ހަނގުރާމައަށް ނިމުމެއް ގެނައުމަށް ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ގޮވައިލައްވައިފިއެވެ. ޔޫކްރެއިންގެ ވެރިރަށް ކީވަށް ކުރެއްވި ދަތުރުގައި ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި މޯދީ ވިދާޅުވީ, ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރުމުގައި ދެ ޤައުމުގެ އެކުވެރިއެއްގެ ދަައުރު އަދާ ކުރަން އިންޑިޔާއިން ތައްޔާރަށް އޮތް ކަމުގައެވެ.
އެއީ, ފަހުގެ ތާރީޚެއްގައި, އަދި 2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އިންޑިޔާގެ ބޮޑުވަޒީރަކު ޔޫކްރެއިނަށް ކުރެއްވި ތާރީޚީ ފުރަތަމަ ދަތުރެވެ. މޯދީ ކީވަށް ވަޑައިގަންނަވާފައި ވަނީ, ރަޝިޔާގެ ފައުޖުން ޔޫކްރެއިންގެ އިރުމައްޗަށް އަތްގަދަ ކުރަމުންދާއިރު, ޔޫކްރެއިނުން ވެސް ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދުގެ ރަށްތަކަށް ވެރިވެގަންނަމުންދާ ދަނޑިވަޅެއްގައެވެ.
ހުސްވި މަހު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް މޯދީ ކުރެއްވި ދަތުރެއްގައި އޭނާ ވަނީ ސުލްޙައަށް އިސްކަން ދިނުމަށް އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް ގޮވައިލައްވާފައެވެ. އެ ދަތުރުގައި މޯދީ ސުލްޙަ އިސް ކުރަން ދެ ޤައުމުގެ ވެރިންނަށް ގޮވައިލެއްވުމުން ޔޫކްރެއިނުން އެއިރު ވަނީ އެ ކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. ސަބަބަކަށްވީ, މޯދީގެ ދަތުރާ ދިމާކޮށް ރަޝިޔާއިން ކީވްގެ ކުޑަކުދިންގެ ހަސްފަތާލަކަށް ބޮންއަޅައި ގިނަ ޢަދަދެއްގެ ޢާންމުން މަރައިލުމެވެ.
"ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނީ ޚާރިޖީ ދާއިރާއިން މަސައްކަތްކޮށް ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކޮށްގެން. ވަގުތު ބޭކާރު ގޮތުގައި ހޭދަ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ހިނގަންވީ އެ މަގުން. ދެ ފަރާތުން ވެސް އިށީނދެ, މި ކާރިސާއިން ސަލާމަތްވެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ،" ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ގާއިމު ކުރަން ކުރެވޭ ކޮންމެ މަސައްކަތެއްގައި އިންޑިޔާއިން ހެޔޮ ނިޔަތުގައި ބައިވެރިވާނެ ކަން ހާމަ ކުރައްވައި މޯދީ ވިދާޅުވިއެވެ.
"އަޅުގަނޑަށް މި ކަމުގައި އެއްވެސް ދައުރެއް އަދާ ކުރުމުގެ ފުރުޞަތު ދީފި ނަމަ, އެކުވެރިއެއްގެ ގޮތުގައި އެ ދައުރެއް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރާނެ ކަމުގެ ޔަގީން ކަން އަރުވަން،" ޒެލެންސްކީ ގާތުގައި މޯދީ ވިދާޅުވިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި މޯދީ ދައްކަވާފައިވާ ވާހަކަތައް ޔޫކްރެއިނުން ބަލައިގަނެފައި ވަނީ ކިހާ މިންވަރަކަށް ކަން ސާފު ނޫން ކަމުގައެވެ. މޯދީ ޒެލްންސްކީއާ ބައްދަލު ކުރައްވާފައި ވަނީ, ނޮވެންބަރު މަހު އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެނައުމަށް ޤައުމުތަކުން ބާރު އަޅަމުންދާ ދަނޑިވަޅެއްގައި ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
މޯދީ ކީވަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމުން ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލުގެ އިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމު ކުރުން މަތީ އިންޑިޔާއިން ދެމިއޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި, ޖުލައިގައި ކީވް ހަސްފަތާލަކަށް ރަޝިޔާއިން ދިން ޙަމަލާގައި ޢާންމުންގެ ބަޔަކު މަރައިލުމާ މެދު މޯދީ ކަންބޮޑުވުން ފާޅު ކުރައްވާފައިވާތީ, އެ ކަން ބަލައިގަންނަ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ހަނގުރާމަ ނިމުމަކަށް ގެނެސް, ހަމަހަމަ ކަމާ އެކު ސުލްޙަ ގާއިމު ކުރުމަކީ ޔޫކްރެއިންގެ މައި އަމާޒު" ކަމުގައެވެ. ނަމަވެސް, ޔޫކްރެއިނުން ސުލްޙަ ވާން ބޭނުން ވަނީ ޝަރުޠުތަކެއްގެ މަތިންނެވެ. އަދި, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމަކަށް ގެނައުމާ މެދު މަޝްވަރާ ކުރުމަށް ދެވަނަ ސުލްޙައިގެ ސަމިޓެއް ބާއްވަން ޒެލެންސްކީ ވަނީ ގޮވައިލައްވާފައެވެ. މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ޔޫކްރެއިނުން ވަނީ ރަޝިޔާއަށް އަރުވާފައެވެ.
ޖޫން މަހު ސްވިޓްޒަލެންޑުގައި ބޭއްވި ސުލްޙައިގެ ސަމިޓުގައި ރަޝިޔާއިން ބައިވެރިވެފައެއް ނުވެއެވެ. އެ ބައްދަލުވުމުގައި އިންޑިޔާއިން ބައިވެރިވި ނަމަވެސް, ރަޝިޔާއާ އެކު އެންމެ ގާތް ގުޅުމެއް ބާއްވަމުންދާ ޗައިނާއިން އެ ބައްދަލުވުމަށް މަންދޫބުން ފޮނުވާފައެއް ނުވެއެވެ. އެ ބައްދަލުވުމުގައި ފާސް ކޮށްފައިވާ ކަންކަމަށް އިންޑިޔާއިން ރުހުން ދީފައި ނުވާ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ވިދާޅުވީ ޔޫކްރެއިނުން ހުށަހަޅާފައިވާ ސުލްޙައިގެ ސަމިޓުގައި ބައިވެރިވުމަކީ ރަޝިޔާއަށް ބޭނުންތެރި ކަމެއް ނޫން ކަމުގައެވެ. ސުލްޙައިގެ ސަމިޓަށް ރަޝިޔާއިން ދެކޮޅު ހަދާ ސަބަބަކީ އޮގަސްޓު 6ވަނަ ދުވަހުން ފެށިގެން ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ކަމުގައި އޭނާ ވިދާޅުވިއެވެ. ޔޫކްރެއިނުން ބުނީ, ކޫރްސްކް ސަރަޙައްދުގެ 100އަށްވުރެ ގިނަ އަވަށަށް އެ ޤައުމުގެ ސިފައިން ވެރިވެގަނެފައިވާ ކަމުގައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގައި ޢާންމުންގެ ފުރާނައަށް ނުރައްކާވަމުންދާ މައްސަލައިގައި އިންޑިޔާއިން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ. ނަމަވެސް, ނިއު ދެއްލީން ދަނީ މޮސްކޯއާ އެކު އިޤުތިޞާދީ އަދި އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންނެވެ. މިއީ, ޔޫކްރެއިނުން ގަޔާވާ ކަމެއް ނޫނެވެ.