ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން ކެމްޕޭން ކުރައްވަމުން ގެންދެވި ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ ކެމްޕޭން ދޫކުރައްވައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވައިފިއެވެ. ކެނެޑީ ޖޫނިއަރއަކީ އަވަހާރަ ކޮށްލާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީއަށް ބޮޑުބޭބެ ކިޔާ ބޭފުޅެކެވެ. އަދި, އަވަހާރަ ކޮށްލާފައިވާ ކުރީގެ އެޓަރނީ ޖެނެރަލް އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ރޮބަރޓް އެފް ކެނެޑީގެ ދަރިކަލުންނެވެ.
ކެމްޕޭން ހުއްޓައިލެއްވުމަށް ފަހު ޓްރަމްޕަށް ތާޢީދު ކުރައްވާ ކަން އިޢުލާނު ކުރައްވައި, 70 އަހަރުގެ ކެނެޑީ ވަނީ އެރިޒޯނާގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޓްރަމްޕާ އެކު ބައިވެރިވެ ވަޑައިގަންނަވާފައެވެ. "އޭނާގެ ކެމްޕޭނަށް އެތަކެއް މިލިޔަން މީހުންގެ ތާޢީދު ލިބުނު. އޭނާ ގެންދަވަނީ ޢާންމުންގެ ކަންބޮޑުވުން އޮތް ބޮޑެތި މައްސަލަތަކުގެ ތެރެއިން ސަރުކާރުތަކުން އަޅައިނުލައި ދޫކޮށްލާފައިވާ ކަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވަމުން،" ކެނޭޑީއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ކެނެޑީ ޓްރަމްޕަށް ތާޢީދު ކުރައްވަން ނިންމެވި ނަމަވެސް, އިންތިޚާބުގައި ޓްރަމްޕަށް ތާޢީދުކޮށް ވޯޓު ދޭނެ މީހުންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. އިންތިޚާބުގައި ޓްރަމްޕް ވާދަ ކުރައްވާނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސާއެވެ.
ކެނެޑީ ވިދާޅުވީ, ޓްރަމްޕަށް ތާޢީދު ކުރައްވަން ނިންމެވުމުގެ ކުރިން ޓްރަމްޕާއި އޭނާގެ މުޝީރުންނާ ބައްދަލު ކުރެއްވި ކަމުގައެވެ. "އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގައި ދެބަސްވާ ގިނަ ކަންތައްތަކެއް އެބަހުރި. ނަމަވެސް, އެއްބަސްވާ ކަންކަން ވެސް ވަރަށް ގިނަ،" ކެނެޑީ ވިދާޅުވިއެވެ. ދެ ބޭފުޅުން އެއްގަލަކަށް އަރުއްވާ ކަންކަމުގެ ތެރޭގައި ސަރަޙައްދީ ރޮނގުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމާއި, ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ފުޅާ ކުރުމާއި, ހަނގުރާމަތައް ހުއްޓުވަން މަސައްކަތް ކުރުން ހިމެނެއެވެ.
ކެނެޑީއާ އެކު ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ, އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ, 1963 ވަނަ އަހަރު އަވަހާރަ ކޮށްލާފައިވާ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ މަރާ ގުޅޭ ތަޙުޤީޤުގެ ލިޔެކިޔުންތައް ޢާންމު ކުރަން ރިޔާސީ ކޮނިޝަނެއް އުފައްދަވާނެ ކަމުގައެވެ. ކެމްޕޭން ދޫކޮށްލައްވަން ކެނެޑީ ނިންމަވާފައިވީ ނަމަވެސް, އޭނާގެ ނަން އަނބުރާ ގެންދަވާފައި ވަނީ އެންމެ 10 ސްޓޭޓެއްގެ ވޯޓު ކަރުދާހުންނެވެ. އެހެން ސްޓޭޓްތަކުގައި އޭނާ ވާދަ ކުރައްވާނެއެވެ.
ތިމާވެށީގެ ދާއިރާގެ ޤާނޫނީ ވަކީލެއް ކަމުގައިވާ ކެނެޑީއަކީ ވެކްސިން ޖެހުމާ ދެކޮޅަށް ވަކާލާތު ކުރާ އެކްޓިވިސްޓެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރައްވާފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ކެނޑިޑޭޓު, ރައީސް ޖޯ ބައިޑަނާ ވާދަ ކުރައްވައި ޓިކެޓު ކާމިޔާބު ކުރެއްވުމަށެވެ. ނަމަވެސް, އެ ކަން ނާކާމިޔާބުވުމުން އޭނާ ވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން ނިންމަވާފައެވެ.
2023ވަނަ އަހަރުގެ ނޮވެންބަރު މަހު ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓެއްގައި އޭނާ ވަނީ 20 އިންސައްތަ މީހުންގެ ތާޢީދު ހޯއްދަވާފައެވެ. އެ ވޯޓުގައި ބަލާފައި ވަނީ, ބައިޑަނާއި ޓްރަމްޕުގެ އިތުރުން ކެނެޑީ ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އިންތިޚާބެއްގެ ނަތީޖާއަކަށެވެ. ނަމަވެސް, މިއަދު މި ވަނީ ހާލަތު ބަދަލުވެފައެވެ. އަދި, ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ރޭހުން ބައިޑަން ފެޔަށް ޖެހިވަޑައިގަންނަވައި, އެ ޕާޓީގެ ކެނޑިޑެސީ ނައިބު ރައީސާ ހެރިސަށް އަރުވާފައެވެ.
ޓްރަމްޕަށް ތާޢީދު ކުރައްވަން ކެނެޑީ ނިންމެވުމުން އޭނާއަށް ވަނީ ގިނަ ބަޔެއްގެ ނުރުހުމާއި ފާޑު ކިޔުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި އޭނާގެ ކޮއްކޯފުޅު މޭރީ ކެރީ ކެނެޑީ ހިމެނި ވަޑައިގަންނަވައެވެ. ޓްރަމްޕަށް ތާޢީދު ކުރައްވަން ކެނެޑީ ނިންމެވުމަކީ ވަރަށް "ހިތާމަވެރި ކަމެއްގެ ހިތާމަވެރި ނިމުމު"ގެ ގޮތުގައި ކެރީ ކެނެޑީ ވަނީ ސިފަ ކުރައްވާފައެވެ. އަދި އެއީ, ކެނެޑީ ޢާއިލާއިން ގަބޫލު ކުރާ ކަންކަމާ ދެކޮޅު ނިންމެވުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ކެމްޕޭނާ ފެޔަށް ޖެހިވަޑައިގަންނަވައި ޓްރަމްޕަށް ތާޢީދު ކުރައްވަން ކެނެޑީ ނިންމަވާފައި މި ވަނީ, އޭނާއަށް އޮތް ތާޢީދު ގެއްލެން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އިޕްސޮސުން އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ފެންނަނީ ކެނެޑީއަށް ތާޢީދު ކުރާ މީހުންގެ ޢަދަދު 20 އިންސައްތައިން 4 އިންސައްތައަށް ވެއްޓިފައިވާ މަންޒަރެވެ. މިއާ އެކު, ކެނެޑީ ޓްރަމްޕާ ގުޅިގެން ހެރިސްގެ ކެމްޕޭނަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ހެރިސްގެ ކެމްޕޭނުން ގަބޫލު ކުރެއެވެ.
މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޑްރެކްސެލް ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސްގެ ދާއިރާގެ މާހިރެއް ކަމުގައިވާ ޕްރޮފެސަރ ވިލިޔަމް ރޮސެންބަރގު ވެސް ވިދާޅުވީ, ކެނެޑީ ޓްރަމްޕާ ގުޅިގެން ހެރިސްގެ ކެމްޕޭނަށް ނުރައްކަލެއް ނެތް ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ކެނެޑީ ޓްރަމްޕާ ގުޅިފައި ވަނީ, ޓްރަމްޕަށް ވެރިކަން ލިބިއްޖެ ނަމަ, ސަރުކާރުން މަތީ މަޤާމެއްގެ ސިޔާސީ ވަަޒީފާއެއް ހޯދުމުގެ ބޭނުމުގައި ކަމުގައެވެ.