންސްގެ 23 ރައްޔިތުންނާއި ރަޝިޔާގެ ދެ ފަޅުވެރިންނެވެ.
ސޯޔޫނިއަންއަކީ ޑެލްޓާ ޓޭންކަރސް ކިޔާ ކުންފުންޏަކުން އޮޕަރޭޓު ކުރާ އުޅަނދެކެވެ. އެއީ, ރަތް ކަނޑުން ދަތުރު ކުރަނިކޮށް އެ ކުންފުނީގެ އުޅަނދަކަށް ޙަމަލާ ދީފައިވާ ތިންވަނަ ފަހަރެވެ. އޭގެ ކުރިން ޙަމަލާ ދީފައިވާ އުޅަނދުތަކަކީ ޑެލްޓާ އެޓްލާންޓިކާއާއި ޑެލްޓާ ބްލޫއެވެ. ސޯޔޫނިއަންއަށް ޙަމަލާ ދީފައި ވަނީ ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ކަމަށް ބެލެވުނު ނަމަވެސް, ސޯޔޫނިއަނަށް ޙަމަލާ ދީފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ޔޫކޭއެމްޓީއޯން ބުނީ ޢަދަން ކަނޑުން ދަތުރު ކުރަމުން ދިޔަ އެހެން އުޅަނދަކަށް ވެސް ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, އެސްޑަބްލިޔު ނޯތް ވިންޑް އެކެއްގެ ނަން ދީފައިވާ އާގުބޯޓަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ މިސައިލްތައް ވެއްޓިފައި ވަނީ އުޅަނދު ކައިރިން ކަނޑަށެވެ. އެމެރިކާގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ އާގުބޯޓަށް ދީފައިވާ ޙަމަލާތަކުގައި އެއްވެސް ފަޅުވެރިއެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އެ އިދާރާއިން ހާމަ ކުރިއެވެ.
ޙޫޘީ ޖަމާޢަތުން ޔަމަން ކައިރީގެ ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ޙަރަކާތެއް ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށެވެ. އަދި, ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށާއި ޔަހޫދީންގެ ރަށްތަކަށް މުދާ ގެންދާ ބޯޓުފަހަރަށެވެ. ނަމަވެސް, ސޯޔޫނިއަނަށް ޙަމަލާ ދީފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑު އަދި އިންޑިޔާ ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯނާއި މިސައިލް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. ޙޫޘީންގެ ޙަމަލާތަކުގައި މިހާތަނަށް ދެ އުޅަނދު ފައްތައިލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, އިތުރު 30ވަރަކަށް އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. އެ ގޮތުން, ރަތް ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުވައި, އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔަމަންގެ ރަށްތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙޫޘީން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި, އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ކަނޑުމަގުން މުދާ އުފުލުގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ކުންފުނިތަކުން ވަނީ އެ ސަރަޙައްދުން ދަތުރު ކުރުން ހުއްޓައިލާފައެވެ. އަދި, ވިލާތާއި އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ދެމެދުގައި މުދާ އުފުލާ ގިނަ އާގުބޯޓު ފަހަރު މިހާރު ދަތުރު ކުރަނީ އެފްރިކާ ބައްރުގެ އެންމެ ދެކުނު ތަނޑި ވަށައިލުމަށް ފަހުއެވެ. އެއީ, ދިގު އަދި ޚަރަދު ބޮޑު ދަތުރެކެވެ. މިއާ އެކު, ކަނޑުމަގުން މުދާ އުފުލުމުގެ ވިޔަފާރިއަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.