ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓައިލަން ބައިޑަން ނިރުބަވެރި ނަތަންޔާހޫއަށް ގޮވައިލައްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމުގެ ގޮތުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔަހޫދީ ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރު އަޅުއްވައިފިއެވެ. ވައިޓް ހައުސުން ބުނީ, ބައިޑަން އެ ކަމަށް ގޮވައިލައްވާފައި ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ކަމުގައެވެ.

ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓު, ނައިބު ރައީސް ކަމަލާ ހެރިސް ވެސް ފޯން ކޯލްގައި ބައިވެރިވެ ވަޑައިގެންނެވި ކަމުގައި ވައިޓް ހައުސުން ބުންޏެވެ. ޢުދުވާން ހިންގުން ހުއްޓައިލަން ބައިޑަން ގޮވައިލެއްވި ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް އިތުރުކޮށް ވަރުގަދަ ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާއިން 50އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙަ ގާއިމު ކުރަން ބާއްވަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރުންނެވެ. އެ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި "ޢުދުވާން ހުއްޓައިލައި [ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުން މިނިވަން ކުރުމާ ގުޅޭގޮތުން [މިޞްރުގެ ވެރިރަށް] ޤާހިރާގައި ފެށުމަށް ތައްޔާރުވެފައިވާ ވާހަކަތަކުގައި ހަރުދަނާ މަސައްކަތްތަކެއް ކުރަން" ބައިޑަން އަނިޔާވެރި ނަތަންޔާހޫއަށް ގޮވައިލައްވާފައިވާ ކަމުގައި ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހުސްވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައި ނެތް ނަމަވެސް, ކުރިއަށް އޮތް ހަފުތާ ބަންދުގައި ޤާހިރާގައި މަޝްވަރާތައް އަލުން ފަށަން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް, މުޖާހިދުންނާއި ޔަހޫދީން ވެސް ދަނީ ގޮތް ދޫކުރަން ދެކޮޅު ހަދަމުންނެވެ. ހައްދުފަހަނަ އެޅި ނަތަންޔާހޫ ބުނީ ޣައްޒާ ޢުދުވާނުގެ އަމާޒު ހާސިލު ނުވަނިސް ޢުދުވާން ހުއްޓައިނުލާނެ ކަމުގައެވެ. އެއީ, ޙަމާސް ޖަމާޢަތުގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާޢަތް ނެތިކޮށްލުމެވެ.

ޔަހޫދީންގެ ބައެއް އަމާޒުތައް ދޫކޮށްލަން ނިރުބަވެރި ނަތަންޔާހޫގެ ސަރުކާރުން ނިންމާފައިވާ ކަމަށް ޔަހޫދީންގެ ޓީވީތަކުން ދާދި ފަހުން ރިޕޯޓު ކޮށްފައިވެއެވެ. އެ ކަން ދޮގުކޮށް ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އޮފީހުން ބުނީ, ޔަހޫދީ ފައުޖުން އަތްގަދަ ކޮށްފައިވާ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގުގެ ބާރުތައް ދޫކޮށްލަން އޭނާ އެއްބަސްވެފައި ނުވާނެ ކަމުގައެވެ. ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގުގެ ބާރުތައް ފަލަސްޠީނުގެ ރައްޔިތުންނަށް އަތްމައްޗަށް ދޫކޮށްލުމަކީ ޙަމާސުން ހުށަހަޅާފައިވާ މުހިންމު ޝަރުޠެކެވެ.

ދަވްޙާގައި ބޭއްވި މަޝްވަރާތަކަށް އެމެރިކާއިން ހުށަހަޅާފައިވާ އަައު ހުށަހެޅުންތަކާ މެދު ޙަމާސާއި އިސްލާމިކް ޖިހާދު ޖަމާޢަތުގެ މުޖާހިދުން ވަނީ މަޝްވަރާ ކޮށްފައެވެ. ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ޙަމާސުން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޢުދުވާންތައް ހުއްޓައިލުމަށް ފަހު ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ފޭބުން ހިމެނެއެވެ. އަދި, ކުރިއަށް އޮތް ތަނުގައި އިތުރު ގަތުލުއާންމުތައް ނުހިންގާނެ ކަމުގެ ޔަގީން ކަން އެރުވުން ހިމެނެއެވެ.

ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަޙު ފިނި ކުރުމަށާއި, ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރިއަރުވަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ދާދި ފަހުން ވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވާފައެވެ. ނަމަވެސް, ޔަހޫދީ ދައުލަތަށް މިޞްރުގެ އިތުރުން ޤަޠަރަށް އޭނާ ކުރެއްވި ދަތުރު ނިންމަވައިލައްވާފައި ވަނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ.

މީގެ 10 މަސް ކުރިން ޔަހޫދީ ފައުޖުން ޣައްޒާގައި ފެށި ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަހަރުގެ 30 ސަރަޙައްދަކަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއް އަމާޒު ކޮށްފައިވެއެވެ. ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ, ޣައްޒާ ސިޓީގައި ހުރި މަދަރުސާއަކާއި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮންއަޅައި ހަތަރު މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, 15 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ.

"ޔަހޫދީންގެ ޙަމަލާތަކުގައި ކުޑަކުދިންތަކެއް ޝަހީދު ކޮށްލައި, ޒަޚަމު ކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބުނު. ބައެއް ކުދިން ޝަހީދުވީ ހަށިގަނޑުގައި ރޯވެގެން. މި ވަގުތު ޣައްޒާގައި ކުޑަކުދިންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތް. އެންމެ ފުރަތަމަ ވެސް ޝަހީދު ކުރަމުން ދަނީ ކުޑަކުދިން. ޢުދުވާންތަކަށް ހުއްޓުމެއް ގެނައުން މިހާރު ވެސް މާ ލަސްވެއްޖެ،" ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރުވާ)ގެ ވެރިޔާ ފިލިއްޕޯ ލަޓްޒަރީނީ ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,223އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,981އަށް އުފުލިފައެވެ.