ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ޤަޠަރާއި މިޞްރުގެ ވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ. ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ޣައްޒާގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ. އެ ދެ ޤައުމުގެ ވެރިންނާ ބައިޑަން މަޝްވަރާ ކުރައްވާފައި ވަނީ ސުލްޙައިގެ ވާހަކަތަކުގެ އައު ބުރެއް މިޞްރުގެ ވެރިރަށް ޤާހިރާގައި ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ވައިޓް ހައުސުން ބުނީ ޤަޠަރުގެ އަމީރު އަލް-ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީއާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއާ ފޯނުން ގުޅުއްވައި, ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން ޚާރިޖީ ދާއިރާގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ބައިޑަން ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ. އެ ދެ ބޭފުޅުންނާ ބައިޑަން މަޝްވަރާ ކުރައްވާފައި ވަނީ, ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަން އެމެރިކާއިން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މަޝްވަރާތަކުގައި މި ވަގުތު އެންމެ ބޮޑު ދެބަސްވުމެއް އުފެދިފައިވާ އެއް މައްސަލައަކީ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު, ނުވަތަ ފިލަޑެފްލީ ކޮރިޑޯ ކޮންޓްރޯލް ކުރާނެ ފަރާތަކާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމެވެ. ފިލަޑެލްފީ ކޮރިޑޯ މިހާރު ވެސް އޮތީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަތްދަށުގައެވެ. ޔަހޫދީން ދަނީ, ޢުދުވާން ހުއްޓައިލުމަށް ފަހު ވެސް އެ ތަނުގެ ކޮންޓްރޯލް ދޫކޮށްލަން ދެކޮޅު ހަދަމުންނެވެ. އެ ކަމަށް އެންމެ ބޮޑަށް ބާރު އަޅަމުން ދަނީ ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.
މި މަހުގެ މެދުތެރޭގައި ޤަޠަރުގައި ބޭއްވި މަޝްވަރާތަކުގެ އިތުރުން މިހާރު ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކުގައި ވެސް ޙަމާސުން ބައިވެރިއެއް ނުވެއެވެ. ޙަމާސުން ބުނީ, އެއްބަސްވުމަށް އުނިއިތުރު ގެންނަން ޔަހޫދީންނަށް ފުރުޞަތު ދޭން ބޭނުން ނުވާ ކަމުގައެވެ. ޤަޠަރުގައި ބޭއްވި މަޝްވަރާތަކުގައި އެމެރިކާއިން ހުށަހަޅާފައިވާ އައު ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަން އެ ޤައުމުން އިޢުލާނު ކުރި ނަމަވެސް, މިހާރު ބާއްވަމުންދާ ވާހަކަތަކުގައި ވެސް ހައްދުފަހަނަ އެޅި ނަތަންޔާހޫ އެއްބަސްވުމަށް އުނިއިތުރު ގެންނަން މަސައްކަތް ކުރާނެ ކަމަށް ޙަމާސުން ގަބޫލު ކުރެއެވެ.
ޤަޠަރާއި މިޞްރުން ވިލަރެސްކޮށް ބާއްވަމުންދާ ވާހަކަތަކުގައި އެމެރިކާއިން ވެސް ދަނީ ބައިވެރިވަމުންނެވެ. މަޝްވަރާތަކުގައި އެ ޤައުމުގެ ތަމްސީލު ކުރައްވަނީ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބަރންސާއި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރެޓް މެކްގަރކެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނީ ޙަމާސްގެ ބައިވެރިވުމާ އެކުގައި ކަމުގައެވެ.
"އަޅުގަނޑުމެން [އެމެރިކާގެ ސަފީރުން] ތިބީ ޤާހިރާގައި. އެ މީހުން [މިޞްރާއި ޤަޠަރުގެ އިތުރުން ޔަހޫދީންގެ ނެގޯޝިއޭޓަރުން] ތިބީ ޤާހިރާގައި. އަޅުގަނޑުމެން ބޭނުން ވަނީ ޙަމާސުން ވެސް ބައިވެރިވެ, އެއްބަސްވުމުގައިވާ ކަންކަމާ މެދު މަޝްވަރާ ކުރަން. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ ނަޒަރު ހުއްޓުވާފައި ވަނީ އެ ކަމަށް،" ކަރބީ ވިދާޅުވިއެވެ. ޤާހިރާގައި ކުރިއަށްދާ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި ޢުދުވާން ހުއްޓުމަކަށް ގެންނަން މަސައްކަތް ކުރަމުން މި ދަނީ މެދުއިރުމަތީގެ މަސްރަޙު ހޫނުވެ, ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ މަސްރަޙު ހައްސާސްވެފައި ވަނީ ޔަހޫދީންގެ އަމަލުތަކާ ގުޅިގެންނެވެ.
ޔަހޫދީ ފައުޖުން ވަނީ ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ. އެ ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީން ދެކޮޅު ހެދި ނަމަވެސް, އީރާނުން ގަބޫލު ކުރާ ގޮތުގައި ޔަހޫދީ ފައުޖުުން ވަނީ އެ ޤައުމުުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެފައެވެ. އަދި, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާންގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ދީފައެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,265އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,144އަށް އުފުލިފައެވެ.