ޚަބަރު

ގިނަ އެއަރލައިންތަކުން މެދުއިރުމައްޗަށް ދަތުރު ކުރުން މެދުކަނޑާލައިފި


މެދުއިރުމަތީގެ މަސްރަޙު މިއިން ޒަމާނަކު ގޯސްނުވާ މިންވަރަކަށް މިއަދު މި ވަނީ ހޫނުވެފައެވެ. މަސްރަޙު ގޯސްވެފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޔަހޫދީން ދަނީ, ޣައްޒާ ޢުދުވާން ހުއްޓައިލަން ދެކޮޅު ހަދަމުންނެވެ. އަދި, ބޭކާރު ބަހަނާ ދައްކައި ޢުދުވާނަށް ނިމުމެއް ގެނައުމަށް މިޞްރާއި ޤަޠަރުން ވިލަރެސް ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އަޅަމުންނެވެ.

ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. ޖުލައި 31 ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ މެދުއިރުމަތީގެ އެއް ބާރުގެ ގޮތުގައި ބެލެވޭ އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއް ދީފައެވެ.

އެ ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ, އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އެ ކަމުގެ ޒިންމާ އުފުލަން ޔަހޫދީން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް, އީރާނުން ތުހުމަތު ކުރާ ގޮތުގައި އެއީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދީފައިވާ ނިރުބަވެރި ޙަމަލާއެކެވެ. އަދި, އީރާނުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤޫލާލަށް ޔަހޫދީން އަރައިގަނެފައިވާ ކަމަށް އެ ޤައުމުން ގަބޫލު ކުރެއެވެ.

ހަނިއްޔާ ޝަހީދު ކޮށްލަން ދިން ނިރުބަވެރި ޙަމަލާއާ ގުޅިގެން އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުގެ ކުރިން, ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ޙަމަލާދީ އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ވެސް ޝަހީދު ކޮށްލާފައެވެ. އެ ކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެ ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންނަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ. ޙިޒްބުاللهއަކީ އެކްސިސްގައި ހިމެނޭ ޖަމާޢަތެކެވެ.

އީރާނާއި އެކްސިސްގެ އިންޒާރުތަކާ އެކު ޔަހޫދީން ވަނީ ބިރުން ތެޅިފޮޅެން ފަށާފައެވެ. އަދި, ދިފާޢީ ފިޔަވަޅުތައް ހަރުދަނާކޮށް, އިތުރު ކޮށްފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވެސް ވަނީ އެ މީހުންގެ ދިފާޢުގައި ތެދުވެފައެވެ. އަދި, އީރާނާއި އެކްސިސުން ދީފާނެ ނުރައްކާތެރި ޙަމަލާއަކުން ޔަހޫދީން ދިފާޢު ކޮށްދިނުމަށް މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތަކާއި, މަތިންދާބޯޓުތަކުގެ އިތުރުން ނުރައްކާތެރި ހަތިޔާރު އުފުލާ ސަބްމެރިންތައް ފޮނުވާފައެވެ.

މެދުއިރުމަތީގެ މަސްރަޙު ގޯސްވެ, ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި, ބައިނަލްއަޤުވާމީ ގިނަ އެއަރލައިންތަކަކުން ވަނީ މެދުއިރުމައްޗަށް ކުރާ ދަތުރުތައް މަދު ކޮށްފައެވެ. އަދި, ޒަޔަނިސްޓު އިސްރާއީލުގެ އިތުރުން ލުބްނާނާއި އުރުދުނަށް ކުރާ ބައެއް ދަތުރުތައް މެދުކަނޑައިލާފައެވެ.

އޭގެ ތެރެއިން ލުބުނާނާއި އުރުދުނަށް އުދުހުން ހުއްޓައިލާފައިވާ ބައެއް އެއަރލައިންތަކުގެ ތެރޭގައި ގްރީސްގެ އޭޖިޔަން އެއަރލައިންސް ހިމެނެއެވެ. އެ އެއަރލައިނުން ބުނީ ސެޕްޓެންބަރު 30އާ ޖެހެންދެން އުރުދުނަށް ކުރާ ދަތުރުތަކުގެ އިތުރުން އޮކްޓޫބަރު 1އާ ޖެހެންދެން ބައިރޫތަށް ކުރާ ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމުގައެވެ. އަލްޖަޒާއިރުގެ އެއަރލައިން, އެއަރ އަލްޖެރީން ވެސް ވަނީ ލުބްނާނަށް ކުރާ ދަތުރުތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑައިލާފައެވެ.

މީގެ އިތުރުން, ބޯލްޓިކްގެ ޤައުމެއް ކަމުގައިވާ ލެޓްވިޔާގެ އެއަރލައިން, އެއަރބޯލްޓިކުން ވަނީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް ކުރާ ދަތުރުތައް އޮގަސްޓު 25އާ ހަމައަށް މެދުކަނޑައިލާފައެވެ. ފަރަންސޭސިވިލާތުގެ ކޭއެލްއެމުން ތެލް އަވީވަށް ކުރާ ދަތުރުތައް އޮކްޓޫބަރު 26އާ ޖެހެންދެން މެދުކަނޑައިލާފައިވާއިރު, އެއަރ ފްރާންސުން ވަނީ ދެ ހަފުތާގެ މެދުކެނޑުމަކަށް ފަހު ބައިރޫތަށް ދަތުރު ކުރަން ފަށާފައެވެ.

ފަރަންސޭސިވިލާތާއި ނެދަރލެންޑްސްގެ ބަޖެޓު އެއަރލައިން, ޓްރާންސޭވިޔާއިން ވެސް ވަނީ ތެލް އަވީވަށް ކުރާ ދަތުރުތައް 2025 މާރިޗު 31އާ ހަމައަށް ހުއްޓައިލާފައެވެ. އެ އެއަރލައިނުން ޢަމާނާއި ބައިރޫތަށް ކުރާ ދަތުރުތައް ނޮވެންބަރު 3ގައި ފަށާނެއެވެ. އިންޑިޔާގެ އެއަރލައިންތަކުން ވެސް ވަނީ ތެލް އަވީވަށް އުދުހުން ހުއްޓައިލާފައެވެ. އޭގެ ތެރޭގައި އިންޑިޔާގެ ޤައުމީ އެއަރލައިން, އެއަރ އިންޑިޔާ ހިމެނެއެވެ. މީގެ އިތުރުން, ހޮންގ ކޮންގުގެ ކެތޭ ޕެސިފިކް އެއަރލައިނުން ވެސް ވަނީ 2025 މާރިޗު 27އާ ޖެހެންދެން ތެލް އަވީވަށް ދަތުރު ކުރުން ހުއްޓައިލާފައެވެ.

އެމެރިކާގެ ނިއު ޔޯކާއި ތެލް އަވީވާ ދެމެދު ޑެލްޓާ އެއަރލައިންސުން ކުރާ ދަތުރުތައް ވެސް އޮތީ ހުއްޓައިލާފައެވެ. އެ ރޫޓުގެ ދަތުރުތައް ދެން ފަށާނީ އޮކްޓޫބަރު 31ގައެވެ. އިނގިރޭސިވިލާތުގެ ބަޖެޓު އެއަރލައިން އީޒީޖެޓުން ތެލް އަވީވަށް ދަތުރު ކުރުން މެދުކަނޑައިލާފައި ވަނީ އޭޕްރިލް މަހުއެވެ. އީޒީޖެޓުން ތެލް އަވީވަށް ދަތުރުތައް ދެން ފަށާނީ 2025 މާރިޗު 30ގެ ފަހުންނެވެ.

ފިންލެންޑުގެ ފިންއެއަރއިން ވަނީ ދަތުރުތަކުގައި އީރާނުގެ ވައިގެ ސަރަޙައްދު ބޭނުން ކުރުން ހުއްޓައިލާފައެވެ. ބަޖެޓު އެއަރލައިންތަކެއް ކަމުގައިވާ އައިބީރިޔާ އެކްޕްރެސް އަދި އިޓަލީވިލާތުގެ އައިޓީއޭ އެއަރލައިންސުން ވެސް ވަނީ ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައެވެ. އެ ދެ އެއަރލައިނުން އަލުން ދަތުރުތައް ފަށާނީ އޮގަސްޓު 25ގެ ފަހުންނެވެ. މީގެ އިތުރުން ޕޮލެންޑުގެ އެލްއޯޓީ އެއަރލައިނުން ވަނީ ތެލް އަވީވާއި ބައިރޫތަށް އުދުހުން ހުއްޓައިލާފައެވެ. އެ އެއަރލައިނުން ވެސް ދެން ދަތުރުތައް ފަށާނީ އޮގަސްޓު 26ގެ ފަހުންނެވެ.

ލުފްތާންސާ ގުރޫޕުގައި ހިމެނޭ ގިނަ އެއަރލައިންތަކުން ވެސް ވަނީ ޢަމާނާއި ތެލް އަވީވުގެ އިތުރުން ބައިރޫތަށް ދަތުރު ކުރުން ހުއްޓައިލާފައެވެ. އެ ސަރަޙައްދުތަކަށް ދަތުރު ކުރުން މެދުކަނޑައިލާފައިވާ ލުފްތާންސާ ގުރޫޕުގެ އެއަރލައިންތަކުގެ ތެރޭގައި ސްވިސް އިންޓަރނޭޝަނަލް އެއަރ ލައިންސް, އޮސްޓްރިޔަން އެއަރލައިންސް, ބްރަސެލްސް އެއަރލައިންސް, ކޮންޑޯ އަދި ޔޫރޯވިންގްސް ހިމެނެއެވެ. އެ އެއަރލައިންތަކުން ޢަމާނަށް އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 27ގައެވެ. އަދި, ތެލް އަވީވަށް ދަތުރު ކުރަން ފަށާނީ ސެޕްޓެންބަރު 2ގައެވެ. އެ އެއަރލައިންތަކުން ބައިރޫތަށް ދަތުރު ކުރަން ފަށާނީ ސެޕްޓެންބަރު 30ގެ ފަހުންނެވެ.

މެދުއިރުމައްޗަށް ދަތުރުތައް މެދުކަނޑައިލާފައިވާ އެއަރލައިންތަކުގެ ތެރޭގައި ވިލާތުގެ އެންމެ ބޮޑު ބަޖެޓު އެއަރލައިން, ރަޔަންއެއަރ ވެސް ހިމެނެއެވެ. އެ އެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 30އަށް ފަހުގައެވެ. މީގެ އިތުރުން, ސިންގަޕޯ އެއަރލައިންސުން ވެސް ވަނީ ދަތުރުތަކުގައި އީރާނުގެ ވައިގެ ސަރަޙައްދު ބޭނުން ކުރުން ހުއްޓައިލާފައެވެ.

އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސުން ވެސް މި ވަގުތު ތެލް އަވީވަށް ދަތުރު ނުކުރާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ އެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައި ވަނީ ޖުލައި 31ގައެވެ. އަދި, އަލުން ދަތުރުތައް ފަށާނެ ތާރީޚެއް އިޢުލާނު ކޮށްފައެއް ނެތެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ, އޮގަސްޓު 8ން ފެށިގެން ނޮވެންބަރު 4އާ ދެެމެދު, ލުބްނާންގެ ވައިގެ ސަރަޙައްދު ބޭނުން ކުރުން ހުއްޓައިލަން އެ ޤައުމުގެ ހުރިހާ އެއަރލައިންތަކަށް އިރުޝާދު ދީފައެވެ